ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 14:57
ހަނދު - ހަނދުކޭތަ އަކީ ހަމަ ލޮލުން ބެލިޔަސް ލޮލަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށް ސައިންސްވެރިން ބުނޭ
ހަނދު - ހަނދުކޭތަ އަކީ ހަމަ ލޮލުން ބެލިޔަސް ލޮލަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށް ސައިންސްވެރިން ބުނޭ
ގޫގުލް
ހަނދު ކޭތަ
ސްޕަރ ބްލޫ ބްލަޑް މޫން ގެ އިންތިޒާރުގައި ގިނަ ބަޔަކު
ޙާދިސާ ހިނގާނީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭ
އާއްމުކޮށް ފެންނަ ވަރަށް ވުރެ 14 އިން ސައްތަ ހަނދު ބޮޑުވާނެ
މިރޭ ހިފާ ފުރިހަމަ ހަނދުކޭތަ މާލެއަށް ފެންނަން ހުންނާނީ ރޭގަނޑު 7:11 އާ ހަމަ އަށް

މަދުން ނޫނީ ނުފެންނަ ފަދަ ހަނދުގެ ގުތުރަތީ އަޖައިބު ތަކެއް ދުށުމަށް ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އެބަދެއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭ ފެންނާނެ ކަމަށް ބެލޭ މި ހާދިސާ އަށް ސައިންސްވެރިން ކިޔަނީ "ސުޕަރ ބްލަޑް ބުލޫ މޫން" އެވެ. "ސުޕަރ ބްލަޑް ބުލޫ މޫން" އެންމެ ފަހުން ދުނިޔެއަށް ފެނިފައިވަނީ މީގެ 36 އަހަރު ކުރިންނެވެ.

ރާއްޖެއަށް ހަނދުގެ މި އަޖައިބުތައް އެންމެ ރީތި ކޮށް ފެންނާނީ އިރު އޮއްސޭ ވަގުތު ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި މިރޭ މާލޭގެ ސަރަހައްދަށް ހަނދު އަރާނީ އިރުއޮއްސި 6:14 ގައެވެ. މިރޭ ހިފާ ފުރިހަމަ ހަނދުކޭތަ ފެންނަން ހުންނާނީ ރޭގަނޑު 7:11 އާ ހަމަ އަށެވެ. އަދި މުޅިން ހަނދުކޭތަ ފިލާނީ 8:14 ގައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި "ސުޕަރ ބްލަޑް ބުލޫ މޫން" އުތުރު އެމެރިކާގެ ހުޅަނގު ފަރާތުގެ ސަރަހައްދު ތަކަށާއި، އޭޝިއާ، މެދު އިރުމަތި، ރަޝިއާ އަދި އޮސްޓްރޭލިއާ އަށް ފެންނާނެއެވެ.

"ސުޕަރ ބްލަޑް ބުލޫ މޫން" އަށް މިހާ ބޮޑު ޝައުގުވެރި ކަމެއް ލިބިގެންދަނީ ތިން ކަމެއް އޭގައި އެކުލެވޭތީ ކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ، އާދަޔާ ޚިލާފު ބޮޑު ސައިޒެއްގައި ހަނދު (ސްޕަރ މޫން) ފެނުމާއި، އެއް މަހެއްގެ ތެރޭގައި ދެވަނަ ފަހަރަށް ފެންނަ ފުރިހަމަ ހަނދަށް މި ހަނދު ވުމާއި، އަދި ފުރިހަމަ ހަނދުކޭތައެއް އެ ރޭ ހިފުމެވެ.

އިނގިރޭސި ބަހުން "ބްލޫ މޫން" ކިޔަނީ އެއް މަހެއްގެ ތެރޭގައި ދެވަނަ ފަހަރަށް ފުރިހަމަ ހަނދެއް ފާޅު ވުމަށެވެ. އާއްމު ގޮތެއްގައި ބްލޫ މޫން ފެންނަނީ ކޮންމެ 2 އަހަރާއި 8 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މިއީ ހަނދު ދުނިޔެ އާއި އެންމެ ގާތައް އަންނަ އައުން ކަމަށް ސައިންސްވެރިން ބުނެއެވެ. މި ދާއިރާގެ އިލްމްވެރިން ކިޔާގޮތުން މިއީ "ޕެރިގީ" އެވެ. އޭރު އާއްމު ގޮތެއްގައި ހަނދު އެންމެ ބޮޑުކޮށް ފެންނަ މިންވަރަށް ވުރެ 14 އިން ސައްތަ ބޮޑު ކޮށް ފެނުމާއި 30 އިން ސައްތަ އިތުރަށް ހަނދުގެ އަލި ގަދަކޮށް ފެންނާނެއެވެ. މި ހާދިސާ ގައި ހަނދު ކޭތަ ހިފާއިރު، ހަނދު ދައުރު ވަމުން ގޮސް ދުނިޔޭގެ ހިޔަނި ހަނދަށް އެޅޭ އިރު ހަނދު ފެންނަނީ އޮރެންޖު ނުވަތަ ރަތް ކުލަ އެއްގައި ކަމަށް ވެއެވެ. ސައިންސްވެރިން ލަފާ ކުރާ ގޮތުގައި، ކޭތަ ހިފާއިރު ހަނދާއި، އިރު އަދި ދުނިޔެ އެއް ރޮނގެއްގައި ހުންނަ ވަގުތުގެ ދިގުމިން 1 ގަޑިއިރާއި 16 މިނަޓަށް ދިގު ދެމިގެން ދާނެއެވެ.

ސައިންސްވެރިން ބުނަނީ އޭޝިއާ، މެދުއިރުމަތި، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑް ގައި ދިރިއުޅޭ މީހުން މި އިވެންޓު ބަލަން ބޭނުން ނަމަ އިރު އޮއްސި ހަނދު އަރާ ވަގުތައް ސަމާލުކަން ދޭން ވާނެ ކަމަށެވެ.

އިރު ކޭތަ އާ ޚިލާފަށް ހަނދުކޭތަ އަކީ ސީދާ ހަމަ ލޮލުން ބަލާލެވިދާނެ އިވެންޓެކެވެ. އެކަމުން ލޮލަށް ގެއްލުމެއް ނުވާނެ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

މި އިވެންޓާ ބެހޭ ގޮތުން ސްކައި އެންޑް ޓެލެސްކޯޕް މެގަޒިންގައި ބުނެފައިވަނީ އެންމެ ފަހުން މަހެއްގެ ތެރޭގައި ފާޅުވި ދެވަނަ ފުރިހަމަ ހަނދެއް (ބްލޫ މޫން) ގައި ހަނދު ކޭތަ ހިފި ހާދިސާ ރެކޯޑް ކުރެވިފައިވަނީ 30 ޑިސެމްބަރު 1982 ގައި ކަމަށެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި "ސްޕަރ މޫން" "ބްލޫ މޫން"، އަދި ފުރިހަމަ ހަނދުކޭތަ އަކާ އެކު މިހުރިހާ ކަމެއް އެއްފަހަރާ މީގެ ކުރިން ހިނގި ކަމަށް ހިސާބުތަކުން ދައްކަނީ 31 މެއި 1844 ގައި ކަމަށެވެ.

ސުޕަރ މޫން ނުވަތަ ދުނިޔެއާ އެންމެ ގާތައް ހަނދު އަންނަ ވަގުތު ކޭތަ ހިފާ ހާދިސާ ހިނގުމަކީ ތަންކޮޅެއް ގާތް ގާތުގައި ހިނގާ ކަމެކެވެ. އެންމެ ފަހުން އެފަދަ ހާދިސާ އެއް ހިނގީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހަނދުކޭތައިގެ ހާދިސާ އަކީ މަދުވެގެން އަހަރަކު 2 ފަހަރު ހިނގާ ކަމެކެވެ.

ސްޕަރމޫން އަހަރަކު ހަތަރެއް ނުވަތަ ހަ ފަހަރު ފެންނާނެއެވެ.

މިރޭގެ މަޣްރިބް ނަމާދަށް ފަހު ރާއްޖޭގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

- ކޮމެންޓް
29 ޖެނުއަރީ 2018 | ހޯމަ 12:04
ހަބޭސް
އެއްތައް ހާސް ބަޔަކު ޤިޔާމަތް ދުވަހުގެ އިންތިޒާރުގައިތާ.... ގިނައިން ކޭތައް ހިފުމަކީ ޤިޔާމަތުގެ އަލާމަތެއް