ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 11:09
ޕަދްމާވަތުގެ ޓީމް
ޕަދްމާވަތުގެ ޓީމް
ގޫގުލް
ޕަދްމާވަތު
މެލޭޝިއާގައި ޕަދްމާވަތު އެޅުވުން މަނާ ކޮށްފި
 
މި ފިލްމު ދެއްކުން މަނާކުރީ ފިލްމާއި ގުޅިގެން މުޖުތަމައުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމަގެ ބިރަށް

ޕަދްމާވަތު ސިނަމާތަކަށް އައީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

މިފިލްމަށް އެއް ދުވަހުން އަނެއް ދުވަހަށް ލިބޭ ތަރުހީބު ބޮޑުވަމުން އަންނަ އިރު  އެ ފިލްމު މެލޭޝިއާގައި ދެއްކުން މިވަނީ އެގައުމުގެ ސެންސަރު ބޯޑުން މަނާ ކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ދެއްކުން މަނާކުރީ ފިލްމާއި ގުޅިގެން މުޖުތަމައުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމަގެ ބިރު އޮތުމުންނެވެ. މެލޭޝިއާއަކީ ވެސް ތަފާތު ނަސްލުތަކުގެ މީހުން ދިރިއުޅޭ ގައުމެކެވެ.

އިންޑިއާގައި ވެސް މި ފިލްމު އެޅުވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ދަނީ ހަމަނުޖެހުން ހިންގަމުންނެވެ. ޕަދްމާވަތުގެ ލީޑު ރޯލުން ފެނިގެން ދަނީ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް އެވެ.

މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގު ބޮޑު ފިލްމު ކަމަށްވާ ޕަދްމާވަތު އުފައްދަން 200 ކުރޯޑް އިންޑިއަން ރުޕީސް (31 މިލިއަން ޑޮލަރު) ވަނީ ހޭދަކޮށްފައެވެ. މި ފިލްމު އަޅުވަން މީގެ ކުރިން ޝެޑިއުލްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ގައެވެ. އެހެން ނަމަވެސް ފިލްމު ލަސްވީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސަރޓިފިކޭޝަނުން ފިލްމު ފާސް ކޮށްދިނުން ލަސްކުރުމުގެ ސަބަބުންނެވެ. ފިލްމު އެމެރިކާގައި އަޅުވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައެވެ.

ހަމަނުޖެހުން އުފައްދާ ފަރާތްތަކުން ބުނަމުންދަނީ މި ފިލްމުގައި މައި ދެ ކެރެކްޓަރގެ މެދުގައި ފެނިގެންދާ ލޯބީގެ އިޝްގީ މަންޒަރުތަކަކީ ހިންދޫ ރާނީއަށް އިހުތިރާމް ކުޑަކުރުން ކަމަށެވެ. އެހެން ނަމަވެސް ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އެކަން ދޮގު ކުރެއެވެ.

ދާދިފަހުން ވަނީ މި ފިލްމަށް 100 ކުރޯޑް ރުޕީސްގެ ކާމިޔާބު ލިބުމުން އެކަން ފާހަގަކޮށް ކޭކު ފަޅާފައެވެ. އެކާމިޔާބީ ފާހަގަ ކުރުމަށް ލީޑު ރޯލުން ފެނިގެން ދާ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް