ޕަދްމާވަތަކީ މިފަހުގެ ތާރީޚުގައި އިންޑިއާގައި އެންމެ ހަމަނުޖެހުން އުފެއްދިގެން ދިޔަ އެއް ފިލްމަށް ވަނީ ވެފައެވެ.
މިމަހުގެ 25 ވަނަ ދުވަހު ސިނަމާތަކަށް އަންނަ ޕަދްމާވަތަށް ވަނީ ފިލްމު އެޅުވުމާއި ހަމައަށް އެތަކެއް ހުރަސްތަކާއި ކުރިމަތިވެފައެވެ.
މި ފިލްމު ޝޫޓް ކުރަން ފެށީއްސުރެ މިއަދާއި ހަމައަށް ފިލްމާއި މެދު ހިޔާލު ތަފާތުވެގެން ހަމަނުޖެހުން ދަނީ އުފައްދަމުންނެވެ. ފިލްމުގެ ޝޫޓިން ފެށުނުތަނާހެން އިންޑިއާގެ ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން ފިލްމުގެ މަސައްކަތް ވެސް މެދުކަނޑާލިއެވެ.
އެ ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ، އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް ވެސް މީގެ ކުރިން ވަނީ ހާޒިރުކޮށްފައެވެ. ފިލްމާއި ދެކޮޅަށް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކުން ބުނަމުންދަނީ ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ އިޝްޤީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.
ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ސެންސަރު ބޯޑަށް ފިލްމު ހުށައެޅުމުން ވެސް ވަނީ އެތަކެއް ހުރަސްތައް ދިމާވެފައެވެ. ފިލްމު ސެންސަރު ބޯޑަށް ލީ ޕަދްމަވަތީގެ ނަމުގައެވެ. އެހެން ނަމަވެސް ސެންސަރު ބޯޑުން މި ފިލްމު ފާސްކުރީ ޕަދްމާވަތުގެ ނަމަށް ބަދަލުކުރުމަށް ޝަރުތު ކުރަމުންނެވެ. އަދި ނިމުނީކީ ނޫނެވެ. ފިލްމުގެ ބައެއްމަންޒަރުތައް ބަދަލުކުރުމާއި ފިލްމުގެ ނެރެފައިވާ ލަވަ ގޫމަރުގެ ބައެއް ލަފުޒުތަކާއި އެލަވައިގައި ދީޕިކާގެ ބަނޑު ފެންނަ މަންޒަރުތައް ކަނޑާލުމަށް ވަނީ ޝަރުތު ކޮށްފައެވެ.
ރާޖްޕޫތު ކަރްނީ ސޭނާއިން ވަނީ ފިލްމު ފާސްކޮށްދޭން ނިންމުމުން އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. އެމީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިލްމު ފާސްކޮށްދޭން ނިންމުމަކީ އިންޑިއާގައި ހަމަނުޖެހުން ނަގާލުމަށް މަގުފަހި ކުރުވުން ކަމަށެވެ. އަދި މި ފިލްމު އެޅުވުމުން ހިނގައިދާ ހަމަނުޖެހުންތަކަށް އިންޑިއާގެ ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ރާޖްޕޫތު ގުރޫޕުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މި ފިލްމު އެޅުވުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 1 ގައެވެ. މި ފިލްމު އެދުވަހަށް އަޅުވަން އިއުލާން ކުރުމާއެކު ރާޖްޕޫތު ގުރޫޕުން ވަނީ މި ފިލްމު އެޅުވުމާއި ދެކޮޅަށް މުޒާހަރާތައްކޮށް ފިލްމުގެ ކާސްޓުންނަށް މަރުގެ އިންޒާރުތައްދީފައެވެ. އެގޮތުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނަދަން ހަރިޔާނާގެ ކުރީގެ ޗީފް މީޑިއާ ކޯޑިނޭޓަރ ސޫރަޖް ޕަލް އަމޫވަނީ ދީޕިކާއާއި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ބޯ ބުރިކޮށްލި ބަޔަކަށް 1.5 މިލިއަން އިންޑިއާ ރުޕީސް ދޭނެ ކަމަށް ބުނެ ވަނީ އަގުކިޔާފައެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިފައެވެ.
އެހެން ނަމަވެސް މިފިލްމު އަޅުވާތީ ހަމަނުޖެހުން ވަކި ކުޑައެއް ނުވެއެވެ. ހައްދު ފަހަނައަޅާފައިވާ ހިންދޫ ގްރޫޕްތަކުން ވަނީ މިދިޔަ ހަފްތާގައި ބަސްތަކުގައި ހުޅުޖަހައި ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ތިއޭޓަރެއް ސުންނާފަތިކޮށްލާފައެވެ.
ކޯޓުގެ އަމުރު ލިބި އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް އިތުރު ހަމަނުޖެހުންތަކެއް އަތުވެދާނެކަމުގެ ބިރަށް އެސްޓޭޓުގެ ތިއޭޓަރުތަކުގެ ވެރިން ވަނީ ފިލްމް ނޭޅުވުމަށް ނިންމާފައެވެ.
ފިލްމު ސިނަމާތަކަށް އައިކަމުގައިވިއަސް މި ފިލްމާއިމެދު އުފެދިފައިވާ ހަމަނުޖެހުން ވަކި ކުޑައެއް ނުވާނެއެވެ.