ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، އެ މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ ގުޅޭ ގޮތުން ސާފު ނިންމުމެއް ނެރެދެއްވުމަށް އެދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހަޅުއްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސޮއި ކުރައްވާފައިވާ ސިޓީ، ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިދިކޮޅު މަޖިލިސް މެމްބަރުންނެވެ. ބުދަ ދުވަހުގެ މެންދުރު ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް ފަހު، ކޯޓުން ނުކުމެވަޑައިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ 12 މެމްބަރަަށް މަޖިލީހުގައި ތަމްސީލުކުރެއްވުމުގެ ހައްގު ގެއްލުވާލުމަކީ 60،000 ރައްޔިތުންގެ ހައްގު ގެއްލުވާލުން ކަމަށެވެ. އެކަމާ އިދިކޮޅު ހަތަރު ލީޑަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ މަންދޫބުންނަށް މަޖިލީހުގައި ތަމްސީލުކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.
"12 މެމްބަރުން މި ތަމްސީލު ކުރަނީ ރާއްޖޭގެ 60 އެތައް ހާސް ރައްޔިތުނެއް. އެއީ ރައްޔިތުންގެ މަޖިލީހަށް ބަލާއިރުގައި، ގާތްގަނޑަކަށް 15 ވަރަކަށް ޕަސެންޓް މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް މި ވަނީ ހުރަސްއެޅިފަިއ،" ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ގިނަ އަދަދެއްގެ ބިލެއް ހުށަހަޅާނެ ކަމަށް ބުނެފައިވާ ކަމަށާއި އެ ބިލްތައް ފާސްވުމުގައި ބައެއް މެމްބަރުންގެ ދައުރު ނެތުމަކީ އެ ބިލު ސައްހަކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.
"މި ދެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ވާޖިބު މަޖިލީހުގައި ހުރަސް އެޅި އޮވެ، ރައްޔިތުންގެ މަޖިލިސް ހުޅުވިގެން ގޮސް، މި ބުނާ ގާނޫނުތައް ފާސްވެގެން ދިއުމަކީ އެއީ އަޅުގަނޑު ހިތުން ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް ވާތީ އެއަށް ފުރުސަތު ހޯދުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށްޓަކާ ސުޕްރީމް ކޯޓަށް މިއައީ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އަވަހަށް ގޮތެއް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ބޭފުޅުން ހުށަހެޅުއްވި ސިޓީ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށާއި އާންމު އުސޫލު އޮންނަ ގޮތުން ތިން ދުވަސް ތެރޭ ޖަވާބު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
އެ މުއްދަތުގެ ތެރޭގައި ޖަވާބެއް ނުދެއްވައިފި ނަމަ "ދެން ކަންކުރައްވާނެ ގޮތެއް ނިންމާނީ މަޝްވަރާކޮށްގެން،" ކަމަށް އިބޫ ވިދާޅުވި އެވެ.
ލީޑަރުންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލާގައި އަވަހަށް ގޮތެއް ނިންމުމަކީ މުހިންމު ކަމެއް ކަމަށް ލީޑަރުން ދެކިވަޑައިގަންނަވާ ކަމަށެވެ. ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު، މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އެހެން މުއައްސަސާއަކުން ކަނޑަނޭޅޭނެ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.