މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ރިސޯޓުތަކަށް އެރި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވިލާ ގްރޫޕް އިން ބުނެފި އެވެ.
ވިލާ ގްރޫޕްގެ ޖެނަރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ އެ ކުންފުނީގެ ރިސޯޓުތަކަށް އެރުމުގެ ހުއްދަ، ކޯޓު އަމުރުގައި މީރާއަށް ދީފައިނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގައިސަރު ވިދާޅުވީ ހުއްދަ ނެތި ރިސޯޓްތަކަށް އެރި މީރާގެ މުވައްޒަފުންނަށް ބަލާފާސްކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިނުވާނެ ކަމަށާއި ނަމަވެސް އެމީހުން ރިސޯޓުގައި ތިބި ކަމަށެވެ.
އެހެން ނަމަވެސް، މީރާއިން ބުނަމުނީ ވިލާގެ ރިސޯޓްތަކަށް އަރާފައިނުވާނެ ކަމަށެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި މީރާގެ މުވައްޒަފުން ވެސް ވަނީ ވިލާ ގްރޫޕްގެ ރިސޯޓުތަކަށް އެރި ކަމަށް ގައިސަރު ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ބައިވެރިވީ ކަސްޓަމްސްއަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.
ސަން އައިލެންޑް ރިސޯޓް ފާސްކުރުމަށްޓަކައި ކަސްޓަމްސް އަށް ދީފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ އެ ރިސޯޓް ފާސްކުރަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދިޔަ ބަނގުރާ، އެ ރިސޯޓާ ގުޅުން ހުރި އެހެން ތަންތަނަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
ފުލުުހުންނާ އެކު، ކަސްޓަމްސް އާއި މީރާ އިން ބުދަ ދުވަހުގެ ރޭ އެރި ވިލާގެ ރިސޯޓްތަކަކީ، ރާއްޖޭގެ އެންމެ ބޮޑު ރިސޯޓްތަކުގައިވާ ސަން އައިލެންޑާއި، ޕެރަޑައިސް އެލެންޑާއި ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑަށެވެ. މިއަދު ވެސް ފުލުުހުންނާއެކު، ކަސްޓަމްސް އާއި މީރާއިން ޕެރަޑައިސް ރިސޯޓާއި ސަން އައިލެންޑް އަދި ރޯޔަލް އައިލެންޑަށް އަރާފައިވެއެވެ.
މީރާއިން ވިލާގެ ރިސޯޓްތަކަށް އެރިއިރު، 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާއިން ވަނީ ވިލާ ކުންފުނީގެ މައްޗަށް ދައުވާ ކޮށްފަ އެވެ.
މީރާއަށް ތަންތަން ބަލާފާސްކުރެވޭނީ ޓެކްސް ފްރޯޑްގެ މައްސަލަތަކުގަ އެވެ.