ބަވަނަވަމުންދާ ދުނިޔޭގައި، ދަތުރުފަތުރުގެ ނިޒާމުގެ ފަސޭހަކަމާއިއެކު އަހަރަކަށް ވުރެ އަހަރެއް ދަތުރުކުރާ ނުވަތަ ގައުމުތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެ އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން، ގައުމުތަކުން ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އެގައުމަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކޮށް، މި ދާއިރާއިން ލިބޭ ނަފާ އިތުރުކުރުމަށެވެ. ރާއްޖެފަދަ ގައުމުތައް ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައިވާ އިރު މިދިޔަ 2017 ވަނައަހަރުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ސިޓީ ތަކަށް ބަލައިލާނަމެވެ.
މި ލިސްޓުގެ އެއް ވަނައިގައި އޮތީ ހޮންގް ކޮންގް އެވެ. އެއީ 26.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްގެންނެވެ. މި ލިސްޓުގެ ދެވަނައިގައި ބެންކޮކް އޮތް އިރު ސިޓީއަށް ޒިޔާރަތްކޮށްފައި ވަނީ 21.2 މިލިއަން ފަތުރުވެރިންނެވެ. ލިސްޓުގެ ތިންވަނައިގައި އުޅެނީ ލަންޑަނެވެ. ލަންޑަނަށް ޒިޔާރަތް ކޮށްފައިވަނީ 19.2 މިލިއަން ފަތުރުވެރިންނެވެ. މި ލިސްޓުގައި ދެން ހިމެނެނީ ސިންގަޕޫރު، މަކާއު، ދުބާއީ، ޕެރިސް ނިއުޔޯކް، ޝެންޒެން އަދި ކުއަލަލަމްޕޫރު އެވެ.
މި ލިސްޓަށް ބަލާ އިރު އިރުމަތީ އޭޝިއާގެ ސިޓީތައް ގިނަކަން ފާހަގަ ކޮށްލެވެ. މި ލިސްޓުގެ ދެވަނައިގައި ބެންކޮކް އޮތް އިރު ކުރިން މި ލިސްޓުގެ ދެ ވަނައިގައ އޮތީ ލަންޑަން ސިޓީ އެވެ. ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި 2025 ވަނަ އަހަރުގައި ސިންގަޕޫރު އޮންނާނީ މި ލިސްޓުގެ ގަދަ ތިން ވަނައިގަ އެވެ.
ފަތުރުވެރިކަން އެންމެ ބޮޑަށް ފުޅާވަމުންދާ ސަރަހައްދަށް ބަލާއިރު ޔޫރަޕްގެ ބަދަލުގައި މިހާރު އެންމެބޮޑަށް ކުރިއަރައިގެން ދަނީ އޭޝިއާގެ މަންޒިލްތަކެވެ. އެގޮތުން އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ 100 މަންޒިލްގެ ތެރެއިން އޭޝިއާ-ޕެސިފިކް ރީޖަނުގެ 41 ސިޓީ ހިމެނެ އެވެ. މިއީ 2010 ވަނަ އަހަރުގެ މި ރޭންކިންގ ލިސްޓާ އަޅާ ބަލާ އިރު ވަރަށް ބޮޑު ކުރި އެރުމެކެވެ. އެ އަހަރު އެންމެ މަގްބޫލު މަންޒިލްގެ ލިސްޓުގައި އޭޝިއާ-ޕެސިފިކް ރީޖަނުގެ 34 ގައުމު ހިމެނިފައިވެ އެވެ. އެހެން ނަމަވެސް މި އަދަދު 2025 ވަނަ އަހަރުގައި 47 މަންޒިލަށް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.
އޭޝިއާ ސަރަހައްދުގެ މަންޒިލްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވެފައިވަނީ، ޗައިނާ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިން ބާރު ސްޕީޑުގައި އިތުރުވުމުގެ ސަބަބުންނެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ އެންމެ ކުރީގައި އޮތް ހޮންގްކޮންގް އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2025 ވަނަ އަހަރުގައި 45 މިލިއަނަށް އަރާނެކަމަށް ޓްރެވެލް އެނަލިސްޓުން ބުނެ އެވެ.
ޔޫރަޕްގެ ފަތުރުވެރިކަން ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޔޫރަޕްގެ ފަތުރުވެރިކަން ދަށްވެފައިވަނީ ޔޫރޯޒޯން ކްރައިސިސް އާއި ރެފިއުޖީން އިތުރުވުމާއި ބްރެކްޒިޓް މައްސަލައާއި ޓެރަރިޒަމްގެ ހަމަލާތައް އިތުރުވުމުގެ ސަބަބުންނެވެ.
އެހެން ނަމަވެސް ލަންޑަނާއި ޕެރިހަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް މާބޮޑު ބަދަލެއް ނުފެނެ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަކުގައި ލަންޑަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދައްވާނެ ކަމަށް ޔޫރަޕްގެ ފަތުރުވެރިކަން ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.