ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ޕީޕީއެމްގެ ހަތަރު ވަނަ ޖަލްސާއެއް މިރޭ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލަން ޖެހޭނެ ގޮތަށް ގާނޫނީ މާއްދާތައް ސަސްޕެންޑް ކުރުމަށް ފަހު މިރޭ ޕީޕީއެމް ޖަލްސާ ބޭއްވުމަށް ތައްޔާރުވަނީ ކާނިވާ ސަރައްދުގައެވެ. އަދި އެ ޖަލްސާއަށްޓަކައި ފުލުހުން ވަނީ އެ ސަރައްދުގައި ހުރި ގިނަ ސައިކަލްތައް ނައިގެން ގެންގޮސްފައެވެ. ހަމަ އެހެންމެ ކާނިވާ ސަރަހައްދަށް ސައިކަލްތަކުގައި ވެސް ނުވަދެވޭނެ ގޮތަށް ވަނީ ބަންދުކޮށްފައެވެ. ސަލާމަތީ ޚިދުމަތްތަކުން ދަނީ އެ ޖަލްސާ އަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީޕީއެމް އިން ޖަލްސާ ބާއްވާ ސަރަހައްދަށް ގޮސް ހުންނަ މީހަކަށް ފަހަރެއްގައި ވެސް ކުއްލި ނުރައްކަލު ހާލަތު އިއުލާނުކޮށް، ގިނަ ހައްގުތަކެއް ހިފަހައްޓާފައިވާކަމުގެ އިހްސާސެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް ކާނިވާ ސަރައްދު ފަހަނާއަޅާ އެމްޑީޕީ ހަރުގެ ކުރިމައްޗަށް ދިއުމުން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ފެންނަނީ އެހެން ކަމެއްގައި އުޅޭތަނެވެ. އެއީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބާއްވާ އެއްވުން ހުއްޓުވުމުގައި މަސައްކަތްކުރާ ތަނެވެ. އާންމުންނާ ކުރިމަތިލާ އެއްވުން ރޫޅާލުމަށް މަސައްކަތްކުރާއިރު ވަރަށް ގިނަ އިން ބުނާ އަޑުއި ވެނީ މިހާރު މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވާހަކައެވެ.
ނޫސްވެރިންނަށް ފުލުހުން އެ ޖަވާބު ދީފައި އެބަހުއްޓެވެ. މަގެއްގައި މަޑުކޮށްލައިގެން ހުންނަ ނޫސްވެރިއަކު ވެސް އެ ސަރައްދުން ފޮނުވާލަނީ މިހާރު ކޮންމެ ވަގުތެއްގައި ކޮންމެ މީހަކު ވެސް ސަބަބެއް ނެތި އެ ތަނަކުން ފޮނުވާލެވިދާނެ ކަމަށް ބުނެއެވެ.
އެހެން ނަމަވެސް މި ހާލަތު ނެތީ ޕީޕީއެމްގެ ރައީސް ޔާމިން ފެކްޝަނަށް އެކަންޏެވެ. ގައުމީ ސަލާމަތަށް މިހާ ނުރައްކާތެރިވެފައިވާ ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އެންމެ ފުރަތަމަ ވަޑައިގެން ޖަލްސާ ބޭއްވީ ރުމާލު 2 ޖަގަހައިގައެވެ. އެ ޖަލްސާ ސެކިއުރިޓީ ބަލަހައްޓަންދޭން ގިނަ އަދަދެއްގެ ސިފަ އިން އެ ސަރައްދުގައި ހަރަކާތްތެރިވިއެވެ.
އޭގެ ފަހުން ދެން ރައީސް ބޭއްވެވީ ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް މެމްބަރުންގެ ފޯމް ހަވާލުކުރުމަށް ސްޓެލްކޯގައި ކުޑަ ޖަލްސާއެކެވެ. އޭގެ ފަހުން އެމްޕީއެލް ސަރައްދުގައި ހަދާފައިވާ ރައީސް ޔާމިންގެ ކެމްޕެއިން އޮފީސް ކައިރި ޕީޕީއެމް އަންހެނުންނާ އެކެ ޖަލްސާއެއް ބޭއްވީ ކުރީގެ ވެސްޓްޕާކް ސަރައްދު ބަންދުކޮށް ފުލުހުންނާއި ސިފައިންގެ ސެކިއުރިޓީގައެވެ. މި ހުރިހާ ކަމެއް ހިނގަމުންދާއިރު އާޓިފިޝަލް ބީޗް ސަރައްދުގައި ވެސް އާންމު މީހަކަށް މަޑުކޮށްލައިގެން ނުހުރެވެއެވެ. ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުމަށް ފަހު ސަރުކާރުން ގެންދަނީ އޭގެ ސިޔާސީ ނާޖައިޒު ފައިދާ ނަގަމުންނެވެ.