ފެންކަޅިވީ އެމަންޒަރު ބަލަން ތިބި މީހުންނެވެ. އަޑުއެހި ކޮންމެ މީހަކު ވެސް ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. އެމަނިކުފާނުގެ އެ އަސަރު ގަދަ ކުރު ވާހަކަފުޅުން ލައްކަ ވާހަތައް ބުނެދީފިއެވެ. އެންމެ 56 ސިކުންތުގެ އެބަސްފުޅުން ދޭހަވީކީ ހަމައެކަނި އެވިދާޅުވި ވާހަކަތައް އެކަންޏެއް ނޫނެވެ. ސިފަ ވީކީ ފެނުނު މަންޒަރުތައް އެކަންޏެއް ނޫނެވެ. އެދޫކޮށްލެއްވީ ލައްކަ މަންޒެރެވެ.
ތައްޔާރުވެވަޑައިގެން އެ އިންނެވީ ބަލާ އައި ފުލުހުން އެމަނިކުފާނު ވެހިކަލަށް އަރުއްވަން ވަޑައިގަންނަވަން ގޮވާލަންދެންނެވެ. އަމިއްލަ އިޚްތިޔާރެއް ދައްކާނެ އިތުރު ހުއްޖަތެއް ނެތިއެވެ. އެ އެމުރުގެ މީހުން މިވަގުތު އޮންނާނީ އަރާމުކޮށްލަން ފަނޑު އަލީގެ ތެރޭގައި މަޑު ތަންމަތީގައި އަރާމު ނިދީގައެވެ. އެކަމަކު 82 އަހަރުފުޅުގައި ރައީސް މައުމޫން އެއިންނެވީ އެމަނިކުފާނު ވެރިކަމަށް ގެންނެވި ކޮއްކޯފުޅު ރައީސް ޔާމީން ފޮނުއްވި މީހުން އެމަނިކުފާނު ހައްޔަރު ކުރަން އައީތީއެވެ. އޭގެ ކުރިން މުޅި ގޭތެރެ ހާވައި ބަލާތީ އަތް ނުލެވި އެއްޗެއް ވިދާޅު ނުވެވި ކުޅި ބައްލަވާށެވެ. ގައިމު ރޭގަނޑު ނިދިކުރައްވައި، ފަތިހު ހޭފުޅު ލެއްވުމުން ގެންދިޔަ ނަމަވެސް އެކުރާން އުޅޭ ތަހުގީގެއް ކުރިއަށް ގެންދެވިދާނެއެވެ. ބޭނުން ދައުވާއެއްގެ ތުހުމަތު އިސްތަށިފުޅުގައި އެޅުވިދާނެއެވެ.
އެކަމަކު ކުރާނީ ކީއް ހެއްޔެވެ. އެހާލުގައި ވެސް ރައީސް ޔާމީން ވެރިކަމަށް ގެންނަވާން ރާއްޖޭގެ ހުރިހާ ރަށެއް ކަހަލަ ގޮތަކަށް ވަޑައިގެން ކުރެއްވި މަސައްކަތް ރައީސް ޔާމީނަކަށް ހަނދުމަފުޅެއް ނެތެވެ. އަމުދުން ވެރިކަމުގެ 30 އަހަރުގައި އެންމެ ބާރުގަދަ ވުޒާރާތައް ދެއްވައިގެން ރައީސް ޔާމީނަކަށް ހެއްދެވި ތުއްތޮންބެއާ މެދު ކުޑަވެސް ރަހުމެއް ހަމްދަރުދީއެއް ނުފެނުނެވެ. އަހާލުމެއް ކިޔާލުމެއް، އަމުދުން އިސްރައްވެއްސަކަށް ވީތީ ބަލާލާކަށް ވެސް ބޭނުންފުޅެއް ނުވިއެވެ.
ދަރިކަލުން ދުންޔާ ތިޔަ ހުންނެވީ ގާތުގައެވެ. ތިޔަ ހުންނެވި ހުންނެވުމުން ބައްޕާފުޅަށް މަލާމާތް ކުރެއްވުން ނޫން ގޮތަކަށް އެހެން މީހަކަށް ސިފަކުރެވޭކަށް ނެތެވެ. ކަމަނާ ނިސްބަތްވި ސަރުކާރުގެ ވެރިން ބައްޕާފުޅަށް ރަތް މަހަކަށް ނުގޮވާހާވަރަށް އެއްޗެހި ގޮވަމުންދިޔައިރު ކަމަނާ ތިޔަ ހުންނެވީ އަތްޖައްސަވާލަ ޖައްސަވާލާއެވެ. ކޮއްކޯފުޅު ކުޑަގޮޅީގައި ބޭއްވީމާ ބައްޕާފުޅަށް ކުރެއްވި އަސަރަށް ކަމަނާގެ ފަރުވާލެއް ނެތެވެ. ވަޒީފާގެ އަވައިގާ ޖެހި ތިޔަ ހުންނެވީ މާލިއްޔަތައް ގެއްލި ހުސްވެގެންނެވެ. ނޫނޭވާ ސާބަހެވެ.
ޣައްސާން މައުމޫން ވީތަނެއް ވެސް ނޭނގެއެވެ. ބައްޕާފުޅު ގެންދަވާކަން އެނގިވަޑައިގެންނެވުމުން ވެސް ލޯ ދެކިލާ ފަހުގެ ސަލާން ކޮށްލާކަށް ވެސް ވަޑައިގަންވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ފިތުނަސް ތިޔައީކީ ބަލައިގަނެވޭވަރުގެ ކަމެއް ނޫނެވެ.
ނިކަން ތިޔަ ކުދިން ބައްލަވާށެވެ. މާޒީގެ ފަތްފުށްތައް ހާވާލައްވާށެވެ. ރާއްޖޭގެ އެހެން ކުދިންނާ ޚިލާފަށް ބައްޕާފުޅުގެ ސަބަބުން ތިޔަ އުޅުއްވުނު ހާއުފާވެރިކަން ނިކަން ވިސްނަވާލައްވާށެވެ. އަވިކޮޅެއްގައި ނުޖައްސައި، ހިތުހުރި އެއްޗެއް ކާންދެއްވައިގެން ބުނިއްޔާ ބުނިހާ ކަމެއް ކޮށްދެއްވައިގެން ނުގެންގުޅުއްވާތޯއެވެ. މިއަދު މުސްކުޅިވީ ދުވަހު ބައްޕާފުޅާ ދެކޮޅަށް ތިޔަހެން ހައްދަވާއިރު ހިތެއްގެ ގޮތުގައި ތިޔައޮތީ އަނެއްކާ ކޮން އެއްޗެއްތޯއެވެ.
ތިރީސް އަހަރުގެ ބާނީއޭ ލޮބުވެތި ޒައީމޭ ގޮވައިގެން އުޅުނުހާ މީހުންގަނޑު ކޮބައިތޯއެވެ. ބަދޫރާވާ ފެންކަޅި ވެއްޖެއެވެ. ތިޔައިން މީހެއްގެ ހިލަމެއް ވެސް ނެތެވެ. އަމުދުން މުޅި ގައިގާ އެމަނިކުފާނުގެ ފޮޓޯ ހަރުކޮށްގެން އުޅުނު މީހުންގެ ހިތައް ހަމަ އެކައްޗެއް ވެސް ނާރަނީ ހެއްޔެވެ؟ ސިޔާސީ މައިދާނަށް ގެންނަވާ ބޮޑެތި ސިންގާހާ މީހުންނަށް ހައްދަވަން އެމަނިކުފާނު ނުކުރައްވަނީ ކޮންކަމެއްތޯއެވެ. އިނގިލީގައި ލައިގެން އެމަނިކުފާނު ވަދެވަޑައި ނުގަންނަވަނީ ކޮން ގެއަކަށްތޯއެވެ. މީހުންގާތު އާދޭސްކޮށް ތިޔަ މަޤާމްތަކަށް ލައްވަން އެމަނިކުފާނު ކުރެއްވި މަސައްކަތް ތިޔަ ހަނދުމަ ނެތުނީ މާއަވަހަށެވެ. ނޫނޭވާ ތިޔައީވާ ވަރެއްގެ ބައެކެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނެތުނަސް އެއް އިންސާނަކު އަނެއް އިންސާނާއަށް ވާ އިހުސާން ތެރިކަން އެހާއަވަހަށް ހަނދާން ނެތިދަނީ ވަރަށް ގޮތެއް ނެތް މީހުންނަށެވެ.
ކޮންމެއަކަސް ރައީސް މައުމޫން ހައްޔަރުކޮށްގެން އެގެންދިޔަ ވަގުތުކޮޅަކީ އަސަރު ހުރި ވަގުތުކޮޅެކެވެ. ގަލްފް ކްރާފްޓް ލޯންޗެއްގެ ހަރު ގޮނޑިއެއްގައި މާސިންގާ ކަނޑަށް އެނުކުންނެވީ ދެން ވާން އޮތް ގޮތެއްގެ ހިލަމެއް ވެސް ނެތިއެވެ. އޮންނަވަން ޖެހިވަޑައިގަންނަވާނޭ ގޮޅިއާ ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާނޭ ރިހައެއްގެ ޚަބަރެއް ވެސް ނޭނގިއެވެ. އެ އަށް ވުރެ ބޮޑަށް އެމަނިކުފާނު ދެއްކެވި އެހިތްވަރު މާއަސަރު ގަދައެވެ. ފަހު ވަގުތު ދެއްވި މެސެޖް އެހާމެ ވަރުގަދައެވެ. މީގެ 50 އަކަށް އަހަރު ކުރިން އެގޮޅިއަށް ވަޑައިގެންނެވިއިރު ވިދާޅުވި ފަދައިން ވިދާޅުވަމުން އެގެންދެ ވަނީ ހުންނެވި ސާބިތު ކަމުގެ ވާހަކައެވެ. ފަހަށް ޖެހިވަޑައި ނުގަންނަވާނެ ވާހަކައެވެ. ފައްޓަވާފައިވާ އިސްލާހީ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމުގެ ވާހަކައެވެ.
ސާބަސް! މަނިކުފާނަށް ހަމަ އައްސަރިބަހުން ސާބަހެވެ. ޖަލުގެ ތޭރިތަކުގެ ފަހަތަށް ތިޔަ ވަޑައިގަންނަވަނީ ދިވެހި ރައްޔިތުންގެ ޙައްޤުގައެވެ. ހެއްދެވެން އޮތް ޑީލުން އެތަނަށް ވަޑައި ނުގެން ހުންނެވެން އޮއްވައެވެ. ތިޔަވަޑައިގަންނަވަނީ ގިނަ ބަޔަކު ރޮއްވާލާފައެވެ. އެކަމަކު ތިޔަ ދެއްވި ހިތްވަރުން ހިތްތައް ހަމަ ހެއްވާ ވެސް ލައްވަވާފައެވެ.