މަޝްހޫރު ޕްރޮޑިއުސަރ، އެކްޓަރ ކަރަންޖޯހަރަށް ފަސްއަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ އާޖް ތަކް ނިއުސް އިން ބުނެފިއެވެ.
އެ ނޫހުން ރިޕޯޓް ކޮށްފައިވާގޮތުގައި ކަރަން މިހާރު ހުށައަޅަމުންދާ ޝޯ ކަމަށްވާ އިންޑިއާސް ނެކްސްޓް ސުޕަސްޓަރ ޝޯގެ އިސްތިހާރުގެ ވަގުތުގައި ކަމްލާ ޕަސަންދުގެ (އިންޑިއާގައި ދުފުމަށް ބޭނުންކުރާ ދުންފަތުގެ ބްރޭންޑެއް) އިސްތިހާރު ދެއްކުމާއި ގުޅިގެންނެވެ.
މިކަމުގެ ތުހުމަތުގައި އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ކަރަންއާއި އިންޑިއާސް ނެކްސްޓް ސުޕަސްޓަރ ޝޯގެ ހިއްސާ އޮންނަ ފަރާތްތަކަށް ވެސް ނޯޓިސް ދީފައެވެ. ދުންފަތް އިސްތިހާރު ކުރުމަކީ މަނާކަމަކަށްވާއިރު އިންޑިއާގެ ގާނޫނު ބުނާގޮތުން ކަރަންގެ މައްޗަށް މިކަން ސާބިތުވެއްޖެނަމަ ފަސްއަހަރުގެ ހުކުމަކާއި 2000 އިންޑިއަން ރުޕީސްއިން ޖޫރިމަނާ ކުރާނެއެވެ.
މިއީ ކަރަން ޖޯހަރަށް މިކަހަލަ ލީގަލް ނޯޓިސްއެއް ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ކަރަންއާއި ޝާހުރުކް ޚާން އަދި އޭނާގެ އަންހެނުން ގޯރީ ޚާންއަށް ވަނީ ފިލްމު އިއްތިފާގް ގެ ޕޯސްޓަރެއްގައި ދުންފަތް އިސްތިހާރުކުރެވޭ ފަދަ މަންޒަރެއް ހުރިކަމަށް ބުނެ ވެސް ދައުވާކޮށްފައެވެ.