ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:07
އާ ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އާ ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި
އެކްސްޕޯޓް އަދި އިމްޕޯޓް ޓަރމިނަލެއް ހިމެނޭ
އޮފީސް އިމާރާތެއް ވެސް ހުންނާނެ
އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިތުރަށް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އެއާޕޯޓްގައި އާ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ވީއައިއޭގެ އާ ކާގޯ ޓަރމިނަލުގެ މަސައްކަތް ފަށާފައި ވަނީ ބުދަދުވަހު އެ ޓަރމިނަލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ އާއި ޓަރމިނަލްގެ މަސައްކަތްކުރާ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަންގެ ސެކްރެޓަރީ، ވޭންގް ޝިއާންޖީއެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ވަނީ އަލަށް ޤާއިމްކުރާ ކާގޯ ޓަރމިނަލްގެ ސަބަބުން ރާއްޖޭގައި ވައިގެ މަގުންނާއި (އެއާ ޓު އެއާ)، ވަޔާއި ކަނޑުމަގުން (އެއާ ޓު ސީ) ޓްރާންޒިޓް، އިމްޕޯޓް އަދި އެކްސްޕޯޓްކުރާ ކާގޯއަށް ދެވޭ ޚިދުމަތް އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

އަލަށް ޤާއިމްކުރާ ކާގޯ ޓަމިނަލް ކޮމްޕްލެކްސްއަކީ 12000 އަކަމީޓަރު (129166.93 އަކަ ފޫޓު) ގެ ޓަރމިނަލް ކޮމްޕްލެކްސްއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ދެކުނު ފަރާތުގައި ޤާއިމުކުރާ މި ކޮމްޕްލެކްސްގައި އެކްސްޕޯޓް އިމްޕޯޓް ޓަރމިނަލަކާއި، އޮފީސް އިމާރާތެއް ވެސް ހިމެނޭނެއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދިން ގޮތުގައި، ޒަމާނީ ވަސީލަތްތަކާއި، މުދާ އުފުލާ ކެރޭނާ ވެސް އެކު ޤާއިމްކުރާ މި ޓަރމިނަލް ކޮމްޕްލެކްސް އިން އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެއެވެ. އެއީ މިހާރު ޚިދުމަތް ދެވޭ މިންވަރަށް ވުރެ 50 އިންސައްތަ އިތުރު އަދަދެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ އެއާޕޯޓަށް ދަނީ ބޮޑެތި އުމްރާނީ ބަދަލުތަކެއް ގެންނަމުންނެވެ.

- ކޮމެންޓް