މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ މުހިންމު ވާހަކަތަކެއް ހިއްސާ ކުރެއްވުމަށް ރައީސް ނަޝީދު ސްރީލަންކާގައި ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ވާހަކަތަކެއް ހާމަކުރެއްވުމަށް ރައީސް ނަޝީދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ތާވަލްކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.
ކޮޅުނބުގެ ތާޖް ސަމުދްރާ ހޮޓެލްގައި ބާއްވާ މިބައްދަލުވުމުގައި މިނިވަން އިންސާފްވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބަކަށް އޮތް ފުރުޞަތުތަކާއި، ރާއްޖޭގެ ސިޔާސީ މަޝްރަޚާއި އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ރާއްޖޭގެ ސިޔާސީ މަޝްރަޚާ ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް އަވަށްޓެރި ލަންކާގައި ކުރަމުންދާއިރު، ފާއިތުވި ހަފްތާތަކުގައި އިދިކޮޅު ފަރާތްތަކުން ވަނީ ލަންކާގައި ތިބޭ ބޭރުގެ ސަފީރުންނާ ބައްދަލުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެމީހުންގެ އިންތިޚާބީ ޒިންމާ އަދި މަސްއޫލިއްޔަތު އަދާ ކުރުމަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުން މުހިންމު ކަމަށް ވިދާޅުވެފައެވެ.
For free and fair #elections to occur this year in #Maldives it is essential that all members of #Parliament be able to attend all sessions and exercise their full rights and duties as elected representatives of the people and defenders of #Democracy. pic.twitter.com/ogN0PM5nKK
— Atul Keshap (@USAmbKeshap) January 18, 2018
އިނގިރޭސިވިލާތުން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވަނީ، 2018 ވަނަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އަށް ބޮޑު އަހަރެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ނަގާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
2018 will be a big year for #democracy in #Maldives !
— James Dauris (@JamesDauris) January 18, 2018
Today members of all Maldives opposition parties shared concerns with me that this year’s presidential elections aren’t shaping up to be free or fair and that parliament is being stopped from working as the people need it to. pic.twitter.com/74jriKQL1D
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ ގޮތުން މިހިނގާ ރިޔާސީ ދައުރުގެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހު ހަމަވާއިރު، އޭގެ ކުރިން ރިޔާސީ އިންތިޚާބު ބާއްވައި، ރައީސަކު އިންތިޚާބު ކުރަން ޖެހެއެވެ. އިންތިޚާބު ގާތްވެފައިވާއިރު، އިދިކޮޅު ގިނަ ލީޑަރުންނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ ކަށަވަރުކަން ލިބިފައެއް ނުވެއެވެ. އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ޖަލު ހުކުމެއް އިއްވާފައިވާއިރު، ޤާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށްވެސް ރިޔާސީ ރޭހަށް ނުކުންނެވުމުގެ ފުރުޞަތު ވަނީ ބަންދުވެފައެވެ. މީގެ އިތުރުންވެސް ސިޔާސީ ގިނަ ފަރާތްތަކަކަށް ޖަލު ހުކުމެއް އިއްވާފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުގެ ޝަރީއަތްތައް އަދިވެސް ދަނީ ކުރިއަށެވެ.