ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ދިރިއުޅުއްވާ ގެކޮޅުގައި ސިފައިން ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކުގެ ބައެއް މަޖިލިސް މެމްބަރުންނާއި ޕާޓީތަކުގެ އިސް ބޭފުޅުން މައުމޫންގެ ގެކޮޅަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވައިފިއެވެ.
އިދިކޮޅު ބައެއް މަޖިލިސް މެމްބަރުން އެންދެރިމާގެއަށް ވަޑައިގެންނެވީ ހަތަރު ލީޑަރުންގެ ސޮއިކުރައްވާފައިވާ ސިޓީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހުގައެވެ. ރައީސް މައުމޫނާ އެކު އެ ބޭފުޅުން ބޭއްވި ބައްދަލުވުން ބައި ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔައެވެ.
ރައީސް މައުމޫނާ ބައްދަލު ކުރެއްވުމަށް ފަހު، އެންދެރިމާގެ އިން ނުކުމެވަޑައިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައީސް މައުމޫނާ ބައްދަލު ކުރެއްވީ ސުޕްރީމް ކޯޓަށް ހަތަރު ލީޑަރުންގެ ހުށަހެޅުއްވި ސިޓީއަށް ފަހު އަމަލު ކުރައްވާނެ ގޮތަކާ ގުޅޭ ގޮތުން ކަމަށެވެ. އެކަމުގައި އިދިކޮޅު ފަރާތްތަކުން ދެން އަމަލު ކުރައްވާނީ ކޮން ގޮތަކަށް ކަމެއް އިބޫ ވިދާޅެއް ނުވެއެވެ.
"އިރާދަ ކުރެއްވިއްޔާ ރަނގަޅަށް ރޭވިގެން ވަރަށް ގިނަ ކަންތައްތަކެއް ކުރިއަށްދާނެ،" އިބޫ ވިދާޅުވިއެވެ.
އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން، އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން އެންދެރިމާގޭގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ރައީސް މައުމޫނާ ބައްދަލު ކުރައްވަން އިދިކޮޅު މަޖިލިސް މެމްބަރުން ބުދަ ދުވަހު ވަޑައިގެންނެވި ވަގުތު، ސިފައިން ވަނީ އެ ބޭފުޅުންނާ ސުވާލުކޮށްފައެވެ.
ރައީސް މައުމޫނާ ބައްދަލު ކުރައްވަން އެންދެރިމާގެއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިބޫއާ އެކު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ގޮނޑި ގެއްލުނު ކަމަށް ބުނާ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވެސް އެންދެރިމާގެއަށް ވަޑައިގެންނެވިއެވެ.