ރ. މާކުރަތު ނެރުމަތީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.
މާކުރަތު ކައުންސިލަރަކު "ރާއްޖެއެމްވީ" އަށް ހޮނިހިރު ދުވަހު ވިދާޅުވީ މިހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ހެނދުނު 08:45 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ މިހާދިސާގައި މަރުވެފައި ވަނީ އެރަށު އުމުރުން 18 އަހަރުގެ އަބްދުލްއަޒީޒު ނަމަކަށް ކިޔާ ޒުވާނެއް ކަމަށެވެ.
އެ ރަށު ކައުންސިލަރަކު ވިދާޅުވީ މިހާދިސާ ހިނގީ އެރަށު ނެރުމައްޗަށް މޫދަށް އެރި އުޅުނު ޒުވާނާ ކޮންމެ ވެސް އެއްޗެއް ނެގުމަށް ނެރުކައިރި އަށް އަޑިއަށް ދިއުމަށް ފަހު މައްޗަށް އެރި ވަގުތު، ރަށަށް ވަންނަން އައި ޑިނގީއެއްގައި ޖެހިގެން ކަމަށެވެ. އޭނާ ޖެހިފައި ވަނީ އެ ޑިންގީގެ ކުރީކޮޅުގައި ކަމަށާއި ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިންގީގައި ޖެހުމުން އެ ޒުވާނާ އެދިމާ އަޑިއަށް ދިޔަ ކަމަށާއި، އެވަގުތު ޑިންގީގައި ހުރި މީހާ އާއި ބަނދަރުމަތީގައި ތިބި އިތުރު ބަޔަކާ އެކު އޭނާ ވަގުތުން ފެނުން މައްޗަށް ނެގި ކަމަށެވެ. ނަމަވެސް ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އެހެންކަމުން ރަށުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
މާކުރަތު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔުމަށް ފަހު، އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ 09:30 ހާއިރު ކަމަށާއި އޭނާ މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.