މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާރޗަރ ހެލްތް އެންޑް ސެކިއުރިޓީ ސްކްރީނިންގ (މިޕްސް) ސިސްޓަމް މެދުވެރިކޮށް ބަންގްލަދޭޝް މީހުން ގެނައުމާއި މެދު ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މިޕްސް ސިސްޓަމް މެދުވެރިކޮށް ބަންގްލަދޭޝް މީހުން ގެންނަން ބޭނުންވާ ކުންފުނިތަކުގެ ސްޓޭމްޕާއި ލޯގޯގެ ކުލަ ކޮޕީ އެ ސިސްޓަމަށް އަޕްލޯޑް ކުރަންޖެހެ އެވެ. އެ ސިސްޓަމް މެދުވެރިކޮށް ބަންގްލަދޭޝް މީހުން ރާއްޖެއަށް ގެނެވެނީ އެގައުމުގެ ފަސް އެޖެންސީއެއް މެދުވެރިކޮށެވެ. ބަންގްލަދޭޝްގައި އެތައް ހާސް އެފަދަ އެޖެންސީތައް ހަރަކާތްތެރިވާއިރު، މި ފަސް އެޖެންސީ ހަމަޖެއްސި ގޮތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.
އެގޮތުން، ރާއްޖެއަށް ބަންގަލޭޝް މީހުން ގެނެވެނީ، ޔުނިކް އީސްޓަރން ޕްރައިވެޓް ލިމިޓެޑާއި، ޕާތް ފައިންޑަރ އިންޓަނޭޝަނަލްއާއި، މާޝަﷲ އޯވަސީސްއާއި މެރިޓް ޓްރޭޑް އިންޓަނޭޝަނަލް ލިމިޓެޑުގެ އިތުރުން އާރްސީސީ ހިއުމަން ރިސޯސް ސަރވިސް ލިމިޓެޑް މެދުވެރިކޮށެވެ. މި ފަސް ކުންފުނި ފިޔަވައި އިތުރު އެޖެންސީއެއް މެދުވެރިކޮށް ބަންގަލަދޭޝް މީހުން ނުގެނެވެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި އެޖެންސީއެއްގެ އިސްބޭފުޅަކު ވިދާޅުވީ މިޕްސް ސިސްޓަމްގައި ބައިވެރިވާ ކުންފުނިތަކުގެ ސްޓޭމްޕާއި ލޯގޯގެ ކުލަ ކޮޕީ އަޕްލޯޑް ކުރުމުން އެ ޑޮކިއުމެންޓްތައް އޮޓަމެޓިކުން ބަންގްލަދޭޝްގެ ފަސް އެޖެންސީއަށް ލިބޭ ކަމަށާއި އެތަކެތި ބޭނުންކޮށްގެން ފޯޖް ޑޮކިއުމެންޓް ހެދުމުގެ ފުރުސަތު އެ އެޖެންސީތަކަށް ލިބިގެން ދިއުމަކީ ވަރަސް ނުރައްކާތެރި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިޕްސް ސިސްޓަމްގެ ދަށުން މިހާރު ބަންގްލަދޭޝް މީހުން ގެނެވެނީ އެގައުމުގައި ހުންނަ ފަސް އެޖެންސީއެއް މެދުވެރިކޮށް ކަމަށް ކަނޑައަޅާފައިވަނީ އެއްވެސް ގާނޫނަކުން ބާރެއް ލިބިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަޒީފާ ދޭ ފަރާތްތަކަށް މީހުން ހޯދުމަށް އޮންނަ އިޚްތިޔާރު ހަނިވުމަކީ ކުންފުނިތަކުގެ ވިޔަފާރީގެ އަމާޒަށް ވާސިލުވުމަށް އޮތް ހުރަހެެކެވެ.
އޭނާ ވިދާޅުވީ އެއީ އިންސާނީ ކަރާމަތަށް އޮތް ނުރައްކަލެއް ކަމަށާއި އިންސާނުން ކޮމޯޑިޓީގެ ގޮތުގައި ގެންގުޅުމެއް ހުޅުވޭ ދޮރެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިޕްސް ސިސްޓަމް މެދުވެރިކޮށް ގެންނަ މީހުންނާއި ގުޅޭ ކަމެއް ދިމާވެއްޖަނަމަ އޭގެ މައުލޫމާތު ހޯދުމަށް ރާއްޖޭގައި އެއްވެސް ބަޔަކު ނުތިބޭނެ ކަމަށާއިި އެ ފަސް އެޖެންސީގެ އަތަށް ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަށް މީހުން ގެނެއުމުގެ ކޮންޓްރޯލް އެއްކޮށް ބޮޑެތި މައްސަލަތަކެއް މެދުވެރިވާނެ ކަމަށެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި އިތުރު އެޖެންސީއެއްގެ ވެރިޔަކު ވިދާޅުވީ މިޕްސް ސިސްޓަމަކީ މެލޭޝިއާގައި ބޭނުން ކުރަމުން ދިޔަޔަސް ފުރިހަމަ ކުރެވިފައިނުވާ ސިސްޓަމެއް ކަމަށާއި ބަންގްލަދޭޝްގެ ސަރުކާރުން ވެސް އެ ސިސްޓަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިޕްސް ސިސްޓަމްގެ ދަށުން ވަރކްޕަރމިޓް ލިބޭތާ 20 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް މީހާއަށް ނާދެވޭނަމަ އެ ވަރކްޕަރމިޓް ކެންސަލް ވާނެ ކަމަށާއި އެއިރު އެ މީހާގެ ޑިޕޮޒިޓް ފައިސާ ވެސް ހުންނާނީ ދެއްކިފައި ކަމަށެވެ. އެފަދަ ހާލަތެއްގައި ބަންގްލަދޭޝް އެޖެންސީތަކުން މީހަކު ހަމަޖައްސައި ދެންދެން ވަޒީފާ ދޭ ކުންފުނިން ޖެހޭނީ އިންތިޒާރުގައި ތިބެން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މި ސިސްޓަމްގެ ތެރެއިން ބަންގްލަދޭޝް މީހުން ރެކްރޫޓް ކުރާއިރު ވަޒީފާދޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެގޮތުން، އިމިގްރޭޝަނުން ކަނޑައަޅާފައިވާ ފަސް އެޖެންސީ މެދުވެރިކޮށް ގެންނަ ހުރިހާ މީހުންނަށް އެމީހުން މާލެ އަންނަ ޓިކެޓް ދޭންޖެހޭ ކަމާއި އަދި އެ މީހުން ކަނޑައަޅާ ސަރވިސް ފީއެއް ދޭންޖެހޭ ކަމާއި، ގެންނަ މީހުންގެ ތެރެއިން މައްސަލައެއް ދިމާވެގެން ފުރުވާލަންޖެހޭނަމަ ޓިކެޓް ފަދަ ހުރިހާ ކަމެއްގެ ޒިންމާ ވަޒީފާދޭ ފަރާތުން ނަގަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީފާ ދޭ އެޖެންސީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އެޖެންސީތަކުގެ ވިޔަފާރި ހުއްޓުމަކަށް އައުމެވެ. ބަންގްލަދޭޝްގެ ފަސް އެޖެންސީ މެދުވެރިކޮށް މީހުން ގެންނައިރު، ރާއްޖޭގެ އެޖެންސީތަކުގެ އެއްވެސް ދައުރެއް ނޯވެ އެވެ. އެޖެންސީތަކުން ތުހުމަތު ކުރާ ގޮތުގައި މި ސިސްޓަމް މެދުވެރިކޮށް މީހުން ގެނެއުމަކީ، ރާއްޖެއިން އެތައް މިލިއަން ޑޮލަރެއް ބޭރުވެގެންދާ ގޮތަށް، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ރާވައިގެން ކުރާ ކަމެކެވެ. އެޖެންސީތަކުން ބުނަމުންދަނީ މިޕްސް ސިސްޓަމަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ކަމަށެވެ.
ބަންގްލަދޭޝް މީހުންގެ ވިސާގެ ކަންތައްތަކުގައި އިމިގްރޭޝަނުގެ މުވައްޒަފުން އެތައް ހާސް ރުފިޔާއެއް ކަމިޝަން ނުވަތަ ރިޝްވަތުގެ ގޮތުގައި ނަގަމުންދާކަމުގެ ތުހުމަތުކުރެވޭއިރު، މި ސިސްޓަމާއެކު ކޮރަޕްޝަނުގެ އަމަލުތައް އިތުރުވެގެންދިއުމަކީ އެޖެންސީތަކުގެ ވަރަށް ބޮޑ ކަންބޮޑުވުމެކެވެ. މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަނުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.