ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 11:41
މޭނާ ހައްސާން
މޭނާ ހައްސާން
ފޭސްބުކް
މޭނާ ހައްސާން
އާ އަހަރުގެ ޝޯއިން ފޭބި ތަނުން ވާގި ނެތުނު: މޭނާ ހައްސާން
 
ހައްސާނު ވަނީ މަޝްހޫރު އެތައް ލަވައެއް ކިޔާފައި
 
ހައްސާނު ބުނެފައިވަނީ އޭނާ އަލުން ލަވަކިޔުމަށް އާދެވުނީތީ ދެރަވެ ހިތާމަކުރާކަމަށް

ލަވަކިޔުން އެއްކޮށް ހުއްޓާލި ކަމަށް ބުނެ މޭނާ ހައްސާން ލަވަ ނުކިޔާތާ ދުވަސް ކޮޅަކަށް ފަހު އެނބުރި ލަވަކިޔުމާއި ގުޅުނީ މިފަހަރުގެ އާއަހަރު ޝޯއާއެކުގައެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި އާއަހަރުގެ ޝޯގައި ހަސަން މުހައްމަދު (މޭނާ ހައްސާން) ވަނީ ލަވަކިޔާފައެވެ.

ދާދިފަހުން ދޯ މެގަޒިންއަށް މޭނާ ހައްސާނު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އެޝޯއިން ފޭބިތަނުން ހަށިގަނޑުގެ އެއްފަޅިން ވާގިނެތިފައިވާ ކަމަށެވެ.

"މިއީ ސަމާސާ ވާހަކައެއް ނޫން. ލަވަކިޔާފައި ސްޓޭޖުން ފޭބިތަނުން އަޅުގަނޑުގެ މުޅި ހަށިގަނޑު އެއްކޮށް ދަމައިގަތީ. ދަމައިގަނެގެން އެގޮތަށް އުޅެފައި އެރޭ ގާތްގަނޑަކަށް ފަހެއް ޖަހަން އުޅެނިކޮށް ރަނގަޅުވީ. ރަނގަޅުވެފަ އަނެއްކާވެސް ދެ ވަނަ ޝޯއަކަށް އަރައިފިން. އެ ޝޯއިން ފޭބިތަނުން އަތުގެ ކުޑަވާއިނގިއްޔާއި އެއާ ޖެހިގެން ހުރި އިނގިލިން އެކުގައި ވާގިދަނީ. އެއަށް ފަހު އޭގެ އަނެއް ދުވަހު އޮފީހަށް ގޮސް އެތަނުގެ ބޭރުގައި ހުރި ޖޯއްޔެއްގައި އޮއްވައި ފައިގެ ދެފަރާތުގެ ފަލަ މަސްގަނޑު ދަމައިގަތް ގޮތަށް ދެން ހަމަ ގުޑައިވެސް ނުލެވުނު." ދޯ މެގްޒިންއަށް ހައްސާން ބުނެފައިވެ އެވެ. 

ހައްސާން ބުނެފައިވަނީ އޭނާ ޑޮކްޓަރަށް ދެއްކުމުން އެއީ ލޭ މައްޗަށް ދިއުމުގެ ސަބަބުން ވީކަމެއްކަމަށް ބުނިކަމަށާއި އެހެން ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ލަވަކިޔުމުން ވީކަމެއް ކަމަށެވެ. އަދިވެސް އޭނާ އެއްފަޅިން ވާގި ދިއުމުގެ ސަބަބުން އެއްކޮށް ރަނގަޅު ނުވާކަމަށާއި އަތުގެ އިނގިލިތަށް ރަނގަޅު ނޫން ކަމަށް ހައްސާން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ލަވަ ދެން ނުކިޔާނެ ކަމަށް ބުނުމަށް ފަހު މޭނާ ހައްސާން އެނބުރި އައިސް ޝޯތައް ހުށަހަޅައިދީފައި ވެއެވެ. އެހެން ނަމަވެސް ހައްސާން ބުނެފައިވަނީ އެންމެ ފުރަތަމަ ލަވަ އާއި މިއުޒިކާ ދުރަށް ދިޔައީ އޭނާގެ ރަންޒަމާނުގައި ކަނޑުމަތީގައި ހިނގި ބިރުވެރި ހާދިސާއަކަށް ފަހު އެވެ.އެއީ އޭނާ ކާށިދޫ ކަނޑަށް ވެއްޓުނު ހާދިސާކަމަށް ދޯއަށް ދީފައިވާ އިންޓަވިއުގައި ހައްސާނު ވަނީ ބުނެފައެވެ. އޭގެ ފަހުން ލަވަކިޔުން ހުއްޓާލުމަށް ފަހު އޭނާ ލަވަކިޔަން ފެށީ 2000 ވަނަ އަހަރުގެ ތެރޭގައެވެ.  

"ހައްޔަރު ކުރުމުގެ ކުރިން" ގެ ނަމުގައި 2014 ވަނަ އަހަރު ދިން ޝޯ ހައްސާން ލަވަކިޔުމުގެ ހަޔާތް އެއްކޮށް ނިންމާލީ ކަމަށް އިއުލާން ކުރިއެވެ. އެ ޝޯ ޕްރޮމޯޓް ކުރީ ވެސް އޭނާގެ ވަދާއީ ޝޯގެ ގޮތުގައެވެ. އޭގެ ފަހުން އޭނާގެ އާ ލަވައެއް އިވިފައެއް ނުވެއެވެ. އޭގެ ޝޯއަކުން ވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.

ހައްސާން ބުނެފައިވަނީ އޭނާ އަލުން ލަވަކިޔުމަށް އާދެވުނީތީ ދެރަވެ ހިތާމަކުރާ ކަމަށެވެ.

ހައްސާނު ވަނީ މަޝްހޫރު އެތައް ލަވައެއް ކިޔާފައެވެ. އޭގެ ތެރޭގައި "މިލަ މިލަ ހަނދުވަރު" އާއި "ފަނުދުންމާރި"، "ކުއްޅަވަފަލު ރަނިކަމަނާ"، "ވެހޭ ވާރޭ ތެރޭ" "މާމުއި ހަނދުވަރު މޫސުމް"، "ވަގުތު ނެތޭ"، "ކަނބިއްޔާ" އަދި "ރައިވަރެއް ހެދީމާ" ފަދަ މަޝްހޫރު އެތައް ލަވައެއް އޭނާގެ އަޑުން ހުށަހަޅައިދީފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް