ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 23:18
ރީތީގެ މުބާރާތުގައި ބައިވެރި ކޮށްފައިވާ ޖަމަލު ތަކެއް
ރީތީގެ މުބާރާތުގައި ބައިވެރި ކޮށްފައިވާ ޖަމަލު ތަކެއް
އޭއެފްޕީ
ޖަމަލުގެ ރީތީގެ މުބާރާތް
ބޮޓޮކްސް ބޭނުން ކޮށްފައިވާތީ ރީތީގެ މުބާރާތުން 12 ޖަމަލު ޑިސްކޮލިފައި ވެއްޖެ!
ޕްލާސްޓިކް ސާޖަރީ ހަދައިގެން ޖަމަލު ރީތި ކުރާ މައްސަލަވެސް ވަނީ ފެންމަތިވެފައި

ސައުދީ އަރަބިއްޔާގައި ކޮންމެ އަހަރަކު ބާއްވާ ޖަމަލުގެ ރީތީގެ މުބާރާތުގައި ބައިވެރި ކުރި ޖަމަލު ތަކުގެ ތެރެއިން 12 ޖަމަލެއް ޑިސްކޮލިފައި ކުރަން ފަނޑިޔާރުން ނިންމައިފިއެވެ. މައްސަލައަކަށްވީ މި ޖަމަލުތައް ރީތި ކުރުމަށް (ބޮޓުލިނަމް ޓޮކްސިން) ބޮޓޮކްސް އިންޖެކްޝަން ޖަހާފައިވާ ކަން ފަޅާ އެރުމެވެ.

ކިންގް އަބްދުލް އަޒީޒު ކެމަލް ފެސްޓިވަލްގެ ގެ ނަމުގައި ބާއްވާ ޖަމަލުގެ ރީތީގެ މުބާރަތަކީ ވަރަށް އަގު ބޮޑު އަދި ގިނަ ބައެއްގެ ސަމާލު ކަން ލިބޭ މުބާރާތެކެވެ. މި މުބާރާތުގެ ހައިބަތު މަތި ކުރުމުގެ ގޮތުން ކުރިން ސަހަރާގައި ބާއްވަމުން އައި މުބާރާތް މިފަހަރު ބާއްވަނީ ވެރިރަށް ރިޔާދް އާ ކައިރި ހިސާބެއްގައެވެ.

މުބާރާތުގައި މަކަރު ހެދުން މިހާހިސާބަށް ދިޔަ އެއް ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވަނީ މުބާރާތައް ހުށަހަޅާފައިވާ އިނާމުގެ ބޮޑު ކަމެވެ. މުބާރާތުގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 31.8 މިލިއަން ޑޮލަރެވެ.

ޖަމަލުގެ ރީތިކަން ސިފަވަނީ ގުދުރަތީ ގޮތުން އޭގެ ކަންފަތާއި، ނޭފަތާއި އަނގަމަތި ހުންނަލެއް ފުރިހަމަކަން ކަމުގައި ޖަމަލު ގެންގުޅޭ މީހުން ބުނެއެވެ.

ޖަމަލުގެ ރީތިކަން މުބާރާތުގައި ވަޒަން ކުރުމުގައި ގުދުރަތީ ގޮތުން ޖަމަލަށް ލިބިފައިވާ ސިފަތަކަށް ބަދަލު ގެނައުމަށް ކޮށްފައިވާ ކަންކަން ދެނެގަންނާނެ ވަރަށް ހަރުކަށި އުސޫލުތަކެއް މި އަހަރުގެ މުބާރާތުގައި ކަނޑައަޅާފައި ވާކަން ފާހަގަ ކުރެވެއެވެ.

މިއަހަރު އަދި ވަކިން ބޮޑަށް މުބާރާތުގައި މިކަންކަން ބަލަން ނިންމީ، ޖަނާވަރާ ބެހޭ ތަޖުރިބާކާރަކު ޖަމަލުގެ ޕްލާސްޓިކް ސާޖަރީ ހަދާކަން ފަޅާ އެރުމުންނެވެ. ސައުދީ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި މި މީހާ ހިންގާ ކްލިނިކްގައި ޖަމަލަށް ބޮޓޮކްސް އިންޖެކްޝަން ޖެހުން ފަދަ ކަންކަންވެސް ކޮށްފައިވާކަން ވަނީ ފަޅާ އަރާފައެވެ.

"(ޖަމަލުގެ) ތުންފަތާ ނޭފަތާ އުނަގަނޑު ރީތި ކުރަން އެމީހުން ބޮޓޮކްސް އިންޖެކްޝަން ޖަހާ" ޔޫއޭއީގެ ޖަމަލު ގެންގުޅޭ މީހަކު އެ ގައުމުގެ ދުވަހު ނޫހެއް ކަމަށްވާ ދަ ނޭޝަނަލް އަށް މިކަމާ ގުޅޭ ގޮތުން ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

އެއް މަސް ދުވަހުގެ މުއްދަތައް ސައުދީގައި ކުރިއަށްދާ މި މުބާރާތަކީ ގަލްފް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ތިރީސް ހާސް ޖަމަލު ބައިވެރި ކޮށްފައިވެއެވެ.

 

- ކޮމެންޓް