އެމެރިކާގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ކާންޔޭ ވެސްޓާއި ކިމް ކާޑޭޝިއަންގެ ތިންވަނަ ދަރިފުޅު ޖެނުއަރީ 15 ގައި ވިހާފައިވާއިރު، ދަރިފުޅުގެ ފޮޓޯ ވިއްކަން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް އެމީހުން ބުނެފިއެވެ.
ސަރޮގޭޓެއް މެދުވެރިކޮށް ހޯދި ދަރިފުޅަށް އެ މީހުން ކިޔާފައި ވަނީ ޝިކާގޯ ވެސްޓެވެ. އަދި ޝިކާގޯ ނުވަތަ ޝައިގެ ފޮޓޯ ހޯދުމަށް އެތައް މިލިއަން ޑޮލަރުން އޮފަރތައް ލިބެމުންދާއިރު ކިމް, 37, އާއި ކާންޔޭ, 40, ވަނީ ހުރިހާ ހުށަހެޅުމަކަށް ނޫނެކޭ ބުނެފައެވެ.
މިފަދަ ހުށަހެޅުންތަކަށް އެ މީހުން ވަގުތުން ނޫނެކޭ ބުނަމުންދާކަން ފާހަގަކޮށް ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ކަމަށް އެ މީހުން ނުދެކެއެވެ.
ނޯތު ވެސްޓް 4، އާޢި ސެއިންޓް ވެސްޓް 2، ގެ ފޮޓޯތައް ވެސް ވިއްކުމަށް އެދެމަފިރިން ވަނީ އިންކާރުކޮށްފައެވެ. އަދި އެ ކުދިންގެ ފޮޓޯތައް ވެސް އާންމުކޮށްފައި ވަނީ ވިހޭތާ ދެ މަސް ފަހުން ކިމްގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
ކިމްއަކީ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރިއެކެވެ. އޭނާ އާއި އާއިލާ ފެނިގެންދަނީ އީ-ނެޓްވަރކުން ގެނެސްދޭ ރިއަލިޓީ ޝޯވ "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" އިންނެވެ. ޝޯވގައި ކިމްގެ މަންމަ ކްރިސް ޖެނަރގެ އިތުރުން އޭނާގެ ދައްތަ ކޯޓްނީ ކާޑޭޝިއަން އާއި ކޮއްކޮމެން ކަމަށްވާ ކްލޯއީ އަދި ރޮބް ކާޑޭޝިއަންގެ އިތުރުން ކެންޑަލް އަދި ކައިލީ ޖެނަރ ފެނިގެންދެއެވެ.
ދާދި ފަހުން ކްލޯއީ, 33, ވަނީ އޭނާގެ ފުރަތަމަ ދަރުފުޅަށް ބަލިވެއިންކަން އިއުލާންކޮށްފައެވެ. މީގެ އިތުރުން، އެ މީހުންގެ އެންމެ ހަގު ކޮއްކޮ ކައިލީ, 20, ބަލިވެއިން ކަމަށް ރިޕޯޓްތަކުގައިވެއެވެ. ނަމަވެސް މިކަން އާއިލާއިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި އާއިލާއަކީ ގިނަ ބަޔަކު ފޯލޯކުރާ އާއިލާއެކެވެ.