ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން އުޅެނީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ހިންގަމުންދަނީ ނުރައްކާތެރި ބޮޑު ޖަރީމާއެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރީ ގަދަ ބާރުން ކަމަށާއި އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައި ޤާނޫނުތަކާ ޚިލާފަށް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި ބުނެފައި ވަނީ ސިފައިންނާއި ފުލުހުން ބައިވެރިކޮށްގެން ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް ވެރިވެގަންނަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ސިޔާސީ ދައުވާތައްކުރުމުގެ ބޭނުމުގައި ބަންދުކޮށްގެން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ދައުލަތުގެ އެއްބާރުން އަނެއްބާރުގެ މައްޗަށް ވެރިވެގަންނަމުންދާތީ އެކަމާ އިންތިހާއަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ތަޙްޤީޤްކުރުމުގެ ނަމުގައި، ފުލުހުން ކުރަމުންގެންދާ މި ބޮޑު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލާ އުއްތަމަ ފަނޑިޔާރު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ދޮރު ވައްޓާލުމަށްފަހު، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ޙަމީދު ބިންމަތީ ދަމާ ކޫއްތައިގެން ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށާއި އެބޭފުޅުން ދޫނިދޫގައި ބަންދުކޮށް، ހިންގާ ތަހުގީގުތަކަކީ ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ.
"މިކަމުން ދޭހަވަނީ ދިވެހިރާއްޖޭގައި މިހާރު ޤާނޫނުގެ ވެރިކަން ހިނގާ ސަރުކާރެއް ނެތްކަމެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ހިނދު، މިއީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ހިންގޭ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ޖަރީމާއެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ހިނގަމުންދާ ކަންތައްތަކުގެ އަނިޔާވެރިއަކަށް ފުލުހުންނާއި ސިފައިން ނުވުމަށާއި ޤާނޫނީ ހަމަތަކުގެ މަތީން ސަލާމަތީ ހިދުމަތްތަކުން ޢަމަލުކުރުމަށެވެ. ރައީސް ޔާމީން މަސައްކަތްޕުޅު ކުރްއްވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓު އިނދަ ޖައްސާލުމަށް ކަމަށާއި ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވާ ނުވުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ސިފައިންނާއި ފުލުހުންނަށް ގޮވާލާފައިވެއެވެ.