އަނބިމީހާ ފެންވަރަނީ އަހަރަކު އެއް ފަހަރު ކަމަށް ބުނެ ފިރިމީހާ އެކަމާ ހިތްހަމަ ނުޖެހިގެން އޭނާގެ އަންހެނުން ވަރި ކޮށްފިއެވެ.
ތައިވާނުގައި ހިނގި މި ހާދިސާގައި ފިރިހެން މީހާ ބުނީ ފެން ނުވަރާ އެހާ ގިނަ ދުވަހު އަނބިމީހާ ހުންނަ ހުރުމަކީ އޭނާ އަށް ތަހައްމަލް ކުރަންޖެހޭ ނަފްސާނީ ބޮޑު އަނިޔާއެއް ކަމުގައެވެ.
ތައިވާނުގެ ޝަންގައިސްޓު ނޫހުގައި ބުނެފައިވާ ގޮތުގައި މި އަންހެން މީހާ އާއެކު އާއިލާ އެއް ފެށުމަށް ފިރިހެން މީހާ އަށް ކުރިމަތިވި ހުރަކީވެސް އަންހެންމީހާ ފެން ނުވެރުން ކަމަށް ފިރިހެން މީހާ ބުނެފައިވާ ކަމަށެވެ.
ފިރިހެން މީހާ ބުނީ ހިތާވެގެން އުޅުނު އިރު އަންހެން މީހާގެ ކަންތައް އެހާ ގޯސް ނޫން ކަމަށާއި އޭރު ހަފްތާއަކު އެއް ފަހަރު އޭނާ ފެންވަރާ ކަމަށެވެ.
ކަންކަން ގޯސްވީ އިނދެގެން އުޅޭތާ ދިހަ ވަރަކަށް އަހަރު ވީ ފަހުން ހަފްތާ އަކު އެއް ފަހަރުގެ ބަދަލުގައި އަހަރަކު އެއް ފަހަރު އޭނާގެ އަންހެނުން ފެންވަރަން ފެށުމުން ކަމަށް ފިރިހެން މީހާ ބުނެފައި ވެއެވެ. ފިރިހެން މީހާ ބުނީ މި ގޮތައް ފެންވަރަން ވަންނަ ފަހަރަކު މަދުވެގެން 6 ގަޑީއިރު ވާ ކަމަށެވެ.
ވަރީގެ މައްސަލަ ނިންމުމަށް ކޯޓުގައި އޮތް އަޑު އެހުމުގައި އަންހެން މީހާ ވަނީ ފިރިހެން މީހާގެ ވާހަކަ ތަކަށް އިންކާރު ކޮށްފައެވެ. ނަމަވެސް ކޯޓުން ވަނީ ފިރިހެން މީހާގެ ހުށަހެޅުމާ އެއް ގޮތައް މި ކައިވެނި ރޫޅާލާފައެވެ.