ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ރިސޯޓްތަކުގައި ފުލުހުން ހަރަކާތްތެރި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އެދުމުގެ މަތިން ސެކިއުރިޓީ ބެލެހެއްޓުމަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަސްޓަމްސްގެ ފަރާތުން ހިންގަމުންދާ އޮޕަރޭޝަނެއްގައި ކަސްޓަމްސްގެ ފަރާތުން ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެދިފައިވާތީ މި އޮޕަރޭޝަންގެ ސެކިއުރިޓީގެ ކަންތައްތައް ފުލުހުން ބަލަހައްޓައި ދެމުންދާ ކަމަށެވެ.
ހޮނިހިރު ދުވަހު މެންދުރު ކަސްޓަމްސްގެ އޮފިސަލުން ވަނީ ފުލުހުންނާއެކު ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ފަސް ރިސޯޓަށް އަރާފަ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭގައި ވެސް ކަސްޓަމްސް އިން ވަނީ ފުލުހުންނާއެކު ގާސިމްގެ ރިސޯޓްތަކަށް އަރާފަ އެވެ. އެ އަމުރުގެ ދަށުން ބަލާފާސްކުރަން ދިން 18 ގަޑި އިރު ހަމަވެފައިވާތީ، އަލުން އާ އަމުރަކާއެކު ހޮނިހިރު ދުވަހު މިވަނީ ގާސިމްގެ ރިސޯޓްތަކަށް އަރާފަ އެވެ.
މިހާރު ހިންގާ އޮޕަރޭޝަނަށް ކްރިމިނަލް ކޯޓުން އަމުރު ދޫކޮށްފައި ވަނީ ގާސިމްގެ ފަަސް ރިސޯޓެއް ބަލާ ފާސްކުރުމަށެވެ. މި އަމުރު ދޫކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ 01:30 ގައި، ކުރިން ވެސް އަމުރު ދޫކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އެވެ.
މި އަމުރުގެ ބާރު ހިނގާނީ އަމުރު ނެރުނު ވަގުތުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ. ރިސޯޓްތައް ބަލާ ފާސްކުރުމަށް ދީފައިވާ ވަގުތަކީ ބަލާފާސްކުރާ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ފެށިގެން ދުވާލާއި ރޭގަނޑު ހިމެނޭގޮތަށް ޖުމްލަ 18 ގަޑިއިރެވެ.
ކަސްޓަމްސްއިން ގާސިމްގެ ރިސޯޓްތައް ބަލާފާސްކުރަނީ ބަނގުރަލުގެ މައްސަލައަކާއި ގުޅިގެންނެވެ.
ވިލާގެ ބައެއް ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސް އޮފިޝަލުން ހިމެނޭގޮތަށް 16 މީހުން އަރާފައިވެއެވެ. އަދި ބައެއް ރިސޯޓްތަކުގެ ބޭރުގައި ފުލުހުންގެ ބައެއް އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.