މިވަގުތު ޖަލުގައި އޮންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އޮންނެވީ ދިވެހިރާއްޖޭގެ ހައިކޯޓުން އިންސާފް ލިބުމުގެ ދޮރު ބަންދު ވެއްޖެ ކަމަށް ބެލެވޭ ހާލަތުގައި ކަމަށް އެމްެންބަރުގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ފާރިސްގެ މައްސަލައާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ފާރިސްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ ފާރިސް މައުމޫން ހުކުމަކާއި ނުލައި ބަންދުގައި އޮންނަވާތާ މިއަދަށް 6 މަސްވީ ކަމަށާއި މިމައްސަލައާއި ގުޅިގެން މިހާތަނަށް ސަރުކާރުގެ އެކިއެކި މުއްސަސާތަކަށް 129 މައްސަލައާއި ސިޓީ ހުށަހަޅާފައިވާއިރު އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ފާރިސްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗް އަނެއްކާ ވެސް ބަދަލުވެއްޖެ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި މިހާރުގެ ބެންޗުން ހުކުމް ކުރެއްވުން ނޫން އިތުރު ކަމެއް ކުރައްވަން އޮންނާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ. އެގޮތުން ފާރިސްގެ އެމައްސަލަ އެންމެ ފުރަތަމަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން 20 އޮގަސްޓް 2017 ގައި ވަނީ އިތުރު އެއްޗެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮނާނީ ހުކުމް ކުރުން ކަމަށް ވިދާޅުވެފަ ކަމަށެވެ. އޭގެ ފަހުން އިތުރު އެއްޗެއް ސާފުކުރައްވަން އެދިފައި ނުވާއިރު އެބެންޗު ބަދަލުވެ ފަހުން އައި ބެންޗުން ވެސް އެފަދަ މައުލޫމާތެއް އިތުރަށް ސާފުކުރައްވަން އެދިފައި ނުވާ ކަމަށެވެ. އެހެންކަމުން ހުކުމް ކުރެއްވުން ނޫން ގޮތެއް ދެން އޮންނާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި އަވަހަށް ހުކުމް ކުރައްވަން އެދޭ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ މައްސަލަ ބެއްލެވި ބެންޗުން 20 އޮގަސްޓް 2017 ގައި ބޭއްވި އަޑުއެހުމުގައި ވިދާޅުވި ދެން އިތުރު ކަމެއް ސާފުކުރައްވަން ނެތިއްޔާ އޮންނާނީ ހުކުމް ކުރުމޭ. އެއްޗެއް ސާފު ކުރައްވާކަށް ނޭދޭ. އޭގެފަހުން ބެންޗް ބަދަލުވީ. އެބެންޗަކުންވެސް އިތުރު އެއްޗެއް ސާފުކުރައްވާކަށް ނޭދޭ. ދެން މިހާރު އެބެންޗް ބަދަލުވެ ކުރީގެ ބެންޗަށް ބަދަލުވުމުން އިތުރަށް ލަސްކުރައްވަން ޖެހޭނެ ކަމަކަށް ނުދެކެން. އަވަހަށް ހުކުމް ކުރައްވަން އެދެން" މައުމޫން ހަމީދު ވިދާޅުވިއެވެ
މައުމޫން ވިދާޅުވީ ފާރިސްއަށް ހައިކޯޓުން އިންސާފްގެ ދޮރު ބަންދުވެއްޖެ ކަމަށް ބަލާނެ ޖާގަ އެބައޮތް ކަމަށާއި އެކަން އެހެން ބަލަން ޖެހޭ ސަބަބުތައް އެބަހުރިކަމަށެވެ. އެގޮތުން 6 މައްސަލަ ހުށަހަޅާފައިވާއިރު އެއިން މައްސަލައެއް ބަލައިގެން ކަން ވެސް ނުވަތަ ނޫންކަންވެސް އަންގަވާފައި ނުވާތާ އެއިން ބައެއް މައްސަލަތައް ހުށަހެޅިތާ 120 ދުވަސް ވެގެން ދިޔައީ ކަމަށް މައުމޫން ވިދާޅުވިއެވެ.
އޭގެން އެއްމައްސަލައަކީ ހޭބިސް ކޯޕަސް މައްސަލަ ކަމަށާއި އެމައްސަލަ ހުށަހެޅިތާ 120 ދުވަސް ވެފައިވާއިރު އެމައްސަލައަށް ވުރެ ފަހުން ހުށަހެޅި އެހެން މައްސަލަތަކަށް ގޮތެއް ނިންމަވާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
އެގޮތުން މިސާލެއްގެ ގޮތުގައި މައުމޫން ވަނީ ޑިސެމްބަރު މަހު ކޯޓު އަމުރެއްގެ ދަށުން ސަފާރީއަކުން އަތުލައިގެން ބަނގުރާފުޅިތަކަކާއި މީހަކު ޖެހިގެން އައި ދުވަހު ދޫކޮށްލުމަށް އަމުރު ނެރެފައިވާ ކަމަށެވެ. އެހެންކަމުން ބިޔަރު ދަޅަކަށްވުރެ ފާރިސްގެ ހައްޤު މާދަށް ކަމަށް ކޯޓުން ބައްލަވާފައިވާކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.