މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އުރްސުލާ ކޭ. ލެ ގުއިން މަރުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ބަލިކޮށް އުޅުމަށް ފަހު އުރްސުލާ މަރުވެފައި ވަނީ އޭނާގެ އުމުރުން 88 އަހަރުގައެވެ.
އުރްސުލާ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ސައިންސް ފިކްޝަނާއި ފެންޓަސީގެ އެކި ދާއިރާތަކުން ވާހަކަ ލިޔުމަށް ބޮޑު އިންޤިލާބެއް ގެނެސްދިން މޮޅު ލިޔުންތެރިއެއްގެ ގޮތުގައެވެ.
އޭނާ ލިޔެފައިވާ 20 ނޮވެލް އާއި 100 އަށް ވުރެ ގިނަ ކުރު ވާހަކައަށް އެތައް އެވޯޑެއް ލިބިފައި ވެއެވެ. އޭގެ ތެރޭގައި ލޫކޮސް، ހޫގޯ އަދި ނެބިއުލާ އެވޯޑް ހިމެނޭ އިރު، އޭނާގެ ފަރާތުން ހިތްވަރު ލިބިގެން ލިޔާ ކަމަށް ބުނާ މަޝްޙޫރު ލިޔުންތެރިންގެ ތެރޭގައި މާގްރެޓް އެޓްވުޑް، ނީލް ގައިމަން އަދި ޖޯޖް އާރް.އާރް. މާޓިން ހިމެނެއެވެ.
އުރްސުލާގެ ވާހަކަތަކުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައި ވަނީ ސޯޝިއޯލޮޖީ އާއި ސިޔާސަތަށެވެ. އެގޮތުން އެންޓި ކޮލޯނިއަލް އަދި އެންވާރަމެންޓަލިސްޓް ޚިޔާލުތަކެއް ހާމަކޮށްފައިވާ "ދި ވޯލްޑް ފޯ ވޯލްޑް އިސް ފޮރެސްޓް" އާއި ޚިޔާލީ ދުނިޔެތަކުގެ ވާހަކަތައް ހިމަނާފައިވާ "ދި ޑިސްޕޮސެސްޑް" ފަދަ ވާހަކަތައް ހިމެނެއެވެ. މީގެ އިތުރުން ހިތް އެދޭ ގޮތަކަށް ޖިންސު ބަދަލުކުރެވޭ ޚިޔާލީ ދުނިޔެއަކަށް ބިނާކޮށް އުރްސުލާ ލިޔެފައިވާ "ދި ލެފްޓް ހޭންޑް އޮފް ޑާކްނެސް"އަކީ އެ ވާހަކައަކަށް ގިނަ އެވޯޑްތަކެއް ލިބިފައިވާ ފާހަގަކޮށްލެވޭ ވާހަކައެކެވެ.
އުރްސުލާ 2010 ވަނަ އަހަރު ބްލޮގެއް ވެސް ލިޔަން ފަށާފައިވާއިރު، އެ ބްލޮގްގައި ހިމެނޭ އޭނާގެ އެކި ލިޔުންތައް ފަހުން ވަނީ "ނޯ ޓައިމް ޓު ސްޕެއާ" ގެ ނަމުގައި ފޮތެއްގެ ގޮތުގައި ނެރެފައެވެ.
އުރްސުލާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ފަސް ނޮވެލް އާއި ކުރުވާހަކަތަކެއް ހިމެނޭ ގޮތަށް އޭނާ ނެރުނު އަށް ފޮތް ހިމެނޭ "އަރތްސީ" ސީރީޒްއެވެ. ހަޤީޤަތް ނޭނގޭ ކަނޑެއްގެ މެދުގައިވާ ރަށްތަކެއްގައި ހިންގާ ކަންތައްތަކެއް ގެނެސްދީފައިވާ މި ސީރީޒްއަށް ބޮޑު މަޤުބޫލުކަމެއް ލިބިގެން ދިޔައެވެ. ލިޔުންތެރިކަމަށް ފާޑުކިޔާ ބައެއް ފާރާތްތަކުން ވަރަށް އާންމުކޮށް "އަރތްސީ" ސީރީޒް އާއި ޖޭ. ކޭ. ރޯލިންގގެ "ހެރީ ޕޮޓަރ" ސީރީސް އަޅައި ކިޔައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި "އަރތްސީ" ސީރީޒްގެ ވާހަކަތަކަށް ފިލްމު ހެދި ނަމަ، "ހެރީ ޕޮޓަރ" އަށް ވުރެ މާ ބޮޑު ކާމިޔާބެއް އެ ސީރީޒް ހޯދީހެވެ.