މިއަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް އެހީތެރިވުމަށް ޖޭޕީއާ އެކު މޯލްޑިވިއަން ޓްރޭޑް ޔޫނިއަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ތާރީޚީ ގޮތުން ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޓްރޭޑް ޔޫނިއަން ފަދަ ވަކިފަރާތަކަށް ނުޖެހި ވިޔަފާރިވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއްގެ އެހީތެރިކަމާއި އެބޭފުޅުންގެ ތަޖްރިބާ ޖޭޕީއަށް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ ތައްޔާރު ކުރުމުގައި ވެސް އެބޭފުޅުންގެ ތަޖްރިބާ އާއި އެހީތެރިކަން ލިބިގެން ދާނޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ މިއެއްބަސްވުން އެކުލަވައިލުމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ދުރު ވިސްނުންފުޅާއެކު މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަމަށްޓަކައި ލީޑަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"މިއެއްބަސްވުމަކީ ޖުމްހޫރީ ޕާޓީ ކޯލިޝަނެއްގެ ތެރޭން ދިޔަ ކަމުގައި ވިއަސް ޓްރޭޑް ޔޫނިއަން ޖުމްހޫރީ ޕާޓީއާ އެކު ތިބޭނެ ކަމުގެ އެއްބަސްވުމެއް،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް އެއްޗެއްގައި ސޮއިކޮށްފި ނަމަ އެއަށް އިހްތިރާމް ކުރާނެ ޕާޓީއެއް ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވެސް ވަކި ކަމެއް ކުރަން ވިދާޅުވެއްޖެ ނަމަ އެގޮތުގައި ދެމިހުންނަވާނެ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން މިއެއްބަސްވުމުގެ މަތީގައި ޖޭޕީ އަބަދު ވެސް އޮންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީ އޮންނާނީ 2018 ގައި ވެސް 2019 ގައި ވެސް އިޤްތިސޯދު ކުރިއަރުވާ، ވިޔަފާރިވެރިންގެ ޙައްޤުގައި މަސައްކަތް ކުރުމުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓްރޭޑް ޔޫނިއަންގެ ރައީސް ފުވާދު ޒާހިރު ވިދާޅުވީ މިއެއްބަސްވުމަކީ އެހެން ޕާޓީތައް އެއްފަރާތް ކުރީ ނޫން ކަމަށާއި ޖޭޕީއާއެކު އެއްބަސްވުމަކަށް އައީ އެޕާޓީއަކީ އެފަދަ ހުށަހެޅުމެއް ހުށަހެޅި އެންމެ ފުރަތަމަ ޕާޓީ ކަމަށް ވާތީ ކަމަށެވެ.