މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބޮންޑުން ވިލާ ގްރޫޕްގެ ވަކި ރަށަކަށް ދޫކޮށްފައި ހުރި ބަނގުރަލާއި އޫރުމަސް އެ ގްރޫޕްގެ އެހެން ރިސޯޓްތަކުގައި ބޭނުންކުރަމުންދާކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ އޮފިސަރުން ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުންތަކުގައި ފުލުހުންނާ އެކު މިރާގެ މުވައްޒަފުން ބައިވެރިވި ބައިވެރިވުމާ މެދު ޤާނޫނީ ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މި ސުވާލުތަކަށް ދިއުމުގެ ކުރިން މުޅި މިމައްސަލަ ފެށިގެން އައި ގޮތަށް ބަލައިލުން މުހިންމެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްޕެނީއަށް، 2014 ވަނަ އަހަރު މީރާއިން ވަނީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ "ރަންލާރި އެވޯޑް" ދީފައެވެ. މި އެވޯޑް ދިނުމާ ގުޅޭ އުސޫލްގެ 1 ވަނަ ނަންބަރުގައި ބުނެފައި އޮންނަނީ މި އެވޯޑްއަކީ "ޓެކުހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މީރާއަށް އެންމެ ގިނަ ފައިސާ ދައްކާ އަދި ބަޔާން ހުށަހެޅުމުގައާއި ފައިސާ ދެއްކުމުގައި ސުންގަޑިތަކަށް އެކަން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން" ދެވޭ އެވޯޑެއް ކަމަށެވެ. އެހެން ކަމުން ވިލާ ޝިޕިންގ އަށް 2014 ވަނަ އަހަރުގެ އޮގަސްޓްގައި މީރާ އިން މި އެވޯޑް ދިނުމުން އެ ތާރީޚާ ހަމައަށް އެކުންފުނިން ޓެކުހުގެ އެންމެހާ އިލްތިޒާމްތައް ފުރިހަމައަށް އަދާކޮށްފައިވާކަމާއި، ކުންފުނީގެ ދަށުން ހިނގަމުން އައި އެއްވެސް ރިސޯޓްއަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ދެއްކުމުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނެތްކަން ހާމަވެއެވެ.
ނަމަވެސް މާގިނަ ދުވަހެއް ނުވެ، ޤާސިމް އިބްރާހިމްގެ ސިޔާސީ ވިސްނުން ބަދަލުވެ، ސަރުކާރާއި ފެއަށްޖެހި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީކުރުވުމުގެ މަސައްކަތްކުރަން ފެށުމާ އެކު ފެނިގެންދިޔައީ، އިސްވެ ދެންނެވުނު ކުންފުނިން ދައުލަތަށް އެތައް ބިލިއަން ރުފިއާއެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކައި އޮތް ކަމަށް ބުނެ، ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް މީރާ އިން އަވަސްއަރުވާލައިގެން އުޅެގަތް ތަނެވެ. މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ފިޔަވަޅު އެޅުމާ ބެހޭ ބާބުގައި ބަޔާންކޮށްފައިވާ ނޯޓިސްތައް ބަޔާންކޮށްފައިވާ މުއްދަތުތަކަށް ދެވުނުތޯ ވެސް ސުވާލު އުފެދޭހާ ބާރުމިނެއްގައި ފިޔަވަޅުތައް އަޅައި، އެކައުންޓްތައް ފްރީޒްކުރެވި ދިއުމުގެ ނަތީޖާއެއްގެ ގޮތުން ޤާސިމްގެ ސިޔާސީ ވިސްނުން ބަދަލުވެ، އަނެއްކާ ވެސް ސަރުކާރު ފަޅިއަށް އެރި މަންޒަރު ވެސް ފެނިގެންދިއައެވެ.
ޤާސިމްގެ މިނިންމުން މާގިނަ ދުވަހަކު އެގޮތުގައި ދެމިނޯވެ، އަނެއްކާ ވެސް އިދިކޮޅު ފަރާތްތަކާ ގުޅި އިހުނަށް ވުރެ ބާރަށް އިސްލާހީ މަސައްކަތްތަކުގައި އުޅެން ފެށުމާ އެކު ދެން ވެސް ފެނިގެންދިޔައީ މީރާ މެދުވެރިކޮށް ސަރުކާރުން ޖަހަމުން އަންނަ ސަކަރާތް ފެށުނު މަންޒަރެވެ. ޔޮޓް ޓުއާރސްގެ އެކައުންޓްތަކާ އެކު އަނެއްކާ ވެސް ގާސިމްގެ ވިޔަފާރީގެ ގިނަ އެކައުންޓްތަކެއް ވެސް ފްރީޒް ކުރެވިގެންދިއައެވެ. އިދިކޮޅު ހަރަކާތުގައި އިސްވެ ތިބޭ ވިޔަފާރިވެރިންގެ ބޭންކް އެކައުންޓް މީރާ އިން ފްރީޒްކުރާ ދަނޑިވަޅާއި، ސިޔާސީ ގޮތުން ސަރުކާރު ތާށިވާ ދަނޑިވަޅު ހަމަ ކޮންމެ ފަހަރަކު އެއްދަނޑިވަޅަކާ ދިމާވަނީ އިއްތިފާގަކުން ކަމަށް ވެސް ވެދާނެއެވެ.
އިސްވެ ދެންނެވުނު އެންފޯސްމަންޓް ޕޮލިސީގެ ދަށުން މީރާއަށް ވިޔަފާރިއެއްގެ ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އިތުރުން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ބާރު ވެސް ލިބިދީފައި ވެއެވެ. މިގޮތުން މި ޕޮލިސީގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެހެނިހެން އިދާރާތަށް މެދުވެރިކޮށް ވެސް އެފަރާތަކާއި ދެކޮޅަށް ފިޔަވަޅު އެޅިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. މިފަދަ އެއް ފިޔަވަޅަކީ މީރާ އިން އަންގައިގެން، މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އެފަރާތަކަށް ދެމުން އަންނަ ޚިދުމަތްތަށް ހުއްޓާލުމެވެ. ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ދަށުން ހިންގާ ސަން އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓް އަދި ފަން އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ބާތިލްކޮށްފައި ވަނީ މި އުސޫލްގެ ދަށުންނެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަސްޓަމްސް މެދުވެރިކޮށް މި ރިސޯޓްތަކާ ދެކޮޅަށް އެޅި ފިޔަވަޅަކީ ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ ބާތިލްކުރުންކަމެވެ. ރިސޯޓް އޮޕަރޭޓްކުރުމުގެ ހުއްދަ ބާތިލްކުރުން ނުވަތަ ބަނގުރަލާއި އޫރުމަސް ރިސޯޓްގައި ގެންގުޅުން ނުވަތަ ވިއްކުމުން މަނާކޮށްފައެއް ނުވެއެވެ. އެހެން ކަމުން މި ހަތަރު ރިސޯޓުން ވެސް އޭގެ ފަހުން އަމަލުކުރަމުން އައިގޮތަށް، އެހެން ބައެއްގެ ނަމުގައި ގަވާއިދާ އެއްގޮތަށް އެތެރެކޮށްފައި ހުރި ބަނގުރަލާއި އޫރުމަސް ގަނެގެން މި ރިސޯޓްތަކުން ވިއްކުމަކީ މީރާގެ އެންފޯސްމަންޓް ޕޮލިސީ އާއި ޚިލާފްވުން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތެވެ. (އަދި މިކަމަކީ އެ ނޫން ވެސް ގޮތަކުން މަނާކަމެއް ނޫން ކަން، ބަނގުރަލާއި އޫރުމަހުގެ ގަވާއިދުގެ 19 ވަނަ މާއްދާއިން ސާފުކޮށް އެނގެއެވެ).
މިހާ ހިސާބުން ކަށަވަރު ކުރެވޭ ކަމަކީ ކަސްޓަމްސްއިން ތުހުމަތު ކުރާ އަމަލު އޭގެ ޒާތުގައި ހިނގި ނަމަވެސް އެކަމަކީ މީރާގެ އެންފޯސްމަންޓް ޕޮލިސީ އާއި ޚިލާފުވާނެ ކަމެއް ނޫން ކަމެވެ. ކަސްޓަމްސް އިން ކުރިއަށްގެންދިޔަ ބަލައި ފާސްކުރުމުގައި މީރާގެ މުވައްޒަފުން ބައިވެރިވުމުން ސުވާލު އުފެދެންޖެހެނީ މިހިސާބުންނެވެ. މީރާއަށް ބަލައި ފާސްކުރުމެއް ކުރިއަށް ގެންދެވޭނީ ދެ ހާލަތެއް ފުރިހަމަވެގެންކަން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. މި ގާނޫނުގެ 28 ވަނަ މާއްދާގައި ވަނީ "މީރާއިން ކުރާ އޮޑިޓެއްގެ ބޭނުމަށް، މީހުން ދިރިއުޅޭ ގޯތިގެދޮރަށް ވަދެ ބަލައި ފާސްކުރެވޭނީ އެކަން ކުރުމަށް ކޯޓު އަމުރެއް ލިބިގެންނެވެ" މިހެންނެވެ. މި މާއްދާ އިން ސާފުކޮށް ކަނޑައަޅާ ކަމަކީ މީރާއަށް ބަލައި ފާސްކުރުމެއް ކުރިއަށް ގެންދެވޭނީ އޮޑިޓެއްގެ ބޭނުމަށް ކަމަށާއި، އަދި އެ ގޮތުން ވެސް ބަލައި ފާސްކުރުމެއް ކުރިއަށް ގެންދެވޭނީ އެކަން ކުރުމަށް ކޯޓު އަމުރެއް ލިބިގެން ކަމެވެ.
ވިލާގެ ރިސޯޓްތަކަށް އެރި މީރާގެ މުވައްޒަފުން ބަލައި ފާސްކުރުމުގެ އަމުރެއް ގެންގޮސްފައެއް ނުވެއެވެ. މި ރިސޯޓްތައް ބަލައި ފާސްކުރުމަށް މީރާއަށް ކޯޓު އަމުރެއް ނެރެދީފައެއް ވެސް ނުވެއެވެ. ކްރިމިނަލް ކޯޓުން ނެރެދީފައިވާ ބަލައި ފާސްކުރުމުގެ އަމުރު ނެރެދީފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ މައްޗަށެވެ. މި އަމުރުގައި، ކަސްޓަމްސްއިން ކުރިއަށްގެންދާ ބަލައި ފާސްކުރުމެއްގައި ފުލުހުންގެ އެހީތެރި ކަމަށް އެދެވިދާނެ ކަމަށް ކަސްޓަމްސްގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަ މާއްދާގެ ދަށުން ކަސްޓަމްސްއިން އެދިގެން، ބަލައި ފާސްކުރުމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މީރާގެ މުވައްޒަފުންނަށް އެއްވެސް ހައިސިއްޔަތަކުން ބަލައި ފާސްކުރުމުގައި ބައިވެރި ވެވިދާނެ ކަމަށް އެއްވެސް ގޮތަކުން ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ސުވާލު އުފެދޭ އަނެއް ކަމަކީ، މީރާ އިން މީގެ ކުރިން ކުރިއަށް ގެންދިޔަ ހުރިހާ ބަލައި ފާސްކުރުންތަކެއް ވެސް އިންތިޒާމްކޮށް ރާވައި ކުރިއަށް ގެންގޮސްފައި ވަނީ މީރާގައި އެކަމަށް ޚާއްސަކޮށްގެން އުފައްދާފައި އޮންނަ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކަމަށްވީ ނަމަވެސް، ވިލާގެ ރިސޯޓްތަކުގައި ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުންތަކުގައި މީރާ އިން ބައިވެރިވި ބައިވެރިވުމުގައި މީރާގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ހިއްސާއެއް ނެތް ކަމެވެ. އަދި މިހާތަނަށް މީރާ އިން ކުރިއަށް ގެންގޮސްފައި ހުރި ބަލައި ފާސްކުރުންތަކުގައި އަމަލުކޮށްފައިވާ އިޖުރާޣުތަކަށް މިފަހަރު އަމަލުކޮށްފައި ނެތްކަމެވެ.
ކަސްޓަމްސް އިން ކުރިއަށްގެންދިޔަ ބަލައި ފާސްކުރުމުގައި އެތައް ސުވާލުތަކެއް އުފެދޭ ގޮތަށް މީރާގެ މުވައްޒަފުން ބައިވެރިކުރުވި މީރާގެ ކަމިޝަނަރ ޖެނެރަލްގެ މަގާމުގެ ގާނޫނީ ހައިސިއްޔަތާ މެދު ވެސް ގާނޫނީ ގޮތުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން މީރާގެ ބޯޑަށް މެމްބަރުން އައްޔަނު ކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، 2 އޮގަސްޓް 2010 ގައި ފުރަތަމަ އެކުލަވާލެވުނު ބޯޑުގެ ދައުރު 1 އޮގަސްޓް 2015 ގައި ހަމަވެ، ބޯޑަށް އާ މެންބަރުން އައްޔަން ކުރެވުނު އިރު ބޯޑުގައި ހިމެނޭ ކޮމިޝަނަ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މުއްދަތު ހަމަނުވާ ކަމަށް ނިންމައި، މެންބަރުން ބޯޑަށް އައްޔަންކޮށްފައި ވަނީ ދެ މެންބަރުން މަދުންނެވެ. އެހެންކަމުން، 2010 ވަނަ އަހަރު 5 އަހަރުގެ މުއްދަތަކަށް އައްޔަންކުރެވުނު ކޮމިޝަނަރުގެ ދައުރު މިހާރު އަށް އަހަރަށް ދެމިގެން ދާއިރު، ކަމިޝަނަރުގެ ގާނޫނީ ހައިސިއްޔަތު ކޮބައިތޯ އުފެދޭ ސުވާލު ވެސް ގިނަގުނައެވެ.
މިހުރިހާ ސުވާލުތަކެއް ފެންމަތިވެފައިވަނިކޮށް މީރާ އިން ނޫސް ބަޔާނެއް ނެރެލައި، ކަސްޓަމްސް އިން ހިންގާ އޮޕަރޭޝަނަކީ މީރާގެ ގާނޫނުގެ ދަށުން ހިންގާ ކަމެއް ނޫން ކަމަށް ބުނެލައިގެން ފަރުޖެއްސޭކަށް ނެތެވެ. މީރާގެ މުވައްޒަފުން ވިލާގެ ރިސޯޓްތަކަށް އެރީ ކޮން ގާނޫނަކުން ބާރު ލިބިގެން, ކޮން ހައިސިއްޔަތަކުން, ކީއްކުރަންކަން ސާފުކޮށްދިނުމަކީ ދައުލަތުގެ ޓެކްސް އިދާރާއާ މެދު ރައްޔިތުންގެ މެދުގައި ގެއްލި ނެތެމުންދާ އިތުބާރު ހޯދުމަށް ކިތަންމެހާ ވެސް މުހިންމު ކަމެކެވެ.