މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ހާޒިރުވެ އެ މްމެބަރުންގެ މަސްއޫލިއްޔަތު އަދާކުރެވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަތުލް ކެޝަޕް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
ކެޝަޕް ޓްވީޓުކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، އެ މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ ގުޅޭ ގޮތުން ސާފު ނިންމުމެއް ނެރެދެއްވުމަށް އެދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ކެޝަޕްގެ މިޓްވީޓުގައި އިދިކޮޅު ފަރާތްތަކާއި ސިޔާސީ ޕާޓީތައް ވަނީ ޓެގްކުރައްވާފައެވެ.
For free and fair #elections to occur this year in #Maldives it is essential that all members of #Parliament be able to attend all sessions and exercise their full rights and duties as elected representatives of the people and defenders of #Democracy. pic.twitter.com/ogN0PM5nKK
— Atul Keshap (@USAmbKeshap) January 18, 2018
ކެޝަޕް ވަނީ މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ބަލައިގަންނަން ދަތި ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނާއި ގަވާއިދާއި އެއްގޮތަށް މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ.