ސުޕްރީމް ކޯޓަށް އިތުބާރު ކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވުމަށް އަންނަ މަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭނެ ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ގޮނޑީގެ މައްސަލައިގައި ސާފު ނިންމުމެއް ނިންމަވައި ދެއްވުމަށް އެދި، ސުޕްރީމް ކޯޓަށް ބުރާސްފަތި ދުވަހު ވަޑައިގެންނެވުމަށް ފަހު، އެތަނުން ނުކުމެވަޑައިގެން މުސްތަފާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިބީ ސަރުކާރުގެ އަތްދަށުވެފައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ސަރުކާރުން ޕްރޮޕެގެންޑާތަކެއް ފަތުރަމުންދާ ކަމަށާއި ސަރުކާރަކަށް ސުޕްރީމް ކޯޓުގެ ބާރުތަކުގެ ތެރެއަށް އަތް ނުފޯރުވޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ ރިޔާސީ ބަޔާން އިއްވާއިރަށް ވަދެވޭނެ ކަމަށް. އަޅުގަނޑުމެން އުންމީދުކޮށްގެން މިތިބެނީ. އަޅުގަނޑުމެންނަށް ކަށަވަރު ވަނީ ސުޕްރީމް ކޯޓުން އިންސާފުވެރި އަދުލުވެރި ނިންމުމެއް ނިންމާނެ ކަމަށް. އަދިވެސް އިތުބާރު ކުރަން. އަޅުގަނޑު އިތުބާރު ކުރަނީކީ ސަރުކާރަކަށް ނޫން،" މުސްތަފާ ވިދާޅުވިއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން، ފާއިތުވި ފަސް ދުވަހު އިދިކޮޅު މަޖިލިސް މެމްބަރުން ގެންދަވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން، ގޮނޑީގެ މައްސަލާގައި ސާފު ނިންމުމެއް ނެރެ ދެއްވުމަށް އެދި ލިޔުންތައް ހުށަހަޅުއްވަމުންނެވެ. އެ މެމްބަރުން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާ ވަކިވަކިން ބައްދަލު ކުރައްވަން ވެސް ހުށަހަޅުއްވާފައެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ވެސް ބައްދަލު ކުރައްވަން އެ މެމްބަރުން ވަނީ ހުށަހަޅުއްވާފައެވެ.
ސުޕްރީމް ކޯޓު ކުރިމަތީގައި ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުސްތަފާ ވިދާޅުވީ އާދީއްތަ ދުވަހު، އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ ސިޓީއެއް އެ ބޭފުޅުންނަށް ހުށަހަޅުއްވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތުގައި ދެމިތިބޭނަން. ހުއްޓައެއް ނުލާނަން. މި ހަރަކާތް ކުރިއަށް ގެންދާނަން. އިރާދަ ކުރެއްވިއްޔާ ނިމުމަކަށް ދާންދެން،" މުސްތަފާ ވިދާޅުވިއެވެ.
ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވި 12 މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ ހުކުމަކީ ޕާޓީ ބަދަލު ކުރުމާއި ޕާޓީން ވަކިކުރާ މެމްބަރުން ގޮނޑި ގެއްލުމާ ގުޅޭ ހުކުމެކެވެ.
ނަމަވެސް އެ ހުކުމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ގަސްތުގައި މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން މަސައްކަތް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.