ފަލަސްޠީނުގެ ކުރީގެ ރައީސް އަލްމަރްހޫމް ޔާސިރު އަރަފާތުގެ އުފަން ނަންފުޅަކީ މުޙައްމަދު ޔާސިރު އަބްދުލްރަޙްމާން އަބްދުލްރަޢޫފް އަލް ޤުދްވާއެވެ. އެމަނިކުފާނު އުފަންވެވަޑައިގަތީ މިސްރުގެ ގާހިރާގައި 1929 ވަނަ އަހަރުއެވެ. އެމަނިކުފާނުގެ ބައްޕާފުޅު، އަބްދުލްރަޢޫފް އަލް ޤުދްވާ އަލް ޙުސައިނީ އަކީ ފަލަސްޠީނުގެ ޤައްޒާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނަމަވެސް ޔާސިރު އަރަފާތުގެ ބައްޕާފުޅުގެ ފަރާތު މާމާފުޅަކީ މިޞްރުގެ ބޭކަނބަލެއް ކަމުން އެމަނިކުފާނު އުފަންވެވަޑައިގަތް އިރު، އެމަނިކުފާނުގެ އާއިލާ ދިރިއުޅެމުންދިޔައީ މިސްރުގައެވެ.
ޔާސިރު އަރަފާތަކީ އާއިލާގައި ތިއްބެވި 7 ބޭފުޅުންގެ ތެރެއިން ދެވަނައަށް އެންމެ ހަގަށް ހުރި ބޭފުޅާއެވެ. ޔާސިރު އަރަފާތުގެ ހަގަށް ދެން އެ އާއިލާގައި ހުންނަނީ އެމަނިކުފާނުގެ ކޮއްކޯފުޅު، ފަތްހީ އަރަފާތެވެ.
ޔާސިރު އަރަފާތުގެ މަންމާފުޅު، ޒަޙްވާ އަބުލް ސައުދް އަކީ ޤުދުސްއަށް ނިސްބަތްވާ އާއިލާއެއްގެ ބޭފުޅެކެވެ. އެކަމަނާ އަވަހާރަވީ ޔާސިރު އަރަފާތުގެ އުމުރުފުޅުން 4 އަހަރުފުޅުގައި ކިޑްނީގެ އާލާސްކަންފުޅެއްގައެވެ.
ޒަހްވާ އަވަހާރަވުމަށްފަހު، އެކަނިވެރި ބަފައެއްގެ ގޮތުގައި ހަތް ބޭފުޅުން ބައްލަވަން ޖެހިވަޑައިގަތުމުން، ޔާސިރް އަރަފާތުގެ ބައްޕާފުޅު، އެމަނިކުފާނާއި، ކޮއްކޯފުޅު ފަތްޙީ އަރަފާތު، މަޤުރިބުކަރައިގެ ބާރުގެ ދަށުގައި އޭރު އޮތް ގުދުސްގެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ އެބޭފުޅުންގެ މަންމާފުޅުގެ އާއިލާގެ ގާތަށް ފޮނުއްވެވިއެވެ. މިއީ ޔާސިރު އަރަފާތު ގުދުސްއަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ގުދުސްގައި، ބޮޑުބޭބޭފުޅު ސާލިމް އަބުލް ސައުދުގެ ބެއްލެވުމުގެ ދަށުގައި ޔާސިރް އަރަފާތާއި ފަތްޙީ އަރަފާތު 4 އަހަރު ހޭދަކުރެއްވިއެވެ. 1937 ވަނަ އަހަރު ޔާސިރް އަރަފާތާއި ފަތްޙީ އަރަފާތު، އެ ދެބޭފުޅުންގެ ދައްތާފުޅު އިނާމް އަރަފާތުގެ ބެއްލެވުމުގެ ދަށަށް ގާހިރާއަށް ގެންދެވިއެވެ. ޔާސިރް އަރަފާތުގެ އުމުރުފުޅުން ދުވަސްވަމުން ދިޔަ ވަރަކަށް އެމަނިކުފާނާއި އެމަނިކުފާނުގެ ބައްޕާފުޅާއި ދެމެދު އޮތް ގުޅުން ދިޔައީ ހީނަރު ވަމުންނެވެ. މި ގުޅުން ހީނަރުވެ، 1952 ވަނަ އަހަރު އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމުން، ޖަނާޒާއަށްވެސް އަރަފާތު ވަޑައިގެންފައެއް ނުވެއެވެ. އަދި ފަހުން ގައްޒާއަށް ވަޑައިގެން ބައްޕާފުޅު ފަސްދާނުލެވިފައިވާ ތަނަށްވެސް ޒިޔާރަތް ކުރައްވާފައެއް ނުވެއެވެ.
ޔާސިރު އަރަފާތުގެ ބަޔޯގްރާފަރ، އިނގެރޭސި ލިޔުންތެރިޔާ އެލަން ހާޓްއަށް އެމަނިކުފާނުގެ ދައްތާފުޅު އިނާމް އަރަފާތު ކިޔައިދެއްވާފައިވާ ގޮތުގައި ގާހިރާގައި ޔަހޫދީން އުޅޭ ސަރަޙައްދަށް ވަޑައިގެން ޔާސިރު އަރަފާތު އެމީހުންގެ ދީނީ ކަންކަން ހިނގާ ގޮތް ވަރަށް ގާތުން ބެއްލެވިއެވެ. އަދި މިކަމުގެ އަދަބެއްގެ ގޮތުން އެމަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެސް ކުރެއްވި ކަމަށް އިނާމް ވަނީ ވިދާޅުވެފައެވެ. ފަހުން، ބައްޕާފުޅުގެ އަނިޔާ އާއި އެކުވެސް، ޔަހޫދީން އުޅޭ ސަރަޙައްދަށް ވަޑައިގަތުން ހުއްޓައި ނުލައްވަނީ ކީއްވެގެންތޯ އިނާމް އެއްސެވުމުން، ބޭނުންވަނީ ޔަހޫދީންގެ ވިސްނުން ދެނެގަތުމަށް ކަމަށް ޔާސިރު އަރަފާތު ވިދާޅުވި ކަމަށް އިނާމް ވަނީ ވިދާޅުވެފައެވެ.
ޒުވާން އެކްޓިވިސް، ލީޑަރަކަށް
ޒުވާން ދުވަސްވަރުވެސް އަރަފާތު ވަނީ ފަލަސްޠީނަށް އަތްގަދަކުރަމުންދިޔަ އިސްރާއީލާއި ދެކޮޅަށް، ހަނގުރާމަކުރަމުންދިޔަ ފަރާތްތަކަށް ވާގިވެރި ވެވަޑައިގެންފައެވެ. އެގޮތުން 1948 ވަނަ އަހަރުގެ ހަނގުރާމައިގައި އެފަރާތްތަކަށް ހަތިޔާރު ސްމަގްލް ކޮށްދިނުމުގައި އަރަފާތު ބައިވެރިވެވަޑައިގެންފައިވެއެވެ.
ފަލަސްޠީނުގެ ގިނަ ޒުވާނުންނެކޭ އެއްގޮތަށް އަރަފާތުވެސް ތަޢުލީމު ފުރިހަމަކުރެއްވުމަށް ވަޑައިގެންނެވީ މިޞްރަށެވެ.
ގާހިރާގެ ކިންގް ފުއާދް 1 ޔުނިވަރސިޓީގައި ތަޢުލީމު ހާޞިލް ކުރައްވަމުން ގެންދެވިއިރު އަރަފާތު އިސްކޮށް ހުންނަވައި ޕެލެސްޓީނިއަން ގްރެޖުއޭޓް އެސޯސިއޭޝަންގެ ނަމުގައި އެމަނިކުފާނު އެސޯސިއޭޝަނެއް އުފެއްދެވިއެވެ. މި އެސޯސިއޭޝަންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮތީ ސުއެޒް ކްރައިސިސްގެ ދުވަސްވަރު އިނގެރޭސި، ފަރަންސޭސި އަދި އިސްރާއީލުގެ ފަރާތްތަކާއި ކުރިމަތިލަމުންދިޔަ މިޞްރުގެ ފަރާތްތަކަށް އެހީވާނެ ވޮލަންޓިއަރުން ހޯދައިދިނުމެވެ.
މިޞްރުގައި އިންޖިނިއަރިންގ ދާއިރާއިން ޑިގްރީއެއް ހާސިލްކުރެއްވުމަށްފަހު، ކުވެއިތުން ވަޒީފާއެއް ހޯއްދެވި ނަމަވެސް އަރަފާތުގެ ވިސްނުންފުޅު އޭރުވެސް ހުރީ ހަމައެކަނި ވަޒީފާއެއްގައި ދެމިހުންނެވުމަކަށް ނޫނެވެ.
ފަހުން ޕެލެސިޓީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން، ނުވަތަ ޕީއެލްއޯގެ އެންމެ ބޮޑު އަދި އެންމެ މަޤުބޫލު ފެކްޝަނަށް ވެގެންދިޔަ ފަތަޙް ޖަމާޢަތް އަރަފާތު އުފެއްދެވީ ކުވެއިތުގައި ހުންނެވި ދުވަސްވަރުއެވެ. ފަތަޙް ޖަމާޢަތް މެދުވެރިކޮށް އަރަފާތު އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ އެ ޖަމާޢަތަށާއި، ފަލަސްޠީނުގެ ރެފިއުޖީންގެ މައްސަލައަށް ދުނިޔޭގެ ސަމަލުކަން ހޯއްދެވުމަށެވެ. މި މައްސަކަތުގެ އެންމެ ކުރީކޮޅު ނެރެވުނު އެއް ނަތީޖާއެއްގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ ފަލަސްޠިނޫނާ ނުވަތަ އަހަރުމެންގެ ފަލަސްޠީނުގެ ނަމުގައި މަޖައްލާއެއް ޝާއިއު ކުރުމަށެވެ.
ފަތަޙް ޖަމާއަތުގެ ނުފޫޒު އިތުރުކޮށް، އަރަފާތުގެ އިންޤިލާބީ ފިކުރު އިތުރަށް ފެތުރުއްވުމަށް 1965 ވަނަ އަހަރު އަލްޖީރިއާގައިވެސް ފަތަޙްގެ އޮފީހެއް ހުޅުވިއެވެ. އެހާތަނަށް ދިޔައިރު އަރަފާތު މަސައްކަތް ކުރެއްވީ، ފަލަސްޠީނުގެ މިނިވަންކަމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދިޔަ މަސައްކަތުގެ މައްޗަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެ ފަދަ ގޮތަކަށް ފަލަސްޠީނުގެ މައްސަލައަށް އަރަބި ދުނިޔެ ހޭލުންތެރި ކުރެއްވުމަށެވެ.
ހަތިޔާރު އުފުލުން
އަރަފާތު ޤަބޫލުކުރެއްވި ގޮތުގައި އަމިއްލަ ވަޒަނާއި، މިނިވަންކަން ގެއްލިފައިވާ ބަޔަކަށް އެމީހުންގެ ޙައްޤު ހޯދުމަށް އޭރު އޮތް ހަމައެކަނި މަގަކީ އަސްކަރީ މަގެވެ. މި ފިކުރުގެ ނަތީޖާއެއްގެ ގޮތުން، އަރަފާތު ވަނީ އަރަބި އެކި ޤައުމުތަކުގައި ހުންނަވައި، އިސްރާއީލަށް އެކި ކަހަލަ އަސްކަރީ ހަމަލާތައް ދެއްވާފައެވެ.
ކަންމިހެން އޮތް ނަމަވެސް، ފަލަސްޠީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތުގައި އިސްކޮށް ތިބެންވާނީ ފަލަސްޠީނުގެ ރައްޔިތުން ކަމަށް އަރަފާތު ދެކިވަޑައިގަތް ގަތުމާއި ގުޅިގެން، ބާރުގަދަ އަރަބި އެކި ދައުލަތްތަކާއި އަރަފާތާއި ދެމެދު އޭރުވެސް ދިޔައީ ބޮޑެތި މައްސަލަތައް އުފެދެމުންނެވެ.
މިފަދައިން ޖެހުނު މައްސަލައެއް ބޮޑުވެ، އުރުދުންގައި ފަލަސްޠީނުގެ ފެކްޝަންތަކާއި އުރުދުންގެ އަސްކަރިއްޔާއާއި ދެމެދު ވަނީ ހަނގުރާމައެއްވެސް ކޮށްފައެވެ. އެދުވަސްވަރު އުރުދުންއިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް މަރާފައިވާއިރު، މި ޖަރީމާތައް ފަހުން އާންމުވެގެން ގޮސްފައިވަނީ ކަޅު ސެޕްޓެމްބަރުގެ ގޮތުގައެވެ.
ހަމަ އެދުވަސްވަރު ފަލަސްޠީނުގެ އެކި ފެކްޝަންތައް އުރުދުންއިން ބޭރުކޮށް، ލުބްނާނަށް ދާން މަޖުބޫރުކުރިއެވެ. މި ކަންތައްތައް ހިނގައިދިޔަ ދުވަސްވަރު ދިމާވީ ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާމަން ކަމަށް އަރަފާތު އިސްކުރެވުނު ދުވަސްވަރާއިއެވެ.
އުރުދުންގައި ތިބި ފަލަސްޠީނުގެ ފެކްޝަންތައް އެޤައުމުން ނެރެ ލުބްނާނަށް ފޮނުވާލި ދުވަސްވަރަކީ ލުބްނާނުގެ އެތެރޭގެ ހާލަތުވެސް ވަރަށް ނާޒުކުކޮށް އޮތް ވަގުތެކެވެ. އެ ޤައުމުގެ އެކި ދަރިކޮޅުތަކަށް ނިސްބަތްވާ ފަރާތްތަކުން އޭރު ދިޔައީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުންނެވެ. އެ ޤައުމު އޭރު އޮތީ އެތެރޭގެ ހަނގުރާމައެއްގެ ތެރޭގައެވެ. އުރުދުން އިން ނެރެލުމުން ލުބްނާނަށް ދިޔަ ފަލަސްޠީނުގެ ފެކްޝަންތައްވެސް މި ހަނގުރާމައިގެ ތެރޭގައި ތާށިވިއެވެ.
އެދުވަސްވަރު އަރަބި އެކި ޤައުމުތަކުގައި ތިބި ޕީއެލްއޯގެ ހަނގުރާމަވެރިން ލުބްނާނަށް އެއްވެ، ލުބްނާނުގައި އެމީހުންގެ ބާރު ގަދަކޮށް، ލުބްނާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ.
ލުބްނާނުގެ އެތެރޭގެ ހާލަތުގެ ބޭނުންހިފައި، 1978 ވަނަ އަހަރު އިސްރާއީލުން ލުބްނާނަށް އަރައިގަނެ ލުބްނާނުގެ ބައެއް ސަރަޙައްދުތައް ހިފިއެވެ. އަދި އޭގެ ފަހުން 1982 ވަނަ އަހަރު އިތުރު ހަމަލާތަކެއްދީ، ލުބްނާނުގެ ބޮޑު ބައެއް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔައެވެ.
ލުބްނާން ދޫކޮށް ޓިއުނީޝިއާއަށް
އިސްރާއީލުން ލުބްނާނަށް އެރި މައިގަނޑު އެއް ސަބަބަކަށް ވެފައި އޮތީ އަރަފާތުގެ ހަނގުރާމަވެރިން އެ ޤައުމުން ބޭރުކުރުމެވެ. އެގޮތުން 1982 ވަނަ އަހަރު އިސްރާއީލުން ލުބްނާންގެ ވެރިރަށް ބެއިރޫތު ހިޞާރު ކުރިކުރުން ނިމުމަކަށް ގެނައުމުގެ އަގެއް ކަމުގައި ކަނޑައެޅީވެސް އަރަފާތު ލުބްނާން ދޫކޮށް ދިއުމެވެ. އެކި ޤައުމުތަކުގެ އެހީއާއިއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، އަރަފާތާއި، ޕީއެލްއޯގެ ހަނގުރާމަވެރި އަރަބި އެކި ޤައުމުތަކަށް ފޮނުވާލެވުނެވެ. މި އެއްބަސްވުމުގައި ވާގޮތުން ލުބްނާނުގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށް ހިމާޔަތް ދިނުމަކީ އެމެރިކާގެ ޒިންމާއެކެވެ.
ނަމަވެސް އަރަފާތާއި ޕީއެލްއޯ ލުބުނާން ދޫކޮށް ދިއުމާއިއެކު، ބެއިރޫތުގެ ސަބްރާ ރެފިއުޖީ ކޭމްޕާއި އަދި ޝާތިލާ ރެފިއުޖީ ކޭމްޕްގައި ތިބި ފަލަސްޠީނުގެ 2200 އަށްވުރެ ގިނަ ރެފިއުޖީން މަރާލިއެވެ.
ލުބްނާނުން ނުކުތުމަށްފަހު އަރަފާތު ވަޑައިގަތީ ޓިއުނީޝިއާއަށެވެ. އެ ޤައުމަށް ވަޑައިގެން އެ ޤައުމުގައި ޕީއެލްއޯގެ ހެޑްކުއާޓަރސް ޤާއިމް ކުރެއްވިއެވެ. ޕީއެލްއޯގެ ލީޑަރޝިޕުގައި ހިމެނޭ ބައެއް ބޭފުޅުން އަރަފާތާއި އެކު ޓިއުނީޝިއާގައި ވަޒަންވެރިވެވަޑައިގަތް އިރު، ލީޑަރޝިޕްގެ ބައެއް ބޭފުޅުން ސީރިއާގައިވެސް ވަޒަންވެރި ވެވަޑައިގަތެވެ. ޕީއެލްއޯގެ މެންބަރުންގެ ގޮތުގައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިން މުޅި މެދުއިރުމައްޗަށް ފެތުރިގެން ދިޔައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޕީއެލްއޯގެ ޕެލެސްޓީނިއަން ނޭޝަނަލް ކައުންސިލް އިން ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށާއި، އެ ދައުލަތުގެ ވެރިރަށަކީ ގުދުސް ކަމުގައި ކަނޑައަޅައި އިޢުލާނުކުރިއެވެ. އެކަން އިޢުލާނުކުރެއްވީ ޚުދު އަރަފާތެވެ. މިނިވަން ދައުލަތް އިޢުލާނުކުރެއްވި ފަހުން އަރަފާތު ވަނީ ހުރިހާ ބާވަތެއްގެ ހަމަނުޖެހުމާއިވެސް އެމަނިކުފާނު ދެކޮޅުކަން ހާމަކުރައްވާ އެމެރިކާއިން އޭރު ހުށަހަލާފައިވާ ސުލްޙައިގެ ވާހަކަތަކަށް އެއްބަސްވެވަޑައިގެންފައެވެ.
އިސްރާއީލް ބަލައިގަތުން
ޕީއެލްއޯގެ މި ނިންމުން ވެގެން ދިޔައީ ގިނަ ބަޔަކު ސިއްސުވާލި ނިންމުމަކަށެވެ. އެހެނީ 1974 ވަނަ އަހަރު އދ ގެ އާންމު ޖަލްސާގައި އަރަފާތު ވަނީ އެމަނިކުފާނުގެ އަތްޕުޅުގައި ސުލްޙައިގެ ރަމްޒެއްގެ ގޮތުގައި ޒައިތޫނި ފަތްކޯޅިކާއި، މިނިވަންކަމަށް ހަނގުރާމަކުރާ ހަނގުރާމަވެރިއެއްގެ ބަޑި އޮތްކަމަށާއި، އެމަނިކުފާނުގެ އަތްޕުޅުން ޒައިތޫނި ފަތްކޯޅި ވެއްތޫނަ ނުދިނުމަށް ގޮވާލައްވައި، ހަނގުރާމައަށް ތައްޔާރަށް ހުންނެވި ކަމަށް އިޢުލާނު ކުރައްވާފައެވެ.
1988 ވަނަ އަހަރު ފަލަސްޠީނުގެ މިނިވަން ދައުލަތް އިޢުލާނު ކުރެއްވުމަށްފަހު، އެމަނިކުފާނު އަނެއްކާވެސް އދ ގައި ވާހަކަފުޅު ދެއްކެވިއެވެ. އެފަހަރު އެމަނިކުފާނު ވަނީ އިސްރާއީލުގެ ދައުލަތް ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްޤު އޮތްކަން ޤަބޫލުކުރާއްވާފައެވެ.
އަރާފާތު މިގޮތަށް އިޢުލާނު ކުރެއްވުން ވެގެންދިޔައީ އެމަނިކުފާނާއި، ޕީއެލްއޯ އާއި މެދު އެމެރިކާއިން ދެކޭގޮތް ރަނގަޅުވެގެންދިޔަ ކަމަކަށެވެ. ނަމަވެސް އަރަފާތުގެ މި ނިންމުމުގެ ސަބަބުން ފަލަސްޠީނުގެ އެހެން ފެކްޝަންތަކުގެ މެދުގައި އަރަފާތުގެ މަޤުބޫލުކަން ދަށްވެގެން ދިޔައެވެ. އެފަރާތްތަކުން ދެކުނު ގޮތުގައި އަރަފާތާއި ޕީއެލްއޯގެ އެ ނިންމުމަކީ ފަލަސްޠީނުގެ ރައްޔިތުން ވަމުންދިޔަ ޤުރުބާނީއަށް ކުރި މަލާމާތެކެވެ.
ޕީއެލްއޯގެ ނިންމުމާއިއެކު އަރަފާތުގެ މަޤުބޫލުކަން ކުޑަވެގެން ދިޔަ ނަމަވެސް، ޕެލެސްޓީނިއަން ސެންޓްރަލް ކައުންސިލުން އަރަފާތަކީ ފަލަސްޠީނުގެ ރައީސް ކަމަށް 1989 ވަނަ އަހަރު ނިންމިއެވެ. މި ނިންމުމާއި އެކު ފަލަސްޠީނަށް އުއްމީދާއި ކޮންމެވެސް މިންވަރެއްގެ ކުރިއެރުން ލިބިގެންދިޔައެވެ.
ފަލަސްޠީނުގެ ރައީސްކަމަށް ވަޑައިގަތުމުގެ އިތުރުން އެ ދުވަސްވަރު ވެގެންދިޔައީ އަރަފާތުގެ ޒާތީ ދިއިއުޅުއްވުމަށްވެސް ބޮޑު އުފާވެރިކަމެއް ލިބުނު ދުވަސްވަރަކަށެވެ. 1990 ވަނަ އަހަރު، އާންމުނަށް ވީހާވެސް ސިއްރުން، އޭރު އުމުރުފުޅުން 60 އަހަރުފުޅުގެ އަރަފާތު، އުމުރުން 27 އަހަރުގެ ސުހާ ދާއޫދު އަލް ތާވިލް އާއި ކައިވެނި ބައްލަވައިގަތެވެ. އެ ދެމަފިރިކަންބަލުންނަށް ލިބިވަޑައިގެން ހަމައެކަނި ދަރިކަނބަލުން ލިބިވަޑައިގެންނެވީ 1995 ވަނަ އަހަރު ފްރާންސްގައެވެ. އަރަފާތުގެ ދަރިކަނބަލުންނަށް ނަން ދެއްވީ އެމަނިކުފާނުގެ މަންމާފުޅަށް ނިސްބަތް ކުރައްވާ، ޒަހްވާގެ ނަމުންނެވެ.
އަރަފާތުގެ ކައިވެނިފުޅަށް އަހަރެއް ވީތަނާހެން، އެމެރިކާ އާއި ރަޝިއާއިން މެދުވެރިވެގެން، މެޑްރިޑްރައި ފަލަސްޠީނު – އިސްރާއީލް ސުލްހައިގެ ވާހަކަތައް ފެށުނެވެ. ނަމަވެސް އެދުވަސްވަރު އަރަފާތު ގެންދެވީ ނޯވޭގައި ސުލްހައިގެ ސިއްރު މަޝްވަރާތަކެއްވެސް ސްޕޮންސަރ ކުރައްވަމުންނެވެ. އެ ވާހަކަތަކުގެ ނަތީޖާއަކަށްވީ 1993 ވަނަ އަހަރު އެއްބަސްވެވުނު އޮސްލޯ އެކޯޑްސްއެވެ.
ބައެއް ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ބިމުގެ މިނިވަންކަން ދިނުމަށާއި، ވެސްޓް ބޭންކް އާއި ގައްޒާގައި ބައެއް ކަންކަން ހިންގުމުގެ ކޮންމެވެސް ވަރެއްގެ ބާރު ފަލަސްޠީނަށް ދިނުމަށް މި އެކޯޑްގައި އިސްރާއީލުން އެއްބަސްވިއެވެ. މި އެކޯޑްގެ ދަށުން ޕެލެސްޓީނިއަލް އޮތޯރިޓީ ޤާއިމުކޮށް، އެ ސަރުކާރުގެ ރައީސަކީ އަރަފާތު ކަމުގައިވެސް ހަމަޖެއްސިއެވެ.
އޮސްލޯ އާއި މެޑްރިޑްގައި ކުރެވުނު މަޝްވަރާތައް ކަޅާއި ހުދުން ލިޔެ، މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ އެމެރިކާގެ ވައިޓް ހައުސްގައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އަރަފާތާއި އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު ޔިޒާކް ރަބިންގެ ސަލާމްކުރެއްވުން ވެގެންދިޔައީ ތަރީޚީ ހިނދުކޮޅަކަށެވެ. މި އެއްބަސްވުނަތަކުގައި ވަކި މިންވަރަކަށް، ފަލަސްޠީނުގެ އަމިއްލަ ސަރުކާރެއް ޤާއިމް ކުރުމުގެ މިނިވަންކަމާއި، ވެސްޓް ބޭންކާއި ގައްޒާގައި ފަލަސްޠީނުގެ އަމިއްލަ ބާރު ހިންގުމުގެ ޙައްޤާއިމެދު އެއްބަސްވެވުނެވެ.
މި މަސައްކަތަށް، އަރަފާތާއި ރަބިންއަށް ވަނީ ނޯބެލް ސުލްހައިގެ އިނާމު ދީފައެވެ.
ސުލްޙައިގެ އެއްބަސްވުންތަކެއް ވެވުނު ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް މީގެން މާބޮޑު އަސަރެއް ކުރިތަނެއް ނުފެނުނެވެ. މި އެއްބަސްވުންތަކުގެ ނަތީޖާއެއް ކަމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ފެނުނު ހަމައެކަނި ކަމަކީ، އަރަފާތާއި ޕީއެލްއޯގެ ކުރީގެ އެތައް ހާސް ހަނގުރާމަވެރިން އަނބުރާ ގާއްޒާއަށް ދިއުމެވެ.
އޮސްލޯ އެކޯޑަށްފަހު ސުލްހައިގެ އިތުރު އެއްބަސްވުންތައްވެސް ވެވުނެވެ. މީގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ ބައެއް ހިސާބުތަކުން ފައިބާނެ މުއްދަތުތައް ކަނޑައަޅާފައިވާ ކައިރޯ އެކޯޑްސް ހިމެނެއެވެ. މި އެއްބަސްވުން ވެވުނީ 1994 ވަނަ އަހަރެވެ.
1996 ވަނަ އަހަރު ބޭއްވުނު އިންތިޚާބުން ދެއްކި ގޮތުން ޕެލެސްޓީނިއަން އޮތޯރިޓީގެ ރައީސްކަމުގައި އަރަފާތު ހުންނެވުމަށް 83 އިންސައްތަ ރައްޔިތުން ތާޢީދު ކުރިއެވެ. މި އިންތިޚާބަކީ ބައިނަލްއަޤުވާމީ އެކި ފަރާތްތަކުން މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ކަނޑައެޅި އިންތިޚާބެކެވެ.
ރައީސްކަމުގައި ދެމިހުންނެވުމުގެ ރުހުން ރައްޔިތުންގެ ފަރާތުން ލިބުމުން، 1998 ވަނަ އަހަރު އަރަފާތު ވައި ރިވަރ އެކޯޑްގައި ސޮއިކުރެއްވިއެވެ.
ސުލްޙައަށް އެޅުނު ހުރަސްތައް
ސުލްހައިގެ ވާހަކަތަކުގެ ފަހު މަރުހަލާ އާއި ހަމައިން، މި މަސައްކަތައް ހުއްޓުން އެރިއެވެ. އިސްރާއީލާއި ފަލަސްޠީނާއި ދެމެދު އޮތް މައިގަނޑު މައްސަލަތައް ކަމުގައިވާ ޤުދުސްގެ މައްސަލަ އާއި ފަލަސްޠީނުގެ ރެފިއުޖީން އެމީހުންގެ ބިމަށް އެނބުރި ދިއުމުގެ މައްސައާއި، ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން އަޅާފައިވާ ގެތަކުގެ މައްސަލައާއި، ބޯޑަރާއި ފެނުގެ މައްސަލައާއި ހަމަށް މަޝްވަރާތައް ދިއުމުން މި މަޝްވަރާތަކުގައި ކުރިއެރުމެއް ލިބޭ ގޮތެއް ނުވިއެވެ.
މި މައްސަލަތަކަށް ޙައްލެއް ހޯދުމުގެ އުއްމީދުގައި 2000 ވަނަ އަހަރު އަރަފާތާއި، އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަންގެ އިތުރުން އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު އެހުދް ބަރަކް، އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ޤުދުސް އަކީ އިސްރާއީލުގެ ބިމެއް ކަމަށް ޤަބޫލުކުރުމަށް ބިލް ކްލިންޓަނާއި، އެހުދް ބަރަކް ގުޅިގެން އަރަފާތަށް ބާރުއެޅުއްވެވިއެވެ. އެ ހުށަހެޅުމަށް އަރަފާތު ދެކޮޅުހެއްދެވުމުން، ސުލްޙައަށް ހުރަސްއަޅުއްވަނީ އަރަފާތުކަމަށް ތުޙުމަތުކުރައްވައި އެ ބައްދަލުވުންތައް ނިންމަވާލެއްވިއެވެ.
ސުލްޙައިގެ ވާހަކަތައް ހުއްޓުމާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. އެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ހުރަސްއެޅިގެން ދިއުމެވެ.
މި ހިތްހަމަނުޖެހުމުގެ ނަތީޖާއަކަށްވީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަލަސްޔީނުގެ ރައްޔިތުން އިސްރާއީލާއި ދެކޮޅަށް ތެދުވުމެވެ. އަލް އަޤްޞާ އިންތިފާޟާގެ ނަން ދެވުނު މި ހަރަކާތްތައް ފެށެން މެދުވެރިވި ސަބަބަކީ އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު އަރިއަލް ޝެރޯން ޤުދުސްއަށް ވަޑައިގެން، އަލްޢަޤްޞާ މިސްކިތް ހުންނަ ހަރަމް އަލް ޝަރީފަށް ވަޑައިގަތުމެވެ.
އަލް އަޤްޞާ އިންތިފާޟާ އާއި ގުޅިގެން އެމެރިކާ އާއި އަރަފާތުގެ ގުޅުން ހީނަރުވެގެން ދިޔައެވެ. ސުލްޙައިގެ މަސައްކަތް ހުއްޓުވުމަށް އަރަފާތު ޤަސްތުގައި ހަމަނުޖެހުން އުފައްދަވާކަމަށް ތުޙުމަތު ކުރައްވައި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އަރަފާތާއި ބައްދަލުކުރެއްވުމަށް ދެކޮޅުހެއްދެވިއެވެ. އެ ދުވަސްވަރު ރައީސް ބުޝް ވަނީ އެކި ފަހަރުމަތިން އަރިއަލް ޝެރޯން އާއި ބައްދަލުކުރައްވާ، ޝެރޯން އަކީ "މޭން އޮފް ޕީސް" ނުވަތަ ސުލްޙައިގެ މީހާ ކަމަށް ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ސިއްޙީ ހާލުކޮޅު ދެރަވުމާއި ހިޞާރުކުރުން އަދި އަވަހާރަވުން
ސުލްޙައިގެ މަސައްކަތަށް އަރަފާތަކީ ބޭކާރު ފަރާތެއް ކަމަށް ނިންމައި، 2002 ވަނަ އަހަރު އިސްރާއީލުން އަރަފާތު ގޭބަންދު ކުރިއެވެ. އަރަފާތު ބަންދުކުރީ ރާމުﷲގައި ހުންނަ ޕީއެލްއޯގެ ވެސްޓް ބޭންކް ހެޑްކުއާޓަރުގައެވެ.
މުޤަތާގެ ނަން ދީފައިވާ ފަލަސްޠީނުގެ ސަރުކާރު އޮފީސްތައް ހުންނަ އިމާރާތް ހިޞާރުކޮށްގެން ދެ އަހަރުވަންދެން އިސްރާއީލުގެ ސިފައިން ތިއްބެވެ. އެ ދެއަހަރު ތެރޭގައި އެ އިމާރާތުގެ ގޯތިތެރެއަށް އެކި ފަހަރުމަތިން އިސްރާއީލު ސިފައިން ވަނީ ބޮން އަޅާފައެވެ. އަދި އަރަފާތުގެ އޮފީހަށް އެކި ފަހަރުމަތިން ޓޭންކުން ހަމަލާ ދީފައެވެ.
އަރަފާތު ހިޞާރުކޮށްގެން ތިބިއިރު، އިސްރާއީލުން ވަނީ އަރަފާތަށް ތިން ގޮތެއް ހެދުމާއިމެދު ވިސްނާފައެވެ. އެއީ އަރަފާތު ހައްޔަރުކުރުން، ފަލަސްޠީނުން އަރަފާތު ޑީޕޯޓްކުރުން، ނުވަތަ އަރަފާތު މަރާލުމެވެ. އިސްރާއީލުން ބޭކާރުކަމަށް ކަނޑައެޅި އަރަފާތު އޭރުވެސް ހުންނެވީ ފަލަސްޠީނުގެ ރައީސް ކަމުގައި ކަމަށްވާއިރު، އަރަފާތުގެ ފުރިހަމަ ބާރު އޭރުވެސް ފަލަސްޠީނުގައި އޮތެވެ.
2004 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު އަރަފާތުގެ ހާލުކޮޅު ކުއްލިއަކަށް ދެރަވިއެވެ. ފުރަތަމަ ޤަބޫލުކުރެވުނު ގޮތުގައި އަރަފާތަށް ހުމުގެ އާލާސްކަންފުޅަކާއި ކުރިމަތިވީއެވެ.
ބަލި ހާލަތާއި އެކުވެސް ވީރާނާވަމުންދިޔަ މުޤަތާގެ ތެރޭގައި ތާށިވެފައި ހުރިއިރު، އަރަފާތަށް ފަރުވާ ދެމުންދިޔަ މިޞްރާއި، އުރުދުން އަދި ޓިއުނީޝިއާގެ ޑޮކްޓަރުންގެ ޓީމުތަކަށްވެސް އަރަފާތުގެ ބަލީގެ ހަޤީޤަތެއް ނުހޯދުނެވެ.
ފަލަސްޠީނުގައި އަރަފާތަށް ދެވެންހުރި ހުރިހާ ފަރުވާއެއް ދިނުމަށްފަހުވެސް އަރަފާތުގެ ހާލުކޮޅަށް ބަދަލެއް ނައުމުން، އަރަފާތު ފަރަންސޭސިވިލާތަށް ގެންގޮސް، ޕެރިސްގައި ހުންނަ ޕަރސީ މިލިޓަރީ ހޮސްޕިޓަލުގައި އެނދުމަކި ކުރެވުނެވެ. އަރަފާތަށް ޒަހަރެއް ދީފައިވާކަމަށް ޝައްކުރެވިގެން ފަރަންސޭސި ޑޮކްޓަރުން އެތައް ޓެސްޓެއް ހެދިނަމަވެސް، އަރަފާތުގެ ހަށިގަނޑުން ޒަހަރެއްގެ އަސަރެއް ނުފެނެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު އަރަފާތު ކޯމާގެ ހާލަތަށް ވަޑައިގަތެވެ. ކޯމާގައި އޮންނަވައި، އަރަފާތު އަވަހާރަވީ އުމުރުފުޅުން 75 އަހަރުފުޅުގައި 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
އަރަފާތު އަވަހާރަވުމަށް ފަހު
އަރަފާތު އަވަހާރަވި ސަބަބެއް ކަމަށް ޑޮކްޓަރުން ކަނޑައެޅީ ސިކުނޑިފުޅަށް ލޭއެޅި، ސްޓްރޯކެއް ޖެހިވަޑައިގަތުމެވެ. އެހެން ނަމަވެސް އަރަފާތުގެ އޮޓޯޕްސީއެއް ހަދާފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ސިއްޙީ ލިޔެކިޔުންތައް ހާމަކޮށްފައެއްވެސް ނުވެއެވެ.
އަރަފާތު އަވަހާރަވާ ދުވަހަކުން އެމަނިކުފާނުގެ ހަށިކޮޅު ޤުދުސްގައި ވަޅުލުމަށް އެމަނިކުފާނު ވަސިއްޔަތް ކުރައްވާފައި ވީނަމަވެސް، އިސްރައީލުން އެކަމަށް ފުރުޞަތެއް ނުދިނެވެ. އަރަފާތު ޤުދުސްގައި ވަޅުލުމަށް އިސްރާއީލުން ހުއްދަ ނުދިނުމުން، ގާހިރާގައި ޚާއްސަ ޖަނާޒާއެއް ބޭއްވުމަށްފަހު، އަރަފާތު ވަޅުލާފައިވަނީ ރާމުﷲގައެވެ.
އަރަފާތު އަވަހާރަވީ އަރަފާތަށް ޒަހަރެއް ދީގެން ކަމަށް، އަރަފާތު އަވަހާރަވި ފަހުންވެސް ޝައްކު ކުރެވުނު އިރު، ސްވިޒަލޭންޑްގެ ސައިންސްވެރިން އަރަފާތުގެ ހަށިކޮޅުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުން، އަރަފާތުގެ ހަށިގަނޑުގައި ރޭޑިއޯ އެކްޓިވް މާއްދައެއް ކަމަށްވާ ޕޮލޯނިއަމް، އާންމުކޮށް އެ މައްދާ ހުންނަން ޖެހޭ މިންވަރަށްވުރެ 18 ގުނަ އިތުރަށް ހުރިކަން ވަނީ ހާމަ ވެފައެވެ. 83 އިންސައްތަ ޔަޤީން ކަމާއިއެކު، ސައިންޓިސްޓުން އެއްބަސްވާ ގޮތުގައި އަރަފާތު އަވަހާރަވުމުގެ ސަބަބަކީ މި މާއްދާ އަރަފާތުގެ ހަށިގަނޑުގައި އިތުރުވުމެވެ.