ސްކޫލްތަކުގައި މާރާމާރީ ހިންގުމަކީ ފުލުހުން ކަންބޮޑުވާކަމެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ދިވެހިރައްޔިތުންނާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އެޕާޓީން ބުނެފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ފުރަތަމަ ހަތްފާގައި ސްކޫލެއްގެ ތެރެއަށް ގްރޫޕެއް ވަދެ ހިންގި މާރާމާރީއާއި މަގުމަތިން ސްކޫލް ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލަ ފެންމަތިވުމުން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ގްރޫޕް މާރާމާރީ މާލޭގެ މަގުތަކުން، ގޭގޭގެ ސިޓިންގ ރޫމަށް ގޮސް، މިހާރު މިވަނީ ސްކޫލްތަކުގެ ހަތަރު ފާރު އެތެރެއަށް ވެސް ވަދެފަ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ސިގުނަލެއް ކަމަށާއި ގްރޫޕް މާރާމާރީތައް ހިންގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަން ހުއްޓުވުމަކަށް ގެނައުމަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ މާލެއަކީ ދުނިޔޭގައި ވެސް އެންމެ ބައިބޯ އަދި އެންމެ ކުޑަ ތަންކަމަށްވުމުން އިޖުތިމާއި ގޮތުންވެސް ގިނަ މައްސަލަތަކެއް ނިކުންނާނެކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް މިކަންކަން ހައްލު ކުރުމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށެވެ.
އެހެންކަމުން މާރާމާރީ ހުއްޓުވުމުގައި މިސަރުކާރު ފެއިލްވެފައިވާ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދަރިވަރުންގެ ކިޔެވުމާއި ތަރުބިއްޔަތަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާނެ ކަމަށާއި އެގޮތުން ވަށާޖެހޭ ތައުލީމުގެ ސިޔާސަތުގެ ދަށުން ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށް، ގިނަ ވަގުތު ޓީޗަރުންނާއެކު ދަރިވަރުން ސްކޫލްގައި ހޭދަ ކުރާ ވަގުތުތަކަކީ އެކުދިންގެ ކިޔެވުމާއި ތަރުބިއްޔަތާއި އަހުލާގަށް ހެޔޮބަދަލުތަކެއް ގެނުވި ސިޔާސަތެއް ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"ސްކޫލް މާހައުލު އަމާން ނަމަހީ، ސްކޫލް ތެރޭގައި ދަރިވަރުންގެ މެދުގައި އަދި ދަރިވަރުންނަށް އަމާޒުވެ މިފަދަ ކަންތައްތަކެއް ނުހިނގާނެ. ފުރަތަމަ ދިމާވި ހާދިސާ ހިނގީކީ ސްކޫލް ތެރޭގައި ދަރިވަރުންނާއި ދަރިވަރުންނާ މައްސަލައެއް ދިމާވެގެން ކްލާސް ތެރޭގައި ހިނގިކަމެއް ނޫން. ސްކޫލް ތެރެއަށް ބޭރުން ބަޔަކު ވަދެ ހިންގި މާރާމާރީއެއް. އެހެންވީމާ ސްކޫލް މާހައުލުތެރޭގައި ސްކޫލް ދަރިވަރުންގެ އިތުރުން އެހެން ބަޔަކު ވަދެ މާރާމާރީ ހިންގީމާ، އެއޮތީ އެ މާހައުލު ނެތިފަ،" ޝިފާޒު ވިދާޅުވި އެވެ.
މީގެއިތުރުން ޝިފާޒު ވިދާޅުވީ މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވުމުން، ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ކުރުމުގެ ބަދަލުގައި، އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގަވަމުން ގެންދަވާ ކަމެއް ނޫންބާވައޭ ވެސް ހިތަށްއަރާ ކަމަށް ޝިފާޒު ވިއެވެ.
"ރައީސް ޔާމީންގެ ވިސްނުންފުޅުގައި އޮތީ ސިޔާސަތެއް ވިއްކައިގެން ކެމްޕެއިން ކުރާކަން ނޫން. މީގެކުރިން ވެސް. މުޅިންވެސް އެހެން މީހުން ހިންގާ ކެމްޕެއިންތަކަށް ހުރަސްއަޅުން އޮންނަނީ. ރައީސް ޔާމީންގެ ކެމްޕެއިންގެ ތެރެއިން ވަރަށް ބޮޑަށް ފެންނަން އޮތް ކަމެއް މިއީ، މިދެންނެވި ކަހަލަ މާހައުލު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ގާއިމުކުރަން މަސައްކަތް ކުރައްވާފައި އޮތްކަން. ވަރަށް ސާފުކޮށް ފެނޭ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން އިދިކޮޅު ޕާޓީތަކަށް ފުރުސަތެއް ނުދޭ. ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ކަމެއް ވިއްޔާ އެބޭފުޅުނަށް ކުރެވޭ. އަޅުގަނޑުމެންނަށްކަށް އެ މާހައުލެއް ނުލިބޭ. އަޅުގަނޑުމެންނަށް އެ މާހައުލު ނުލިބެނީ ކޮންބައެއް ހުރަސްތަކެއް ކުރިމަތިކުރާތީކަން ހުރިހާ އެންމެންނަށް ވެސް އެނގޭ،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ މިފަދަ މާރާމާރީތަކާއި މީހުން މެރުންފަދަ ކަންކަން ހިންގުމުން، އަމާން ވެއްޓެއް ގާއިމު ކޮށްދިނުމަށް އެ ބޭފުޅުން މަސައްކަތް ކުރަމުންދާ ވާހަކަ ދިވެހި ފުލުހުން އަބަދުވެސް ވިދާޅުވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ފުލުހުން ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.