ތިން ރިސޯޓެއް ބަލައި ފާސްކުރަނީ ނުރައްކަލެއް އޮވެގެން ކަމުގައިވާ ނަމަ އެކަމުގެ މައުލޫމާތު ދިވެހިންނަށާއި، ބޭރުގެ ފަރާތްތަކަށް އަންގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ކުއްލި ގޮތަކަށް ފުލުހުން ރިސޯޓްތަކަށް އަރައި ބަލައި ފާސްކުރަމުން ދިޔުމާ ގުޅިގެން މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ ތިން ރިސޯޓެއް ފާސްކުރަނީ އެމެރިކާ އަދި އިނގެރޭސިވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީއާ ގުޅިގެންތޯ ސުވާލުކުރައްވާފައެވެ. އަދި އެއީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ބިރުގައި ހިންގާ އޮޕަރޭޝަނެއްތޯ ސުވާލުކުރައްވައި މަހުލޫފް ވިދާޅުވީ ސީރިއަސް ނުރައްކަލެއް އޮތްކަމުގައި ވާނަމަ އެކަމުގެ މައުލޫމާތު އާންމުކުރަންޖެހޭ ކަމަށެވެ.
Maldives @PoliceMv searching 3 resorts simultaneously. Is it related to the US & UK warnings regarding travel to Maldives? Is this operation related to terror threats? Maldivians and the world should be informed immediately if there’s a serious threat @visitmaldives
— Ahmed Mahloof (@AhmedMahloof) January 17, 2018
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ރިސޯޓްތައް ކުއްލިގޮތަކަށް ފުލުހުންނާއި، ކަސްޓަމްސްއިން ފާސްކުރަން ފަށާފައިވާއިރު އެ ރިސޯޓުތައް ފާސްކުރަމުންގެންދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ކޯޓު އަމުރާ އެކު ފާސްކުރަމުން އަންނަނީ ގާސިމްގެ ރިސޯޓްތައް ކަމަށްވާ ޕެރަޑައިސް އާއި ސަން އައިލެންޑާއި ރޯޔަލް އައިލެންޑާއި ހޮލިޑޭ އައިލެންޑުގެ އިތުރުން ފަން އައިލެންޑް ރިސޯޓެވެ.
ކޯޓު އަމުރުގައި ފާސްކުރަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާރ ހައުސް އިން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ މެނޭޖްމަންޓް އަށް ދޫކުރި ބަނގުރާތަކެއް ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.