މިއަދު މެންދުރު ސްކޫލް ނިންމާފައިދިޔަ ދަރުމަވަންތަ ސްކޫލު ފިރިހެން ދަރިވަރެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކުރިތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ވަގުތު އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި ހައްޔަރުކުރިކަން ނުވަތަ ނުކުރާ ކަމެއް ވެސް މިވަގުތު ކަށަވަރުކޮށްދެވެން ނެތް ކަމަށް ފުލުހުން ބުންޏެއެވެ.
ބުދަ ދުވަހުގެ މެންދުރު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ހަމަލާ ދީފައި ވަނީ ލިލީ މަގުން ހިނގާފައި ދަނިކޮށް މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ. ހަމަލާދީފައި ވަނީ ބުރަކައްޓަށެވެ. އެ ކުއްޖާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ދަރުމަވަންތަ ސުކޫލުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަންގާރަ ދުވަހު ތާޖުއްދީން ސްކޫލަށް ވެސް ބަޔަކު ވަދެ މާރާމާރީ ވަނީ ހިންގާފައެވެ. އެ މާރާމާރީ ހިންގި މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔަ ކަމެއް އަދި ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.