ކޮޕީ އިއްސެގެ ކަނޑު އިބިލީސްގެ ޝޫޓިން ފަށައިފިއެވެ.
ކުޑަކުދިންނަށް ޚާއްސަކޮށްގެން އުފައްދާ ފިލްމެއް ކަމަށްވާ ކަނޑު އިބިލީސްގެ ޝޫޓިން ފަށާފައިވަނީ ހދ. ކުޅުދުއްފުށީގައި އަންގާރަ ދުވަހުގައެވެ.
މި ފިލްމާއި ބެހޭގޮތުން މައުލޫމާތު ދެމުން ފިލްމުގެ އެޑިޓަރ އަދި ޕޯސްޓް ޕްރޮޑަކްޝަންގައި މަސައްކަތް ކުރާ ޒިޔާ ބުނީ މި ފިލްމުން ފެނިގެންދާނީ އޭނާގެ އިތުރުން ކޮޕީ އިއްސެ ކަމަށެވެ. އަދި މީގެ އިތުރުން އިތުރު ރޯލުތަކުން ފެންނާނީ ކުޅުދުއްފުށީ މީހުންނާއި ކުދިން ކަމަށާއި އެގޮތަށް ހެދީ އާ ފަރާތްތަކަށް ފިލްމީ ދާއިރާއިން ފުރުސަތު ދިނުމަށް ކަމަށް ޒިޔާ ބުންޏެވެ. އެޓީމަށް ކުޅުދުއްފުށީގެ ކައުންސިލުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް ޒިޔާ ވަނީ ބުނެފައެވެ.
މިއީ ކޮޕީ ރަޝީދުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިފިލްމު ޕްރޮޑިއުސް ކުރާނީ ޒިޔާ ގެ އިތުރުން އިއްސެއާއި ރިއްފަތުއެވެ. ރިއްފަތުއަކީ ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ އެއްފަރާތެވެ. އަދި މިއީ އޭނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމެވެ.
ކަނޑު އިބިލީސް ކެމެރާ ކުރަނީ ދަބާ އެވެ. ޒިޔާ ބުނީ އެންމެ ފުރަތަމަ ފިލްމު އަޅުވާނީ ކުޅުދުއްފުށީގައި ކަމަށެވެ. އޭގެ ފަހުން އޮލިމްޕަހުގައިވެސް ފިލްމު އަޅުވާނެ ކަމަށް ޒިޔާ ބުންޏެވެ.