ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކ. މާފުށީ ކައުންސިލްގެ ތިން މެންބަރުން މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރުމަށް މާލެ އަތޮޅު ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ބެލުމާރި ލޯކަލް ގަވަމަންޓް އޮތޯރިޓީން ހަވާލުވެއްޖެއެވެ.
ކ. މާފުށި ކައުންސިލް އާއި ގުޅުންހުރި މައްސަލައެއް ބަލަމުންދާތީ، މައްސަލައިގައި ގޮތެއް ނިންމައި، ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކުރުމަށް އަތޮޅު ކައުންސިލުން މާފުށީ ކައުންސިލްގެ މެންބަރުންނަށް އަންގާފައިވަނީ ބުދަ ދުވަހުއެވެ.
މިކަމާއި ގުޅިގެން ބުރާސްފަތި ދުވަހު އެލްޖީއޭއިން މާލެ އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މާލެ އަތޮޅު ކައުންސިލުން، މާފުށީ ކައުންސިލާއި ގުޅޭގޮތުން ހިއްސާކޮށްފައިވާ މައްސަލަ އެ އޮޓޯރިޓީން ބަލަން ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅުންހުރި ހުރިހާ ލިޔެކިޔުމެއް އެލްޖީއޭއަށް ފޮނުވުމަށްވެސް އެ އޮތޯރިޓީގެ ސިޓީގައި ވަނީ އަންގާފައެވެ.
އަދި އެހެންކަމުން މި މައްސަލައާއި ގުޅިގެން އަތޮޅު ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ބާތިލް ކުރުމަށާއި، މާފުށީ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.
މާފުށީ ކައުންސިލަރުންނާއި ގުޅޭ މައްސަލައެއް ބަލާތީ ކަމަށް ބުނެ، އަތޮޅު ކައުންސިލުން މާފުށީ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނިކޮށް، އެ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށް އެލްޖީއޭއިން ނިންމާފައިވާއިރު، ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ނުވަތަ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.