ވިލާ ހޮޓެލްސްއިން ހިންގަމުން އަންނަ 5 ރިސޯޓަށް ފުލުހުން އަރާ ހިންގި އަމަލުތަކަކީ ޤާނޫނާއި ޚިލާފު ޖަރީމާތަކެއްކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ސިފަކޮށްފިއެވެ.
ވިލާގެ ރިސޯޓުތަކުގައި ފުލުހުންނާއި މީރާގެ އޮފިޝަލުންނާއި ކަސްޓަމްސްއިން އަރާ ހިންގި ޢަމަލުތައް ޤާނޫނާއި ޚިލާފުކަމަށާއި، އެޖަރީމާ އެންމެ ހަރުއަޑުން ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެ ފަރާތްތަކަށް ގޮވާލާކަމަށް އެޕާޓީއިން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވެއެވެ.
"ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ފަތުރުވެރިކަން އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މި ރިސޯޓުތަކަށް ފުލުހުންނާއެކު ދައުލަތުގެ މުވައްސަސާތަކުން އަރައިގަނެ ކުރަމުން އަންނަ މަސައްކަތްތަކީ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމަށް ފުރައްސާރަކޮށް ބިރުދެއްކުމުގެ ގޮތުން ކުރަމުން އަންނަ ދަށުދަރަޖައިގެ ޢަމަލެކެވެ. އަދި ޢަބްދުﷲ ޔާމީނަށް ފާޑުކިޔަމުން އަންނަ ސިޔާސީގޮތުން ވާދަވެރި ހުރިހާ ފަރާތްތައް ޖަލަށްލައި އެފަރާތްތަކުގެ ޢާއިލާތަކަށް ފުރައްސާރަކުރުމާއި، މުދަލަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،"ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އަދި ފަތުރުވެރިކަމުގެ ހައި ސީޒަންގައި ރާއްޖޭގެ 5 ރިސޯޓަކަށް ދައުލަތުން އަރައި ހިންގާ ޖަރީމާއިން ހާމަވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކާމިޔާބާއި ކުރިއެރުން ނައްތާލައި، ރާއްޖޭގެ އިޤްތިޞާދު ހަލާކުގެތެރެއަށް ވައްޓާލުމަށް ރައީސް ޢަބްދުﷲ ޔާމީން ފަސްނުޖެހޭނެކަން ކަމަށް އެމްޑީޕީއިން ސިފަކޮށްފައިވެއެވެ. އަދި މިއީ އަމިއްލަ ވިޔަފާރިތަކަށް އިޙްތިރާމް ކުރުމެއްނެތި، ކުރު ރާސްތާގެ ސިޔާސީ ބޭނުމެއް ހާސިލްކުރުމަށް ދައުލަތުގެ މުވައްސަސާތައް ނާޖާއިޒުގޮތުގައި ބޭނުންކުރުންކަމަށްވެސް އެމްޑީޕީއިން ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން ނިމިގެން މިދާ ހަފްތާގެ ތެރޭގައި 2 ދަރިވަރަަކަށް ތޫނު އެއްޗަކުން ހަމަލާދީ މުޅި ޤައުމު އެކަމާ މެދު ސިހި، ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެފަދަ ބޮޑެތި އަދި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުގެ ބޭނުން ނުހިފައި ސިޔާސީ ބޭނުމުގައި ދައުލަތުގެ މަދު ވަޞީލަތްތައް ބޭކާރު ކުރަމުންދާތީ އެމްޑީޕީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މިފަދަ ޤާނޫނާ ޚިލާފް އުސޫލުން ކުރަމުން އަންނަ ކަންކަން ދެން އުފެދޭ ސަރުކާރެއްގައި އިއާދަ ކުރެވޭނެ ކަމަށާއި، ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގައި" މި ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ ވިލާގެ ރިސޯޓުތަކަށް އެރީ ކޯޓު އަމުރަކާއިއެކު ކަސްޓަމްސްއިން ކުރަމުންދާ ތަހުޤީޤަކަށް އެހީތެރިވުމަށްކަމަށެވެ. އަދި ކޯޓުން ނެރެފައިވާ އަމުރުގައި އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާ ހައުސް އިން ވިލާގެ ރިސޯޓެއްކަމަށްވާ ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓްގެ ނަމުގައި ދޫކުރި ބަނގުރާ އެކުންފުނީގެ އެހެން ރިސޯޓަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.