ދިރިއުޅުން ދަތިވެގެން އެތައް ފަހަރަކު އާދޭސް ކޮށްގެންވެސް ވަރި ނުކުރުމުން އެންމެ ފަހުން ފިރިމީހާގެ ފޯނުން ވަރި ކުރި ކަމަށް ބުނެ ޓެކްސްޓް މެސެޖެއް އަމިއްލަ ފޯނަށް ޑުބާއީ ގެ އަންހެނަކު ކޮށްފިއެވެ.
އަލް ބަޔާން ނޫހުގައި މި އަންހެން މީހާ އާ ހަވާލާދީ ބުނެފައިވަނީ އޭނާ އެކަން ކުރީ ފިރިމީހާގެ ކިބައިން ވަރިވާނެ ގޮތް ހުސްވެގެން ކަމަށެވެ.
މި ހާދިސާ އާ ބެހޭ ގޮތުން ނޫހުގައި ބުނެފައިވަނީ މި ދެމަފިރިންގެ ދެމެދުގައި މައްސަލަ ބޮޑުވެ، ޒުވާބުތައް ގިނަވެ ދެ މީހުން އެއް ގެ އެއްގައި އުޅުނަސް ނިދާ ހަދަނީވެސް ވަކިން ކަމަށެވެ.
މި އަންހެން މީހާ ވަނީ ކޯޓު މަރުހަލާ އަށް ނުގޮސް ފިރިމީހާގެ ކިބައިން ސަލާމަތް ވެވޭނެ ގޮތަކީ ކޮބާތޯ ބެލުމަށް ދީނީ އިލްމުވެރިންގެ ލަފާވެސް ހޯދާފައެވެ. މިގޮތުން ލަފާ ދިން ފަރާތަކުން ބުނެފައިވަނީ، ފިރިމީހާގެ ނިޔަތަކީ ވަރިކުރުން ކަމަށް ވެފައި، އަނގަ ބަހުން ވަރި ކޮށްފީމޭ ނުބުންޏަސް ޓެކްސްޓް މެސެޖަކުން ވަރިކޮށްފީމޭ ބުންޏަސް އެއީ ވަރި ކުރީ ކަމަށް ބެލޭނެ ކަމަށެވެ.
އަލް ބަޔާނުގައި ބުނެފައިވަނީ ފިރިމީހާގެ ފޯނުން ދަންވަރު އޭނާގެ ފޯނަށް ވަރި ކޮށްފީމޭ ބުނެ ޓެކްސްޓް ކުރުމުގެ ވިސްނުން މި އަންހެން މީހާ އަށް އައީ ދީނީ އިލްމްވެރިޔަކު ޓެކްސްޓް މެސެޖަކުން ވެސް ވަރި ކުރެވިދާނެ ކަމަށް ބުނުމުން ކަމަށެވެ.
މި އަންހެން މީހާ މިކަން ކުރި ގޮތަކީ ފިރިމީހާ ގަދަ ނިދީގައި އޮއްވާ ފިރިމީހާގެ ފޯނު ސިއްރުން ނަގައިގެން "އަހަރެން ކަލޭ ވަރިކޮށްފިން" މިހެން ތިން ފަހަރު ލިޔުމަށްފަހު އަންހެން މީހާގެ ފޯނަށް ޓެކްސްޓް މެސެޖެއް ފޮނުވީއެވެ.
ޖެހިގެން އައި ދުވަހު ވަރިކުރި ކަމުގެ ހެކި ހިފައިގެން އަންހެން މީހާ ކޯޓަށް ދިޔައެވެ.
ޑުބާއީގެ ޕާސަނަލް ސްޓޭޓަސް ކޯޓަށް އަންހެން މީހާ ގޮސް މެސެޖް ދެއްކުމުން މެސެޖް ލިބުނު ގޮތް ކިޔައިދޭން ބުނި ހިސާބުން މައްސަލަ އިތުރަށް ގޯސްވެ، ކުރަން އުޅުނު ކަންތައް އިތުރަށް ދަތިވާ ގޮތް ވީއެވެ. އަދި އެހިސާބުން މިކަން ހިނގި ގޮތް ކޯޓުގައި އޭނާ ކިޔައި ދިން ކަމަށް އަލް ބަޔާން ނޫހުގައި ވެއެވެ.
މިވާޙަކަ ފިރިމީހާ އަށް އެނގުމުން އިތުރަށް ރުޅި ގަދަވެ، ވަރި ކުރުމުގެ ކަންކަން އިތުރަށް ދިގު ދަންމާ، ލަސްކޮށް، އުނގަދޫ ކުރާނެ ކަމަށް އޭނާ ބުނި ކަމަށްވެސް މި ޚަބަރުގައި ވެއެވެ.