ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށްބުނެ ސިހުރު ހެދި މީހާ ދެކެ ބަޔަކު ރުޅި ގަދަވެ އޭނާއަށް ހަމަލާ ދީފިއެވެ.
ރުޅި އައިސްފައިވާ މީހުން ބުނީ ސިހުރު ހަދައިގެން އިންސާނަކު ކަޅު ބަކަރި އަކަށް ބަދަލު ކޮށް އެކަން ކުރި މީހާ އެ ބަކަރި ގެންގުޅެމުންދާ ކަމަށެވެ.
ޑެއިލީ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ނައިޖިރީއާގައި ހިނގި މިހާދިސާ އާ ގުޅިގެން ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މީހާއާއި އެމީހާއަށް ހަމަލާ ދިން މީހުންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެއެވެ.
ހާދިސާ ހިނގީ ނައިޖީރިއާގެ އިދާރީ ދާއިރާ އެއް ކަމަށްވާ އޮބިއޯ-އަކްޕޯރ ގެ ރުކްޕޮކް ކޮމިއުނިޓީގައެވެ.
ސިހުރު ހެދި މީހާ ދެކެ ރުޅި އައިސްގެން ދިޔަ ގުރޫޕްގެ މީހުން ހަމަލާދިނުމުގެ ސަބަބުން އެމީހާ ހޭނެތިގެން ވެއްޓުނު ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
ތަހުގީގުގައި ސިހުރު ހެދިކަމަށް ތުހުމަތު ކުރެވޭ މީހާ ބުނީ އޭނާ ދުވަހަކުވެސް އިންސާނަކު ބަކަރި އަކަށް ބަދަލު ނުކުރާ ކަމަށާއި، އެމީހުން އެ ބުނާ ކަޅު ކުލައިގެ ބަކަރި އަކީ އަބަދުވެސް އޭނާ ގެންގުޅޭ ބަކަރި އެއް ކަމަށެވެ. އަދި އެ ބަކަރި އަކީ ދުވަހަކުވެސް އިންސާނެއްގެ ސިފައިގައި އޮތް އެއްޗެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.