ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ސިއްހަތާ ބެހޭ ކޮމެޓީގެ މުގައްރިރު ޑރ. އިބްރާހީމްދީދީ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށަށްދާއިރު، ބޭސް ސިޓީއަށް ސަލާންޖަހުމުގެ ނިޒާމު އަލުން އިއާދަވަމުން އަންނަ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޭސްފަރުވާގެ ނިޒާމު "އާސަންދަ" ވެސް ނިކަމެތި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑރ. ޑީޑީ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ސިއްހީ ހިދްމަތް ދޭ ސަރުކާރުގެ ހޮސްޕިޓަލުތަކުގެ އިހުމާލުން ވަރަށް ގިނަ ހިތާމަވެރި ކަންކަން ހިނގާފައިވާއިރު، ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވާ ކަމަށެވެ.
އެގޮތުން ޑރ. ޑީޑީ ވިދާޅުވީ ދާދި ފަހުން ޅ. ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން، މާބަންޑު މީހެއްގެ ބަނޑަށް ދަރިއަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެމައްސަލައިގެ ފުރިހަމަ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތަކަށް ބަލާއިރު ނައިފަރު ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. ހަމަ އެގޮތުން ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލަތާއި ހިނގާފައިވާ ބައެއް ހާދިސާތަކަށް ވެސް ޑީޑީ އަލި އަޅުވާލެއްވިއެވެ.
މީގެ އިތުރުން ޑީޑީ ވިދާޅުވީ ސިއްހީ ދާއިރާއިން މަތީ ދައުލީމު ހާސިލްކޮށް ރާއްޖެ އަންނަ ބައެއް ޑޮކްޓަރުންނަށް ލައިސަންސް ދިނުމަށް މެޑިކަލް ކައުންސިލުން ދެކޮޅު ހަދަމުންދާ ކަމަށެވެ.
އެމްޑީޕީގެ ސިއްހަތާ ބެހޭ ކޮމެޓީގެ މެމްބަރު ޒިފްލީން ހަސަން ވިދާޅުވީ ސިއްހީ ދާއިރާގެ އިހުމާލުން ގިނަ ހާދިސާތަކެއް ހިނގާއިރު، ސިއްހީ ނިޒާމުގެ ފެންވަރު ވަރަށް ދަށް ކަމަށެވެ. އަދި ސިއްހީ ނިޒާމުގެ ފެންވަރު ދަށަށް ދިޔައީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ސަރުކާރުގެ މުށުތެރެއަށްލައި، ހުރިހާ މުއައްސަސާއެއް ސިޔާސީ ކުރުމުން ކަމަށްވެސް ޒިފްލީން ވިދާޅުވިއެވެ.