އަދިވެސް ހިތްހަމަ ޖެހޭ ވަރަކަށް ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ލައްވާ ފިލްމު ނުކުޅެވޭ ކަމަށް ޑައިރެކްޓަރ ސަންޖޭ ލީލީ ބަންސާލީ ބުނެފިއެވެ.
ބަންސާލީ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ހިތްހަމަ ޖެހޭވަރަށް އެދެފަންނާނުން ލައްވާ އަދި ފިލްމު ނުކުޅުވޭ ކަމަށެވެ. ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ތިން ފިލްމަކުން އެ ދެ ފަންނާނުން ވަނީ ފެނިގެން ގޮސްފައެވެ. ބަންސާލީ ބުނެފައިވަނީ ދީޕިކާ އަކީ ޑައިރެކްޓަރުގެ ބަސް އަހާ އެކްޓަރެއް ކަމަށާއި އޭނާއަކީ ކެތްތެރި އެކްޓަރެއް ކަމަށެވެ.
ރަންވީރަކީ އޭނާގެ ކެރެކްޓާއަށް ފޮޓް ވުމަށް ކުރެވުނު ކޮށްމެ މަސައްކަތެއް ވެސް ކުރާ އެކްޓަރެއް ކަމަށް ބަންސާލީ ބުންޏެވެ.
އަދި ރަންވީރަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް އެނގޭ ކަމަށް އޭނާ ބުންޏެވެ.
ބަންސާލީ މިހާރު ދަނީ އޭނާގެ ފިލްމު ޕަދްމާވަތަށް ފަހު އެހެން ފިލްމެއްގެ މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޚަބަރުތައް ބުނާގޮތުގައި ބަންސާލީ އުފައްދަން އުޅެނީ ޕަދްމާވަތަށް ވުރެ އަގުބޮޑު ފިލްމެކެވެ. ބަންސާލީގެ މިވާހަކަ ތަކަށް ބަލާއިރު އާ ފިލްމުން ފެނިގެންދާނެ ތަރިންނަކީ ދީޕިކާއާއި ރަންވީރަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ފިލްމު ޕްރޮޑިއުސްކޮށްދޭން ޕަދްމާވަތު ވެސް ޕްރޮޑިއުސްކޮށްދިން ވައަކޮމް18 މޯޝަން ޕިކްޗާސް އިން އޮތީ ތައްޔާރަށް ކަމަށްވެއެވެ.