ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 16:29
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު
މޯލްޑިވްސް ޕޮލިސް ސާރވިސް
ސީޕީ އަރީފު
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.
އަދީބަށް ރައީސް ޔާމީންގެ 500 ޕަސެންޓް އިތުބާރު
ކާނަލް ނާޒިމަށް ރައީސް ޔާމީނުގެ ފުރިހަމަ އިތުބާރު
އިތުބާރުގެ ވާހަކަ އައިސްފި ނަމަ އެ މީހެއްގެ ނިމުން ކައިރިވޭ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރުކުރުމަށް ނެރުނު އަމުރު ތަންފީޒުކުރުމުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުގެ ތަރި އޮއްސިފައިވާ ކަމަށް ރަށު ތެރޭގައި ވާހަކަ އެބަ ދެކެވެއެވެ. ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި މިހާރު އެންމެ ފޯރިއާއެކު ދެކެވޭ އެއް ވާހަކައަކީ މިއީއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓުން ވެސް ކަމެއް ގޯސްވެއްޖެކަން ހާމަވެއެވެ. މީގެ ކުރިން، މީހަކު ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރޭ ކޮންމެ ފަހަރަކު އެ ތަންފީޒުކުރާކަށް ރައީސުލްޖުމްހޫރިއްޔާ ސީދާ އަންގަވާފައެއް ނުވެއެވެ. އެއީ ގާނޫނީ ނިޒާމުގައި ކަން އޮންނަ ގޮތެއް ވެސް ނޫނެވެ. ތަރުޖަމާނުގެ ޓްވީޓް ތަރުޖަމާ ކުރާ މީހުން ބުނަނީ، ސީޕީ އަރީފު އެ އަމުޒު ތަންފީޒު ނުކުރެއްވުމުން، ރައީސްއަށް އެކަން ކުރައްވަން ޖެހިވަޑައިގަތީ ކަމަށެވެ. އެ އަށް ފަހު އަރީފަށް އިސްތިއުފާ ދޭން އެންގި ކަމާއި ގިނަ ވަގުތުތަކެއް ވަންދެން ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ހުންނަވަންޖެހުނު ކަމަށް ވެސް ރަށު ތެރޭގައި ދައުރުވާ ވާހަކަތަކުގައި ކިޔައި އުޅެއެވެ.

މިހެން މިވާހަކަތަކެއް ދެކެވެމުންދަނިކޮށް، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ފާޑެއްގެ ވާހަކައެއް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ، ސީޕީ އަރީފަށް ފުރިހަމަ އަށް އިތުބާރުކުރައްވާ ކަމަށް އަޒްލީން މިވަނީ ވިދާޅުވެފައެވެ. ސީޕީ އަރީފާ ގުޅޭ ގޮތުން ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ފިތުނައެއް ކަމަށް ވިދާޅުވީއެވެ.

އަޒްލީނުގެ މި ވާހަކަކޮޅު، "ފާޑެއްގެ ވާހަކައަކަށް" ވަނީ ވަރަށް ގިނަ ސަބަބުތަކަކާ ހުރެއެވެ. މިއީ ދިވެހި ރައްޔިތުންނަށް އާ ވާހަކައެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށް ކުރައްވާ ވަރުގަދަ އިތުބާރަކީ އޭގެން މިސާލު ނަގައިގެން ދެއްކިދާނެ ކަމެކެވެ. މާޒީގައި ހިނގާފައި ހުރި ކަންކަމަށް ބަލާލާއިރު، އެއްވެސް ބޭފުޅަކަށް ރައީސް ޔާމީން އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެއްޖެ ނަމަ އެ ބޭފުޅެއްގެ ނިމުން ދާދި ކައިރީވީއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރެވުމުގެ ކުރިން ރައީސް ޔާމީން ވިދާޅުވީ އަދީބަށް 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށެވެ. އާޚިރުގައި އަމަލުން އިތުބާރު ކުރައްވާ މިންވަރު ފެނުނުއިރު، އަދީބު އެ އޮންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގައި، އިތުރު 13 ދައުވާއެއް ކުރެވިފައެވެ. އެއީ މިފަހުން ރައީސް ޔާމީނުއާ އެންމެ އަރިސްކޮށް އުޅުއްވި އަދީބަށް ކުރެއްވި އިތުބާރެވެ.

ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ އާއި ވަޒަން ފެނުމުން، ނާޒިމާ ބައްދަލުކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ނާޒިމް އެފަދަ ކަމެއް ކުރައްވަފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނާޒިމަށް ފުރިހަަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. ނާޒިމާ މެދު ކަންތައްތައް ވީގޮތާ މެދު ވިސްނާލައްވާށެވެ. ރައީސް ޔާމީން އެފަދައިން ވިދާޅުވިތާ ހަފްތާއެއް ނުވަނީސް މިނިސްޓަރު ކަމުގެ މަގާމުން ނާޒިމް ވަކިކުރައްވައި، ހައްޔަރުކުރިއެވެ. އެ އަށް ފަހު ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާކޮށް 11 އަހަރަށް ޖަލަށްލިއެވެ. އެއީ ނާޒިމްގެ އެއްޗެއް ނޫން ކަން ހާމަވުމުން ވެސް، ކުރައްވާ އިތުބާރެއްގެ ބޮޑުކަމުން ނާޒިމް މިނިވަން ކުރެއްވުމަށް ދެކޮޅު ހައްދަވަނީއެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމުގެ ކުރިން، ހަމަ މިފަދަ އިން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކިކުރެއްވުމުގެ ކުރިން، ހަމަ މިފަދަ އިން ފުރިހަަމައަށް އިތުބާރު ކުރެއްވިއެވެ. 

ރައީސް ޔާމީނުގެ އިތުބާރުގެ ވާހަކަ، މީހަކާ ގުޅުވައިގެން ދައްކައިފި ނަމަ އެ މީހެއްގެ އަޖަލު އެ ހަމަވީކަން މިފަދަ މިސާލުތަކުން ހާމަވެއެވެ. ވީމާ، ސީޕީ އަރީފު ވެސް މި މަޅީގައި ބެނދިގެން ނިމިދަނީތޯ މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 ޖެނުއަރީ 2018 | ބުދަ 09:06
ނަޖްވާ
ތިޔަ އުޅެނީ ސީޕީ އަރީފު ގެ އަޖަލު ހަމަވާންހެން ހާދަހާ ވާ ހީވެއޭ އިނގޭ!
29 ޖެނުއަރީ 2018 | ހޯމަ 18:51
އިންޓަރލިޖެންސް
!ޕޮލިސް ކޮމިޝަނަރ ކަމުން އަރީފް ވަކިކޮށް ސައުދީއަށް ކޮމިޝަނަރކަށް ދީފިނަމަ ވެރިކަން ވެއްޓޭލެއް އަވަސް ވާނެ