ދިވެހި ފިލްމް އެވޯޑްގެ ގިނަ އެވޯޑްތަކަކާ އެކު، އަހަރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯގެ ގޮތުގައި 2017 ވަނަ އަހަރު ނިންމައިލި ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ނެރެން ނިންމާފައިވާ މައި ފިލްމު، "ގޮށްރާޅު"ގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިލްމުގެ ޕޯސްޓަރ ރިލީޒްކޮށްފައިވާއިރު، އެ ފިލްމުގެ ފޭސްބުކް ޕޭޖުގައި ފިލްމުގެ މޯޝަން ޕޯސްޓަރ ވެސް ވަނީ ރިލީޒްކޮށްފައެވެ.
ފިލްމުގެ ޕޯސްޓަރުން ފެންނަނީ ފިލްމުގެ ލީޑް ރޯލުކުޅޭ ޖުމައްޔިލް ނިމާލް (ޖުމަލް)، ރަސްމީ ހެދުމެއްގައި ހުއްޓައެވެ. ޕޯސްޓަރުން އޭނާއަށް އަނިޔާކޮށް، އަނގައިން ލޭ އައިސްފައިވާ މަންޒަރު ފެންނައިރު، މޯޝަން ޕޯސްޓަރއިން ފެންނަނީ ޖުމްލަގެ އަނގައި ދަވަ އާއި ލޭ ފައިބާ މަންޒަރެވެ.
މި ފިލްމުގެ މަސައްކަތް ފެށީއްސުރެ ޖުމައްޔިލްގެ އިސްތަށިގަނޑު ފޮރުވައިގެން އުޅޭއިރު، ފިލްމުގެ ޕޯސްޓަރާއި މޯޝަން ޕޯސްޓަރުގައި ވެސް ދައްކާފައި ވަނީ އޭނާގެ މޫނުން ބައެކެވެ.
މި ފިލްމާ ގުޅޭ މާގިނަ ތަފްޞީލެއް ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން އަދި ހާމަކޮށްފައި ނުވާއިރު، އެ ސްޓޫޑިއޯ އިން ބުނި ގޮތުގައި މި ފިލްމުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
"ގޮށްރާޅު" އަކީ މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ މުޙައްމަދު އަލީ (މޮގަރ) އާއި އާއިޝަތު ފުވާދު ތައުފީޤެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމުން ކެމެރާގެ ކުރިމަތިންނާއި، ކެމެރަގެ ފުރަގަހުން ވެސް ފިލްމް އިންޑަސްޓްރީއަށް ގިނަ އަދަދެއްގެ އާ ފަންނާނުން ނެރޭނެއެވެ.
ފިލްމުގެ ލީޑް އެއް ރޯލުން ފެނިގެންދާ ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ، ހަސަން އިރުފާން (ޒަކިއްޓެ)، ޢައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އައި އިސްމާއިލް ރަޝީދެވެ.
މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ ރަސްމީ ރިލީޒް ޑޭޓް ކަމުގައިވާ އޭޕްރީލް 5 ވަނަ ދުވަހުއެވެ.