ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ސްރީލަންކާގެ މަސް ބޯޓެއް ފެނުމުގެ ސަބަބުން، އެބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ "ޖައިވީ 7" ނަމަކަށް ކިޔާ މި ބޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ހާއިރު ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 42 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މި މަސް ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ"ގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވެސް ހުންނެވި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެމަނިކުފާނު "ހުރަވީ"ގައި ދަތުރުކުރައްވަމުން ގެންދެވީ އުތުރުގެ އަތޮޅުތަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ބޯޓްގައި ސްރީލަންކާގެ ދިދައެއް ނަގާފައި ހުރިއިރު މި ބޯޓުގައި ސްރީލަންކާގެ ހަ މަސްވެރިން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މިބޯޓް ހއ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މެންދުރުފަހުގެ ވަގުތެއްގައި އެ ބޯޓު ހއ. އަތޮޅަށް ގެންދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.