ސިމްޑީ ކޮންސިއުމަރ ޕްރޮޑަކްޓްސް އިން މާލޭގައި ޝޯ ރޫމެއް ހުޅުވައިފިއެވެ.
މި ޝޯ ރޫމް ހުޅުއްވައިދެއްވީ، ސިމްޑީގެ މެނޭޖިންގ ޑިރެކްޓަރ މިޝަލް އިބްރާހިމް މުހައްމަދު ދީދީއެވެ. މި ޝޯ ރޫމާ ގުޅޭ ގޮތުން ސިމްޑީގެ ކޯޕަރޭޓް ޑިވެލޮޕްމެންޓް އެންޑް ޕަބލިކް ރިލޭޝަންސް މެނޭޖަރ، އަހުމަދު އިރާޝް ވިދާޅުވީ، މި ޝޯ ރޫމަކީ ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުުރު ކުރެވުނު ބޮޅެއް ކަމަށެވެ.
މާލޭގައި މިފަދަ ޝޯރޫމެއް ހުޅުވުމަށް ނިންމީ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމުގެ މަތިން ކަމަށާއި މިއީ މިގޮތަށް ހުޅުވި ތިން ވަނަ ޝޯ ރޫމް ކަމަށް އިރާޝް ވިދާޅުވި އެވެ.
ސިމްޑީ ކޮންސިއުމަރ ޕްރޮޑަކްސްގެ ފުރަތަމަ ޝޯ ރޫމް ހުޅުވާފައި ވަނީ އައްޑޫ ސިޓީގައެވެ. ދެވަނަ ޝޯ ރޫމް ހުޅުވާފައި ވަނީ ހުޅުމާލޭގައެވެ. އިރާޝް ވިދާޅުވީ، ޝޯ ރޫމް އިން ސިމްޑީގެ ކޮންސިއުމަރ ޕްރޮޑަކްސް އިން ވިއްކާ ހުރިހާ ބާވަތެއްގެ މުދާ ލިބެން ހުންނާނެ ކަމަށެވެ.
"މިތަނުން ހޯލް ސޭލް ގޮތުން ތަކެތި ލިބިގެންދާނީ. އޭގެ އިތުރުން ވަކިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބިގެންދާނެ. އަޅުގަނޑުމެންގެ ޕްރޮޑަކްޓް ރޭންޖަށް މޭވާ އާއި ތަރުކާރީ ވެސް ވަނީ އިތުރު ކުރެވިފައި،" އިރާޝް ވިދާޅުވިއެވެ.
މީގެ އިތުރުން ސިމްޑީގެ ޕްލޭނަކީ ކުރިއަށް އޮތް ތަނުގައި ސިމްޑީ އިން ވިއްކާ އެކި ބްރޭންޑްތަކުގެ ސައި އެ ޝޯރޫމުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ސައިގެ ބާވަތްތަކުގެ ރަހަ ދައްކާލުމުގެ ފުރުސަތު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިމްޑީ ކޮންސިއުމަރ ޕްރޮޑަކްޓްސް ޝޯ ރޫމް ހުޅުވާފައި ވަނީ ހެންވޭރު ބްރިޖް އޭރިއާގައެވެ. ޝޯ ރޫމް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އަކުން ހަވީރު 06:00 އަށެވެ.