މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ގޯލްޑަން ގްލޯބްސް އެވޯޑްސްގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބޭއްވި ސުލްހަވެރި މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ގިނަ ފިލްމީ ތަރިންނާއި އަދި ޓީވީ ތަރިން ލާފައި ވަނީ ކަޅު ހެދުމެވެ. މިއީ ހޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވުމުން ބޭއްވި ފުރަތަމަ ސުލްހަވެރި މުޒާހަރާއެވެ.
ގޯލްޑަން ގްލޯބްސް އެވޯޑްސްގައި ގިނަ ފަންނާނުން ކަޅު ހެދުން ބޭނުން ކުރި ގޮތަށް މިއުޒިކް ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 60 ވަނަ ގްރެމީ އެވޯޑްސްގައި ވެސް ޖިންސީ ފުރައްސާރައާ ދެކޮޅަށް ވަނީ ގިނަ ފަންނާނުން ބައިވެރިވާ ގޮތަށް ހަރަކާތެއް ހިންގަން ރާވާފައެވެ. މިފަހަރުގެ ހަރަކާތުގައި ޖިންސީ ފުރައްސާރަތަކާއި ތަފާތު ކުރުންތަކާ ދެކޮޅުކަން ދެއްކުމުގެ ގޮތުން ހުދު ފިނިފެންމާ ބޭނުން ކުރަން ވަނީ ނިންމައިފައެވެ.
މިކަމަށް މިހާރު ވަނީ ޚާއްސަ ކެމްޕޭނެއް ވެސް ފަށާފައެވެ. އަދި ގްރެމީ އެވޯޑަށް ދައުވަތު އަރުވާފައިވާ ފަރާތްތަކުން ހުދު ފިނިފެންމަލެއް ގެންދިއުމަށް ވަނީ އެދިފައެވެ. ހުދު ފިނިފެންމާ ބޭނުންކުރުމަށް ނިންމި ސަބަބަކީ އެމަލަކީ ރަހުމާއި ސުލްހަވެރިކަން ރަމްޒުކޮށްދޭ މަލަކަށް ވާތީ ކަމަށް ކެމްޕޭނަށް އިސް ނެގި ފަރާތްތަކުން ވަނީ ބުނެފައެވެ. މި ކެމްޕޭނަށް އިސްނަގާފައި ވަނީ މެގް ހާކިންސް، ކަރެން ރެއިޓް އަދި އޭއެންޑްއެމް ރިކޯޑްސް އިންނެވެ.
ފަސްދޮޅަސް ވަނަ ގްރެމީ އެވޯޑްސް ބާއްވާނީ މިއަންނަ އާދީއްތަ ދުވަހުއެވެ. މިދިޔަ ފަހަރުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑާ އެކު އެންމެ ކާމިޔާބު ތަރިއަކަށް ހޮވުނީ އިނގިރޭސި ވިލާތުގެ ލަވަކިއުންތެރިއާ އަޑެލްއެވެ.