ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 22:33
މީގެ 3 އަހަރު ކުރިން މަރާލި އިބްތިހާލް
މީގެ 3 އަހަރު ކުރިން މަރާލި އިބްތިހާލް
ފޭސްބުކް
އިބްތިހާލުގެ މަރު
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ
މަންމަ ވަނީ އިއުތިރާފްވެފައި.
ބުއްދީގެ މައްސަލައެއް ނެތްކަން ވަނީ ޓެސްޓްތަކުން ޔަޤީން ވެފައި
ޝަރީޢަތް ނިމޭނެ ދުވަހެއް ނޭނގޭ

އެއީ މީގެ ތިން އަހަރު ކުރިއެވެ. 2015 އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހެވެ. މުޅި ރާއްޖެ ސިއްސުވާލީ ތުއްތު ތުއްތު ކުއްޖަކު އޭނާގެ އުފަން މަންމަގެ އަނިޔާތަކަށް ކެތްނުވެގެން މިދުނިޔެ ދޫކުރި ޚަބަރުންނެވެ. ހައި ނުކޮށް އެމަންމަ އޭނާގެ އުފަން ދަރިފުޅަށް ދިން ރަހުމެއް ނެތް އަނިޔާވެރި ހަމަލާތަކަށް ކެތް ނުކުރެވިގެންނެވެ.

ތިމާގެ އަމިއްލަ ދަރި ނޫނަސް އެއަޑު އެހި ކޮންމެ މީހަކުވެސް އެދަރިފުޅަށް އިންސާފް ހޯދަން ޖެހޭނެ ކަމަށް ބުނެ ދަތްކުނޑި ވިކައިގަތެވެ. ދައުލަތުގެ މުއައްސަސާތަކުން އެކަމަށް ތެދުވުމަށް ގޮވާލާ މުޅި ރާއްޖެ އެއްކޮށް ގުގުމާލިއެވެ. އޭނާއަށް އިންސާފް ހޯދުމަށް ބާރު އެޅުމުގެ ގޮތުން ރެއާ ދުވާލު އިހްތިޖާތައް ފަށައިގަތެވެ. އެފްބީ ގުރޫޕްތަކުގައާއި ޓްވިޓަރތަކުގެ މައި ފޮޓޯއަކީ އިބްތިހާލެވެ. އެމައުސޫމު މޫނެވެ.

ދެންމެދެންމެ އެތަހުގީގް ނިންމާ ބަސްބުނާހާ ހިނދުން އޭނާގެ މަންމައަށް އަދަބުދީފާނޭކަމަށް ދައުލަތުގެ މުއައްސަސާތަކުންވެސް ހީވިއެވެ.

ދަރިފުޅު މަރާލިކަމަށް އެންމެ ފުރަތަމ ވަގުތުވެސް މައިމީހާ އެއްބަސްވިއެވެ. އެއްވެސް މަޖްބޫރުކަމެއް ނެތިއެވެ. ކަންކުރި ގޮތް އަކުރުން އަކުރަށް ކިޔައިދިނެވެ. އެއީ އިއްޔެއަކު މިއަދަކު ހިނގާ ކަމެއް ނޫންކަމާއި އެކުއްޖާފުޅަށް އެއަނިޔާ ދެމުންދާތާ ލައްކަ ދުވަސްވެއްޖެކަމަށް ޚުދު އެމަންމަގެ ދުލުން ކިޔައިދިނެވެ.

ދަރިފުޅުގެ މަންމަ ޖަލަށް ލެވުނެވެ. ތަހުގީގް ކުރިއަށްގޮސް ޝަރީއަތްވެސް ފެށިއެވެ. މަންމަގެ ފުށުން އެނގުނު ކަންކަމަށް ބަލާއިރު އިބްތިހާލްގެ އާއިލާގެ ބައެއް އެހެން މީހުން ވެސް ސަހަލެއް ނޫނެވެ. މައްސަލަ ފެށެނީ އެހާހިސާބުންކަން އެނގުމުންނެވެ. ބައްޕައެއް ނެތި އެދަރިފުޅު އުފަންވިއިރު، ދަރިފުޅަށް އެހާބޮޑު ނަފްރަތެއް ކުރީ އެކަމުގެ ސަބަބުން ކަމަށް ބުނެ އެވެ.

މިއީ 100 ޕަސެންޓް މުސްލިމް ޤައުމެކެވެ. އިސްލާމްދީނުގެ އެންމެބޮޑު އެއް ބަހާއަކީ އިންސާފެވެ. އިންސާފް ޤާއިމް ކުރުމުގައި އެންމެބޮޑު އެއްކަމަކީ ކުށްކުރި މީހާ ކުށަށް އިއުތިރާފްވުމެވެ. އެމީހާގެ ކުސާ ގުޅުންހުރި އެހެން މީހުންގެ ހަޤީގަތް ދެނެގަތުމެވެ.

އެކަމަށް އިބްތިހާލްގެ މަންމަ އެއްބސްވިތާ ބަރާބަރު 3 އަހަރުވީއެވެ. އޭނާގެ އެއަމަލާ ގުޅުންހުރި އެހެންވާހަކަތައް ކިޔައިދިންތާވެސް ބަރާބަރު 1080 ދުވަސް ފުރުނީއެވެ. ހިންގާނެ މާބޮޑު ތަހުގީގެއް ކުރާނެ މާބޮޑު ޝަރީއަތެއް ނެތި ހައްޤު އަދަބު ދެވޭވަރަށް ކަންކަން ސާފުކަމަށް މުޅި ރާއްޖެ ދަނެއެވެ.

އެކަމކު މިއަދު އެހަނދާން ހުރީ ތިޔައިގެ ތެރެއިން ކިތައް މީހުންތޯއެވެ. ބޭނުންވީމާ ފަތިހު ފަތިހާ، ކުރާންވީމާ ދަންވަރެއް އިރާކޮޅެއް ނެތި ނެރެން ބޭނުންވި އަމުރެއް ކުރާން ބޭނުންވި ހުކުމެއް ކުރުމުގައި ކޯޓުތައް ހަމަ މެކުހުގައެވެ. ޣައިރު ހާޒިރަކަސް ބަލި އެނދުގައި މީހާ އޮތަސް ބެލުމަކަށް ފަރުވާލެއް ނެތެވެ. ބޭނުންވީމާ ބޭނުންވާ ގޮތައް ބަސްބުނާހާ ހިނދުން ހުކުމްކޮށް ނިންމާލެވެއެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. އިއްޔެވެސް މިއަދުވެސް އަދި އިހަށް ދުވަހުވެސް ލޯމަތިން ފެންނަން ހުރި ހަޤީގަތެވެ.

އެކަމަކު އެއްކަލަ މަންމަގެ ޝަރީއަތް އަދި ނިންމައެއް ނުލެވުނެވެ. ބޭނުންވީމާ ބޭނުން އިރަކު ކޯޓަށް ހާޒިރުކުރެވޭގޮތައް އިބްތިހާލްގެ މަންމަ ހުރީ ދައުލަތުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައެވެ. ފިލައިގެން ދެވޭނެ ގޮތެއް ދެއްކޭނެ ދަޅައެއް ނެތް ހިސާބުގައެވެ.

އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެމައުސޫމް ކުއްޖާ މަރާލިތާ 3 އަހަރު ވީއެވެ. އިންސާފްވީ ހިސާބެއްވެސް ނޭނގެއެވެ. ދެލޯމުދުނަށް ނަގައިގެން އުޅުނު މީހުންގެ ހިލަމެއް ނެތެވެ. އަވަސްއަރުވާލައިގެން އުޅުނު ދައުލަތުގެ މުއައްސަސާތައް އޮތްތަނެއްގައެވެ. ކޯޓުތައް އޭގެ ގޮތުގައެވެ. އިންސާފުގެ ހިލަމެއްވެސް ނެތެވެ.

- ކޮމެންޓް