ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އެހެން މުއައްސަސާތަކާ ދެމެދު ފައިސާގެ މުއާމަލާތްތައް ކުރުމަށް "ބަނޑޭރި ޕޯޓަލް"ގެ ނަމުގައި އިލެކްޓްރޯނިކް ނިޒާމެއް އުފައްދައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރގައި ބުނެފައި ވަނީ ދައުލަތުގެ މާލީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަވަސް ކުރުމުގެ ގޮތުން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކުރިއަށްގެންދާ ފައިސާގެ މުއާމަލާތްތައް އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ "ބަނޑޭރި ޕޯޓަލް" ގެ ބޭނުން 21 ޖެނުއަރީ 2018 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ބޭނުން ކުރަން ފެނުމަށް ނިންމާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ ތާރީހުން ފެށިގެން ދައުލަތުގެ އެންމެހައި އޮފީސްތަކުން ދަތުރުތައް މެނޭޖްކުރުމާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް އެ މިނިސްޓްރީން ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމާއި ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ދަށުން އަމަލުކުރާނެ ގޮތްތަކަށް ބަދަލު ގެނެސްފަ އެވެ. މި ބަދަލުގެ ދަށުން ނޭޝަނަލް ޓެންޑަރ ބޯޑު ހިންގާ އުސޫލަށް އަމަލުކުރުމަށާއި ބިޑު ކޮމިޓީގެ ޔައުމިއްޔާއާއު އެކު ފިނޭންސް މިނިސްޓްރީން ގާއިމްކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ޗެކު ލިސްޓް ފުރިހަމަ ކުރަންޖެހެއެވެ.