ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ މިނިވަން ފޮރެންސިކް އެނަލިސިސްއެއް ހަދާނެ ތިން ވަނަ ފަރާތެއް ހަމަޖައްސައި ކޯޓަށް އަންގަން ހަތް ދުވަސް ދީފިއެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ، ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހަޅުންތަކާއި މެދު ގޮތެއް ނިންމުމެވެ. އެހެންނަމަވެސް، އަޑުއެހުން ފެށުމާއެކު ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ ފޮރެންސިކް އެނަލިސިސް ހަދާނެ ތިން ވަނަ ފަރާތެއް ހޯދިފައިވާ ކަމަށް ވިދާޅުވެފައެވެ.
މައުމޫން ވިދާޅުވީ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި، އެ ފަރާތެއް ކޯޓަށް އަންގާނެ ކަމަށެވެ.
ފާރިސްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގައި ވެސް މިކަން ހިމެނެއެވެ. އެގޮތުން، 16 ވަނަ ހުށަހެޅުމެއްގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހަޅާފައި ވަނީ، މިނިވަން މުސްތަގިއްލު ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް އެނަލިސިސް ހަދަން އަމުރެއް ނެރެދެއްވުމަށެވެ.
އެ ހުށަހެޅުމާ މެދު ވާހަކަ ދައްކަމުން މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މިނިވަން މުސްތަގިއްލު ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް އެނަލިސިސް ހެދުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވެސް ދައުލަތުގެ ވަކީލު ވަނީ އެފަދައިން ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ ރާއްޖޭގެ ގާނޫނު ތަންދޭ ކަމެއް ކަމަށާއި އަދި ތަހުޒީބު މުޖުތަމައުތަކުގައި ވެސް އަމަލުކުރަމުންދާ ގޮތެއް ކަމަށެވެ.
ފާރިސްގެ ފަރާތުން ހުށަހެޅި އެ ހުށަހެޅުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާތީ ގާޒީ އަލީ އާދަމް ވަނީ، ފޮރެންސިކް އެނަލިސިސް ހަދާނެ ފަރާތެއް ހަމަޖައްސައި، އެކަން ކޯޓަށް އަންގަން ހަތް ދުވަސް ދެއްވާފައެވެ.
ގާޒީ ވިދާޅުވީ ހަތް ދުވަހުގެ ތެރޭގައި ކޯޓަށް އެކަން ނާންގައިފި ނަމަ ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.