އަންހެނުންނާއި ކުޑަކުދިންގެ ހައްގަށް ވަކާލާތު ކުރުމަށް އިސްނެގުމުގައި ލީޑާޝިޕް ދައްކަމުން އަންނާތީ ބޮލީވުޑްގެ ތަރި ޝާހުރުކް ޚާންއަށް ކްރިސްޓަލް އެވޯޑް ލިބިއްޖެއެވެ.
އޭނާއަށް 24 ވަނަ ކްރިސްޓަލް އެވޯޑް ލިބުނީ ސްވިޒަލޭންޑުގެ ޑެވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައެވެ.
މިފޯރަމްގައި އިނގިރޭސި ލަވަކިޔުންތެރިޔާ ސަރ އެލްޓަން ޖޯން އާއި އޮސްޓްރޭލިއާގެ އެކްޓްރެސް ކޭޓް ބްލޭންޗެޓް ވެސް ވަނީ ބައިވެރިވެފައެވެ. އެ ދެ މީހުންނަށް ވެސް ވަނީ ކްރިސްޓަލް އެވޯޑް ލިބިފައެވެ. އެ ފޯރަމްގައި ވާހަކަ ދައްކަމުން ޝާހު ބުނީ އޭނާއަށް އެ ފޯރަމަށް ދައުވަތު ލިބުމުން އުފާވާ ކަމަށާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދެ ކުންފުނީގެ އިސް މީހުން ކަމަށްވާ ސަރ އެލްޓަން ޖޯން އާއި ކޭޓް ބްލޭންޗެޓް އަށް އެވޯޑްލިބުމުން އުފާކުރާ ކަމަށެވެ.
ޝާހު ބުނީ އޭނާ ސޯޝަލް ކަންތައްތަކުގައި އެހާ ޝައުގުވެރިކަން އުފެދުނީ އޭނާގެ ބައްޕަގެ ސަބަބުންނެވެ.
ޝާހު ވަނީ އޭނާގެ މަރުވެފައވާ މަންމައަށާއި އޭނާގެ އަންހެނުން އަދި އަންހެން ދަރިފުޅަށް އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އޭނާއަށް ލިބޭ އެހީތެރި ކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ޑަބްލިއުއީއެފްއަށް ވެސް ޝާހު ވަނީ ޝުކުރު އަދާކޮށްފައެވެ.
ޝާހުއަކީ ނޮން ޕްރޮފިޓަބްލް ފައުންޑޭޝަނެއް ކަމަށްވާ މީރް ފައުންޑޭޝަންގެ ފައުންޑާއެވެ. އެ ފައުންޑޭޝަނަކީ އަންހެނުންގެ ހައްގަށް ވަކާލާތުކުރާ އަދި މެޑިކަލް ޓްރީޓްމަންޓާއި، ލީގަލް އެހީ ފަދަ އެހީތައް ފޯރުކޮށްދޭ ފައުންޑޭޝަނެކެވެ. އަދި މީގެ އިތުރުން ޝާހު ދަނީ ކެންސަރު ޖެހޭ ކުޑަކުދިންނަށް އޭނާގެ އަމިއްލަ ޚަރަދުގައި އެހީވަމުންނެވެ.