މުއްދަތެއް ނެތްގޮތަށް ކ. މާފުށި ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑްކޮށްފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީން މާފުށި ކައުންސިލަރުން ސަސްޕެންޑް ކުރިކަން އެފަރާތްތަކަށް އަންގާފައިވަނީ ބުދަ ދުވަހު އެ މެންބަރުންނަށް ކުރި މެސެޖެއް މެދުވެރިކޮށެވެ. މާފުށީ ކައުންސިލަރުންނަށް އަންގާފައިވާ ގޮތުގައި އެ ބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ އެލްޖީއޭ އާއި ކ އަތޮޅު ކައުންސިލާއި ގުޅިގެން، އެ ކައުންސިލަރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާތީއެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުވަތަ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކައުންސިލްތައް ބާރުވެރިކުރިކޮށް، ކައުންސިލަރުންނަށް ބޭނުންވާ އެކިއެކި ފަންނީ އެހީ ހޯދައިދިނުމުގެ ބަދަލުގައި ފަހަކަށް އައިސް އެލްޖީއޭއިން ގެންދަނީ ކައުންސިލަރުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅައި، ކައުންސިލްތަކުގެ ހިންގުމަށް ނުފޫޒު ފޯރުވަމުންނެވެ. އެގޮތުން އެލްޖީއޭގެ ސަރކިއުލަރ އަކާއި ޚިލާފަށް، ގއ އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން ބޭރުގެ ޑިޕްލޮމޭޓަކާއި ބައްދަލުކުރިކަމަށް ތުޙުމަތުކޮށް، އެ ކައުންސިލަރުންވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެ އޮތޯރިޓީން ވަނީ ދިއްދޫ ކައުންސިލްގެ ރައީސްވެސް ހައްޔަރުކޮށްފައެވެ.