ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓަކަށް ވެވަޑައިގަންނަވާނީ ހަމަބުއްދި ނެތް މީހެއް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޓްވީޓަކާއި ގުޅިގެން ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވަޒީފާއިން ވަކިކުރި ފައިރޫޝް، ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ވާނެ މީހަކީ ކާކު ކަމާއިމެދު މާބޮޑަށް ޝަޢުޤުވެރިވާންވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
މި ސުވާލާއި އެކު ފައިރޫޝް ވަނީ ރައީސް ޔާމީންގެ ފުރަތަމަ ރަނިންގ މޭޓް އަދި މި ސަރުކާރުގެ ފުރަތަމަ ނައިބުރައީސް، ޑރ. މުޙައްމަދު ޖަމީލް އަޙުމަދާއިމެދު ކަންވެގެން ދިޔަގޮތް ހަނދާންހުރިތޯ ސުވާލު އުފައްދަވާފައެވެ.
މި ދެސުވާލު ކުރައްވައި ފައިރޫޝްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ރަނިންގ މޭޓު ކަމަށް އިޚުތިޔާރު ކުރައްވާ ބޭފުޅަކު ވާނީ ހަމަބުއްދި ނެތް މީހަކަށް ކަމަށެވެ.
What’s there to get too excited about running-mate of RY? Remember what was done to his first running-mate, @MJameelAhmed. Whoever his opts, the guy must lack conscience.
— A. Fairoosh (@Fairoosh) January 20, 2018
ސިޔާސީ ޓްވީޓަކާއި ގުޅިގެން ވަޒީފާއިން ވަކިކުރި ފައިރޫޝް، ވަޒީފާއިން ވަކި ކުރީއްސުރެ ސިޔާސީ އެކި ކަންކަމަށް ނިސްބަތްކޮށް އެކިއެކި ޓްވީޓް ކުރެއްވި ނަމަވެސް، މިފަދަ ބަހުރުވައަކުން، މިގޮތަށް މީގެކުރިން މި މަޢުލޫއުގައި ޓްވީޓް ކުރައްވާފައެއް ނުވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު، ރައީސް ޔާމީންގެ ރަނިންގ މޭޓު ކަމަށް އިޚުތިޔާރު ކުރައްވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުންގެ ނަންތައް ދަނީ ރައްޔިތުންގެ މެދުގައި ދަތުރުވަމުންނެވެ. އެގޮތުން ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އާއި މިހާރުގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި ޚުދު ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްވެސް އެ މަޤާމަށް އިޚުތިޔާރު ކޮށްފާނެ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. މިހާތަނަށް ނެގިފައިވާ ޚިޔާލު ހޯދުމުގެ އެކި ވޯޓުތަކުން ދައްކާ ގޮތުގައި، ރައީސް ޔާމީންގެ އަނބިކަންބަލުން ފާތުމަތު އިބްރާހިމްގެ އިތުރުން މި މަޤާމަށް އެންމެ މަޤުބޫލު ބޭފުޅެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވެނީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއެވެ.