ސަރުކާރާ އެންމެ ގާތް ކަމަށް ބުނާ ޤައުމުތަކުން ވެސް ސަރުކާރުގެ ވާހަކަތަކަށް ތާއީދު ނުކުރި ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހު ހަވީރު މ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ ވިދާޅުވީ މިއަދު ދިވެހިރާއްޖޭގައި މިހިނގަނީ ޤާނޫން އަސާސީ ފުނޑުފުނޑު ކޮށްލައި ޤާނޫނު އަސާސީގައިވާ ޤާނޫނީ ވެރިކަން ގެއްލުވާލުމަށް ފަހު ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރި ބޭއިންސާފު ވެރިކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ކޯޓުތައް ޤާނޫނު އަސާސީއާ އެއްގޮތަށް ހިންގުމަށް ހުރަސްއަޅައި ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްގެން ހިންގާ ވެރިކަމެއް ކަމަށެވެ.
އަހުމަދު ޢަބްދުﷲ ވިދާޅުވީ ސަރުކާރުން ދަނީ މިކަންކަން މަތި ޖެހުމަށްޓަކައި ބޭރުގެ އެކިއެކި ޤައުމުތަކަށް ސަރުކާރުގެ މަންދޫބުން ފޮނުވަމުން ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކީ މިސަރުކާރާ އެންމެ ގާތް ކަމަށް ބުނާ ޤައުމުތަކުން ވެސް ސަރުކާރުގެ ވާހަކަތައް ބަލައި ނުގަތުން ކަމަށެވެ.
"މިހާރު އަޑު އިވެނީ ސަރުކާރުން ބޭރުގެ އެންމެ ރަހުމަތްތެރި ތިން ޤައުމަށް ޗައިނާއާއި ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއަށް މަންދޫބުން ފޮނުއްވާ އެސަރުކާރު ތަކުގެ ތާއީދާ މަދަދުވެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަ. އެހެން ނަމަވެސް ގުޅިފައިވާ ޕާޓީތަކަށް އޮތް ހިތްހަމަޖެހުމަކީ ސައޫދީ އަރަބިއްޔާއަށް ފޮނުވި މަންދޫބު އަދި ސައޫދީ އަރަބިއްޔާގެ އެއްވެސް ފަރާތަކާ ބައްދަލުވެފައި ނުވާން. ސައޫދީ އަރަބިއްޔާއަށް މަންދޫބުން ފޮނުވީމާ އެޤައުމުން ނެރުނީ އެޤައުމުގެ ރައްޔިތުން ދިވެހިރާއްޖެއަށް ނުދިއުމަށް ގޮވާލާ ބަޔާން. ސައޫދީން އެހީތެރވާކަށް ގުޅޭކަށް ނެތްކަން އެކަމުން އެނގޭ. ޕާކިސްތާނުން ވެސް ވަނީ ފުރަގަސް ދީފައި. ޗައިނާއަށް ދިޔަ މަންދޫބަށްވެސް މިހެން" އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.