އެކްސެސް ބެގެޖް ފީ ނުދައްކަން ލަގެޖްގައި ހުރި ހުރިހާ އަންނައުނެއް މަތިމައްޗަށް ލީ މީހަކު ބްރިޓިޝް އެއަރވޭޒް ފްލައިޓަކުން ބޭރުކޮށްލައިފިއެވެ.
އައިސްލޭންޑުން ބްރިޓިޝް އެއަރވޭސް ފްލައިޓެއްގައި ދަތުރު ކުރަން އުޅުނު މިމީހާ އެކްސެސް ނުދައްކަން މަތިމައްޗަށް 10 ގަމީހާއި 8 ފަޓުލޫނު ލީ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ރަޔަން ކާރނީ ވިލިއަމްސް ނަމަކަށް ކިޔާ މި މީހާ މި ދިޔަ ބުދަ ދުވަހު ދަތުރު ކުރަން އުޅުނީ އައިސްލޭންޑްގެ ކެފްލަވިކް އެއަރޕޯޓުންނެވެ.
ބޯޓަށް ނޭރުވުމަށް ފްލައިޓްގެ އޮފިޝަލުން ނިންމުމުން އެކަމާ އޭނާ ހިތްހަމަ ނުޖެހުމުގެ ސަބަބުން ކޮންވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާ ފުލުހުން ވެސް ޗެކިން ކައުންޓަރަށް އަންނަން ޖެހުނު ކަމަށް އައިސްލޭންޑް މޮނިޓަރ އިން ހާމަ ކޮށްފައިވެއެވެ.
ކޮންމެ އަކަސް ބްރިޓިޝް އެއަރވޭޒް އިން އޭނާ އުފުލުމަށް ދެކޮޅު ހެދުމުން އެދުވަހު ފުރޭ ގޮތް ނުވުމާއެކު ޖެހިގެން އައި ދުވަހު އީޒީ ޖެޓުން ދަތުރު ކުރެވޭތޯ އައުމުން އެ އެއަރލައިން އިން ވެސް ވަނީ އޭނާ އުފުލުމަށް ދެކޮޅު ހަދާފައެވެ.
އީޒީ ޖެޓުގެ އޮފިޝަލަކު ދަ ގާޑިއަން ނޫހަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އޭގެ ކުރީ ދުވަހު ހަމަ ނުޖެހުން އުފައްދަން ވިލިއަމް މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބިފައި އޮތުމާއެކު އޭނާ އަށް ފުލް ރިފަންޑް ދިނުމަށްފަހު ޓިކެޓް ކެންސަލް ކޮށްލީ ކަމުގައެވެ.
އެންމެ ފަހުން އޭނާ ދަތުރު ކުރަން ބޭނުންވި އިނގިރޭސިވިލާތައް އާދެވުނީ ނޯވީޖިއަން އެއަރލައިންގެ ބޯޓެއް ގައެވެ.